މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހުޅުލޭގައި ތަރައްގީކޮށްފައިވާ ސީޕްލޭން ޓާމިނަލްގެ ހިންގުން ވަރަށް އަވަހަށް ޓީއެމްއޭ އާއި ހަވާލު ކުރާނެ ކަމަށް ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޔައުގޫބަކީ ދައުލަތަށް ގެއްލުންވާގޮތަށް އެތަން ޓީއެމްއޭއަށް ދޭން އުޅޭކަމުގެ މައުލޫމާތު އާންމުވީންސުރެ އެކަމާ ދެކޮޅު ހަދަމުންދާ ބޭފުޅެކެވެ. ޓީއެމްއޭއަށް އެ ޓާމިނަލްގެ ހިންގުން ހަވާލު ކުރަން ނިންމާފައި މިވަނީ ސީޕްލޭން އޮޕަރޭޓް ކުރާ ދިވެހި ކުންފުނިތައް ވެސް އޮއްވައި، އެ ފަރާތްތަކަށް މާކެޓްގެ ވާދަވެރިކަން ހަނިވާ ގޮތަށެވެ.
ޔައުގޫބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދައުލަތަށް ގެއްލުންވާގޮތަށް ޓީއެމްއާއި ޓާމިނަލް ހަވާލުކޮށްފިނަމަ އެކަން ކުރި ބަޔަކު ޖަވާބުދާރީ ކުރުވަން އޭނާ ފަސް ނުޖެހޭނެ ކަމަށެވެ. އަދި މާލިއްޔަތު ކޮމިޓީއިން މިކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.
ޔައުގޫބަކީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރެކެވެ.
https://twitter.com/Yaugoob181/status/1217504551109947392
މެންބަރު ޔައުގޫބުގެ މިވާހަަކަފުޅާއި ގުޅިގެން އެމްއޭސީއެލްއިން އަދި އެއްޗެސް ނުބުނެ އެވެ. އެކަމަކު މި މައްސަލަ ފެންމަތިވުމުން މީގެ ކުރިން އެ ކުންފުނިން ބުނެފައިވަނީ އާ ސީޕްލޭން ޓާމިނަލް ހިންގުމާ ހަވާލުވާނީ ތިން އަހަރު ފަހުން ކަމަށެވެ. މި މުއްދަތުގައި ޓާމިނަލް ހިންގާނީ މިހާރު ވެސް ސީޕްލޭން އޮޕަރޭޓަރުން އަމިއްލައަށް އެ ކުންފުނިތަކުގެ ޓާމިނަލްތައް ހިންގަމުން އަންނަ ގޮތަށް ކަމަށް، އެމްއޭސީއެލުން ބުނެފައިވެ އެވެ.
އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުން ފާޅުގައި މި ނިންމުމަށް ދެކޮޅު ހަދަމުންދާއިރު ސީޕްލޭން ޓާމިނަލް ޓީއެމްއާއި ހަވާލުކޮށްފި ނަމަ ދައުލަތަށް ގެއްލުންވާނެ ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ކުރެއްވި ހާއްސަ އޮޑިޓަކަށްފަހު ނެރުނު ރިޕޯޓުގައިވެސް ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދެ ފަރާތުން ކުރިން މަޝްވަރާކޮށްފައި އޮތް އަގުގައި ޓީއެމްއޭއަށް އެ ޓާމިނަލް ދޫކޮށްފި ނަމަ އެމްއޭސީއެލްއަށް އަހަރަކު 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ)ގެ އާމްދަނީއެއް ގެއްލޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް