ހެދުނު ހޭލެވިއްޖެއެވެ. ތެދުވެ ފާހާނާކޮށް ދަތް އުނގުޅައި ގެންގުޅޭ ފޭސްވޮޝްއިން މޫނު ދޮވެލައިގެން އަވަސް އަވަހަށް ތުވާލިކާއްތާ ފުހެލައިގެން މޫނުގައި ކްރީމެއްލައިގެން ފުއްޖައިގެން ގެއިން ނިކުމެއްޖެއެވެ. ދިލަގަދަ އަވީގެ ނުރައްކާތެރިކަން މޫނުގެ ހަންގަނޑަށް ކުރަންފަށައިފިއެވެ. އޮފީސް ނިންމާފައި ގެއަށް އައިއިރު މޫނު ބަލައިލަން ނުކެރެއެވެ. ކޮންމެ ދުވަހަކުންވެސް ގެއަށް އައިސް މޫނު ދޮވެލާއިރު މޫނުގައި ކުޑަ ދިލައެއް ހުރެއެވެ. އެއީ އަވިން މޫނު އެނދީމައެވެ. މޫނު ދޮވެލާފައި އިރުކޮޅެއްވީތަނާ ހަންގަނޑަށް ވާންވެ ކުރަކިވާހެން ހީވިއެވެ. އެއީ ހަންގަނޑު ހިކުނީމައެވެ. ނުވަތަ މޫނު ދޮންނި ނަމަވެސް ބައެއް ފަހަރު މުޅި މޫނު ނުވަތަ ނޭފަތްމަތި ހީވަނީ ތެޔޮތާހެއް ހެނެވެ. އެއީ މޫނުގެ ހަންގަނޑު މާތެޔޮވީމައެވެ. އަނެއްކާވެސް ހަވީރު ނުވަތަ ރޭގަނޑު ނިކުންނަނީ މޫނުގައި ފުއްޖައި ރީތިވެގެންނެވެ. އަންހެން ކުއްޖެއްނަމަ ފައުންޑޭޝަނާއި، ބްލަޝްއާއި އެކިއެކި ކުލަތައް ހާކާނެތާއެވެ. ދެން އުޅޭނެތަނަކު އުޅެފައި އައިސް ނިދަންވުމުން އަވަސް އަވަހަށް މޫނު ދޮވެލައިގެން އަރައި އޮށޯންނާނެއެވެ. ނަމަވެސް އަނެއްދުވަހު ހޭލި އިރުވެސް ހަނގަނޑު ކުރަކިވެފައެވެ. ނުވަތަ ތެޔޮވެފައެވެ. މިވަނި ކީއްހެއްޔެވެ؟ ހައްލަކީ ކޮބައިހެއްޔެވެ؟
ހެދުނު ހޭލުމަށްފަހު ގެއިން ބޭރަށް ނިކުތުމުގެ ކުރިން މޫނުގެ ހަންގަނޑު ބޭރުގެ އެ އަނިޔާވެރި ވެއްޓަށް ތައްޔާރުކުރަން ޖެހޭނެއެވެ. އަދި ރޭގަނޑު ނިދުމުން މޫނުގެ ސެލްތައް އާކުރާނެތީވެ އެކަމަށް މޫނުގެ ހަނގަނޑު ތައްޔާރުކުރަން ޖެހޭނެއެވެ. އޭރުން އަބަދުވެސް ތާޒާކޮށް މޫނު ބެހެއްޓުމަށް ފަސޭހަވާނެއެވެ. އޮށާޅާއާއި ބިހިނެގުމުން ދުރުހެލިކޮށްދޭނެއެވެ. ހަންގަނޑު ކުރަކިވުމާއި ތެޔޮވުމުން ސަލާމަތްކޮށްދޭނެއެވެ. މިގޮތަށް ނަތީޖާ ނެރުމަށް އަމިއްލަ "ބިއުޓީ ރޫޓިން" އެއް ހަދައި ކޮންމެ ދުވަހަކުވެސް ހެނދުނާއި ރޭގަނޑު ވަރަށް ހިތްވަރާއިއެކު މަސައްކަތްކުރާށެވެ. އަމިއްލަ ބިއުޓީ ރުޓިން އެއް ހެދުމަށްޓަކާ ފަސް ކަމަކަށް ސަމާލުކަން ދޭށެވެ.
ހ. ވަކި ތަރުތީބަކުން ތަކެތި ބޭނުންކުރުން.
މޫނަށް ބޭނުންކުރާ ތަކެތި ބޭނުންކުރަން ޖެހޭނީ ވަކި ތަރުތީބަކުންނެވެ. އެއީ އޭގެ ސަބަބުން ބޭނުންކުރާ ތަކެތީގެ ފައިދާ އެންމެ ރަނގަޅުގޮތުގައި ލިބޭނީ އޭރުންކަމަށް ވާތީއެވެ. މޫނަށް ބޭނުންކުރާ ތަކެތި ތަރުތީބުކުރުމުގައި ވިސްނަންވީ އަބަދުވެސް އެންމެ ފެންކޮށް ނުވަތަ ދިޔައިކޮށް ހުންނަ އެއްޗަކުން ފަށައި އެންމެ އޮލަ އެއްޗަކުން ނިންމުމެވެ. ފަސޭހައިން ހަނދާންކުރާނަމަ "ތިން ޓު ތިކް" އެވެ. މޫނު ދޮވުމަށްފަހު، ޓޯނަރ، އެސެންސް/ސެރަމް އަދި އެއަށްފަހު ކްރީމްއެވެ. ޝީޓްމާސްކެއް ބޭނުންކުރާނަމަ އެސެންސް ނުވަތަ ސެރަމްއަށްފަހު ބޭނުންކުރާށެވެ. ސެރަމް ޝީޓްމާސްކެއްނަމަ ޓޯނަރއަށްފަހު މާސްކްއަޅައި ނިމުމުން މާސްކުގައި ހުރި ސެރަމްތައް ބޭނުންކޮށްގެން މޫނު މަސާޖުކޮށްލާށެވެ. އައި ކްރީމްއެއް ބޭނުންކުރާނަމަ ސެރަމްއަށްފަހު ބޭނުންކުރާށެވެ. އެކްސްފޮލިއޭޓަރ ނުވަތަ ސްކްރަބްއެއް ބޭނުންކުރާނަމަ މޫނު ދޮވުމަށްފަހު ޓޯނަރ ބޭނުންކުރުމުގެ ކުރިން ބޭނުންކުރާށެވެ.
ށ. ހެނދުނަށާއި ހަވީރަށް ވަކި ރުޓިންއެއް ގެންގުޅުން.
އަހަރުމެންގެ ހެނދުނާއި ރޭގަނޑުގެ މަސައްކަތްތަކަކީ ވަރަށް ތަފާތު މަސައްކަތްތަކެކެވެ. ހެނދުނުގެ ރުޓިން ނިންމާފައި ނިކުންނާނީ ދުވަހައިގެން ކުރިޔަށް ދާށެވެ. ރޭގަނޑުގެ ރުޓިން ނިންމާފައި އޮށޯންނާނީ އަރާމު ނިންޖަކުން ނިދާށެވެ. ހަމަ މިފަދައިން މެދެވަގުތު މޫނުގެ ހަންގަނޑުގެ ހާލަތުވެސް ވަރަށް ތަފާތުވާނެއެވެ.
ހެނދުނުގެ ރުޓިންގައި ސަމާލުކަން ދޭންޖެހޭނީ ނިދާފައިވާ ވަގުތު މޫނުގެ ހަންގަނޑަށް ޖަމާވެފައިވާ ކުނި އަދި މޫނުގެ ހަންގަނޑުން ބޭރުކޮށްފައިވާ ތަކެތި އަދި ކުރިންރޭ މޫނުގައި އުނގުޅި ހުރިހާ އެއްޗެއް ރީތިކޮށް ސާފުކުރުމަށެވެ. މޫނުދޮވުމަށް ބޭނުންކުރާނީ ބާރުގަދަނޫން ކްލެންސަރއެކެވެ. އެއަށްފަހު ކުރިން ބުނެވުނު ފަދައިން، ޓޯނަރ، ސެރަމް އަދި ފޭސް ކްރީމްއެވެ. އެއަށްފަހު ކޮންމެހެންވެސް ސަންސްކްރީން ބޭނުންކުރަން ޖެހޭނެއެވެ.
ރޭގަނޑުގެ ރުޓިންގައި ސަމާލުކަން ދޭންޖެހޭނީ މުޅިދުވަހު މޫނުގެ ހަންގަނޑަށް ޖަމާވެފައިވާ ކުނިބުންޏާއި، މޭކަޕާއި، ސަންސްކްރީނާއި، މޫނުގައި އުފެދިފައިވާ ތެޔޮކަން ސާފުކުރުމަށެވެ. ހެނދުނާއި ޚިލާފަށް ރޭގަނޑު "ޑަބަލް ކްލެންސް" ކުރަން ނުވަތަ ދެފަހަރަށް މޫނު ސާފުކުރަން ޖެހެއެވެ. ފުރަތަމަ ފަހަރަށް މޭކަޕްފިލުވަން ގެންގުޅޭ އެއްޗަކުންނެވެ. އޭގެ ތެރޭގައި ތެޔޮ، މައިސެއްލާ ވޯޓަރ އަދި މޭކަޕްރެމޫވަރ ހިމެނެއެވެ. އެއަށްފަހު ކްލެންސަރއެވެ. އަދި ފޭސްކްރީމްގެ ބަދަލުގައި ބޭނުންކުރާނީ ނައިޓް ކްރީމެއް ނުވަތަ ސްލީޕިންގ ޕެކްއެކެވެ.
ނ. އަމިއްލަ "ސްކިން ޓައިޕް" ނުވަތަ ހަންގަނޑު ދެނެގަންނާށެވެ.
އަމިއްލަ ރުޓިންއެއް ހެދުމަށް އަދި އެރުޓިންގައި ބޭނުންކުރާނެ އެއްޗެހީގެ ބާވަތްތައް ދެނެގަތުމަށް ތިމާގެ މޫނުގެ ހަންގަނޑުގެ ޓައިޕް އެނގުމަކީ މުހިންމުކަމެކެވެ. ބޭނުންކުރާ ކޮންމެ އެއްޗެއްވެސް ބޭނުންކުރަންވީ މިންވަރާއި، ބޭނުންކުރަން ޖެހޭނީ ކިހާ އަވަސްއަވަހަކަށްކަމާއި، ބޭނުންކުރަން ޖެހެނީ ކިތައްފަހަރުކަން ދެނެގަނެވޭނީ އޭރުންނެވެ.
އަމިއްލަ ހަންގަނޑުގެ ބާވަތް ދެނެގަތުމަށް އެހީއަކަށް މިލިޔުންކިޔާލާ؛ https://dhuvas.mv/55012
ރ. ކޮންމެހެންވެސް ހިމަނަންވީ މާއްދާތައް
ކޮންމެ ވައްތަރެއްގެ ހަންގަނޑެއް ހުއްޓަސްވެސް ވަކި މާއްދާތަކެއް ހިމެނޭ އެއްޗެހި ގަތުމަށް ސަމާލުކަންދޭށެވެ. އޭގެ ތެރޭގައި؛
އެންޓައި އޮކްސިޑެންޓްސް؛ ވިޓަމިން ސީ އަދި ވިޓަމިން އީ،
ސްކިން ރިޕެލިނިޝިން؛ ހިޔަލޮރޮނިކް އެސިޑް، ގްލައިސެރިން، އެމައިނޯ އެސިޑްސް، ސެރަމައިޑްސް
ސްކިން ރިސްޓޯރިންގ: ޕެޕްޓައިޑްސް
މޫނަށް ދިމާވާ އެކިމައްސަލަތަކަށް ހައްލެއްގޮތުން މިތަކެތި ހިމެނޭ އެއްޗެހި ހޯދުމަށް ސަމާލުކަން ދޭށެވެ.
ހައިޑްރޭޓިންގް / ހަމުގެ ތެތްކަން ދެމެހެއްޓުމަށް: ހިޔަލޮރޮނިކް އެސިޑް، ގްލައިސެރިން، ސެރަމައިޑްސް
ބްރައިޓްނިންގ / ހަންގަނޑު އަލިކުރުމަށް: ވިޓަމިން ސީ، އާރބިއުޓިން ، ނިކޮޓައިނަމައިޑް
އެންޓިއޭޖިންގް / ހަނގަނޑުގައި އުފެދޭ ރޫތައް ފިލުވުމަށް: އެންޓިއޮކްސިޑެންޓްސް، ޕެޕްޓައިޑް، ކޮލާޖެން، އީޖީއެފް (އެޕިޑާރމަލް ގްރޮވްތް ފެކްޓަރ)
އެކްނެ ކެއަރ: އޮށާޅަ ނައްތާލުމަށް: އޭއެޗްއޭ، ޓީޓްރީ އޮއިލް، ކްލޭ،ސެންޓެއްލާ އެސިއޭޓިކާ،ގުއައިއެޒުލިން
ބ.
- ސެރަމްއެއް ބޭނުންކުރާއިރު އަބަދުވެސް ވިސްނަންވާނީ ތިމާގެ މޫނުގެ ހަންގަނޑަށް އެންމެ ބޭނުންވަނީ ކޮންކަހަލަ ސެރަމްއެއްތޯއެވެ. އޮށާޅައަށާއި، މޫނުގައި ރޫޖެހުމާއި، ހަންގަނޑު އަލިކޮށްދޭ، އަދި މިނޫންވެސް އެތައްބައިވަރު ކަންކަމަށް ޚާއްސަ ސެރަމް ހުރެއެވެ.
- ފޭސްމާސްކްއަކީވެސް ހަމަ ސެރަމް އެކޭ އެއްފަދައިން މޫނުގެ ތަފާތު މައްސަލަތަކަށް ހައްލު ހޯދުމަށް ބޭނުންކުރާ އެއްޗަކަށް ހަދާށެވެ. ސަމާލުކަން ދޭންވީ ފޭސްމާސްކް ބޭނުންކުރަނީ މޫނުގެ ހަންގަނޑު އަލިކުރުމަށްކަމަށްވާނަމަ، ހަމަ އެކަމަށް ޚާއްސަ ސެރަމްއެއް ބޭނުންކުރުމަށެވެ. ނޫނީ ތަފާތު އެތައްކަމަށް ބޭނުންވާ ކެމިކަލްތައް އެއްވުމުން ފައިދާވުމުގެ ބަދަލުގައި ގެއްލުންވުންގާތެވެ. ނަމަވެސް ބޭނުންކުރާ ފޭސްމާސްކަކީ މޫނު އިތުރަށް ސާފުކޮށް ކުނިބުނި ނައްތައިލާން އެހީވެދޭ އެއްޗެއްނަމަ އެބޭނުންކުރުމުން މައްސަލައެއް ނެތެވެ.
- ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކާ ކޮންމެ ކަމަކަށްފަހު ނުވަތަ ސްޓެޕަކަށްފަހު މޫނުގެ ހަންގަނޑަށް އެއެއްޗެއް ރަނގަޅަށް ހިނދެން ވަގުތުދޭށެވެ. ކޮންމެ އެއްޗެއްގެވެސް އޮލަމިނަށް ބަލައި އަމިއްލަ ހަންގަނޑަށް ބޭނުންވާވަރަށް ވަގުތު ދޭށެވެ. ވަގުތު ނެތްނަމަ ކޮންމެ ދެކަމެއް ދެމެދުގައި މިނެޓެއް އެންމެ މަދުވެގެން މަޑުކޮށްލާށެވެ.
- ވިޓަމިނައި އޭ އެޗް އޭ؛ މިދޭއްޗަކީ ހަންގަނޑުމަތީ ބޭނުންނެތް ފަށަލަތައް ނައްތައިލަން އެހީވެދޭ ދޭއްޗެވެ. ދުވާލު ގަޑީގައި މިތަކެތި ހިމެނޭ އެއްޗެހި ބޭނުންކުރާނަމަ، އިރު އަލީގައި ހިމެނޭ ޔޫވީއޭ އާއި ޔޫވީބީ ގެ ސަބަބުން ހަންގަނޑަށް އުނދަގޫތަކެއް ކުރިމަތިވުމަކީ ވަރަށް ގާތްކަމެކެވެ. ވީމާ މިތަކެތި ހިމެނޭ އެއްޗެއްނަމަ ރޭގަނޑުގެ ރުޓިންގައި ބޭނުންކުރާށެވެ.
- ކޮންމެމީހެއްގެ މޫނުގެ ހަންގަނޑުވެސް ތަފާތުވުމުގެ ސަބަބުން ހަންގަނޑުގައި ތެޔޮއުފެދޭ މިންވަރު ތަފާތުވާނެއެވެ. ދުވާލުގެ ވަގުތުގައި މޫނުގެ ހަންގަނޑުން ތެޔޮ އުފައްދާލެއް މާގިނަވާނެއެވެ. ވީމާ ހެނދުނުގައި ބޭނުންކުރާ ސެރަމްއާއި ފޭސްކްރީމަކީ ވިހާވެސް ތެޔޮކަންކުޑަ އެއްޗަކަށް ހަދާށެވެ. އަދި އެހާ އޮލަނޫން އެއްޗަކަށް ހަދާށެވެ. އަދި ރޭގަނޑުގަޑީގައި ބޭނުންކުރާ ކްރީމާއި ސެރަމްއަކީ ބޮޑަށް އޮލަ އެއްޗަކަށް ހަދާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް