ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގެ އެހީގައި ހުޅުމާލޭގައި އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.
އަމީން އެވެނިއު ފްލެޓްތަކުގެ ބިއްދޮށުން (އިރުދޭމާ ހިނގުން) ސެންޓްރަލް ޕާކް ކައިރީގައި އިމާރާތް ކުރާ ތިން ބުރީގެ މިސްކިތުގައި ބިންގާ އެޅުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ޕްލޭނިންގް މިނިސްޓަރ މުހައްމަދު އަސްލަމު އެވެ.
އެ މިސްކިތުގެ ބިންގާ އެޅައިދެއްވީ، އާރްސީސީގެ ޗެއާމަން، އަބްދުއް ރަޝީދާއި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދުގެ ދެބެންނާއި، އަބްދުއް ރަޝީދުގެ ދަރިކަލުންނާއި، އާރްސީސީގެ ޑިރެކްޓަރު މުހައްމަދު ނާޒިމް އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.
އާރްސީސީ އިން ހުޅުމާލޭގައި އެޅުމަށް މިއަދު ބިންގާ އެޅި މިސްކިތަކީ ހުޅުމާލޭގައި އިމާރާތްކުރާ އެންމެ ބޮޑު މިސްކިތެވެ.
ދެ ބުރިއަށް އިމާރާތް ކުރާ އެ މިސްކިތުގައި 1300 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ޖާގަ ހުންނާނެއެވެ. މީގެއިތުރުން އަންހެނުންނަށް ނަމާދުކުރޭވޭ ގޮތަށް ހާއްސަކޮށް ބަކި ބައެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިސްކިތަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް އިރުގެ ހަކަތަ ބޭނުން ކުރާނެ ކަމާއި އެ މިސްކިތް ވެގެންދާނީ ވަރަށް ފުރިހަމަ ރީތި، މިސްކިތަކަށް ކަމަށް އާރްސީސީ އިން މައުލޫމާތު ދެއެވެ.
ބިންގާ އެޅުުން ޝަރަފުވެރިކޮށް ދެއްވުމަށްފަހު ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ މިސްކިތް ބިނާ ކުރާ ނެއިބާހުޑްގައި ވަގުތީ ދެ މިސްކިތެއް މިހާރު ހުރި ކަމުގައި ވިޔަސް އެ ސަރަހައްދުގެ އެންމެން ނަމާދަށް އެރޭ ވަރުގެ ޖާގަ އެއް ނެތް ކަމަށެވެ. އަދި މިއަދު ބިންގާ އެޅުނު މިސްކިތް ވާނީ އެ ސަރައްދުގެ މީހުންނަށް ލިބޭނެ ވަރަށް ހިތްހަމަޖެހުމަކާއި ލުއި ފަސޭހަ އެއް ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ މިސްކިތެއް އެޅުމަކީ އެބޭފުޅާގެ ބައްޕަ އަދި ބޮޑުބޭބެގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. އަދި، މިއަދު މިވަނީ އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ބިންގާ އެޅިފައި ކަމަށްވެސް ނާޒިމް ފާހަގަކުރެއްވިއެވެ.
ނާޒިލް ވިދާޅުވީ، މި މިސްކިތުގެ މަސައްކަތް ފެށުމަށް އިސްލާމިކް މިނިސްޓްރީ އާއި އެޗްޑީސީގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ.
އާރްސީސީއަކީ 1950 ގައި "ރަޝީދު ކާޕެންޓަރީ" ގެ ނަމުގައި ފެށި ކުޑަ ވަޑާން ގެއަކުން އުފެދުނު ވިޔަފާރިއެއްގެ ތެރެއިން އައި ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް