ކޭން އަށް ބޮޑު އަނިޔާއެއްވެ 6 ހަފުތާއަށް ކުޅުމާ ދުރަށް. ޓޮޓެންހަމްއަށް ބޮލު ރިހުމެއް

މެންޗެސްޓާ ޔުނައިޓެޑް އަތުން 1-0 އިން ބަލިވި މެޗުގައި ޓޮޓެންހަމްގެ ތަރި ހެރީ ކޭން ގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން މަދުވެގެން 6 ހަފުތާ ވާންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމަށް ބެލެވ...

16 Jan 2019 | 07:20

މެންޗެސްޓާ ޔުނައިޓެޑް އަތުން 1-0 އިން ބަލިވި މެޗުގައި ޓޮޓެންހަމްގެ ތަރި ހެރީ ކޭން ގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން މަދުވެގެން 6 ހަފުތާ ވާންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމަށް ބެލެވޭކަމަށް އެ ކްލަބުން ބުނެފިއެވެ.

ޓޮޓެންހަމް އިން ލީގު ރަނގަޅު ކާމިޔާބީއަކާއެކު ނިންމާލުމަށް މަސައްކަތް ކުރާއިރު، އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިއަކީ ލަނޑު ޖެހުމުގައި ހުނަރުވެރި ސެންޓަ ފޯވާޑް ހެރީ ކޭންއެވެ. އެހެންކަމުން އޭނާއަށް ބޮޑު އަނިޔާއަކާ ކުރިމަތިވުމަކީ ޓޮޓެންހަމްއަށް ބޮލު ރިހުމަކަށް ވާނެއެވެ.

ކޭން ގެ ވާއަތު ފައިގެ ކުޑަހުޅުގެ ލިގަމެންޓަށް އަނިޔާ ވެފައިވާއިރު، އޭނާއަށް ދެން އެންމެ އަވަހަށް ވެސް ފަރިތަކުރުންތަކަށް ނުކުމެވޭނެކަމަށް ޓޮޓެންހަމް އިން ލަފާކޮށްފައިވަނީ އަންނަ މާޗް މަހުގެ ކުރީކޮޅުގައެވެ.

ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކޭންގެ އަނިޔާއާމެދު ޓޮޓެންހަމްގެ ކޯޗު ޕޮޗެޓީނޯ ކަންބޮޑުވުން ފާޅުކުރިއިރު، ފުރަތަމަ ތަޙުލީލުތަކުގެ ނަތީޖާއާއެކު ޕޮޗެޓީނޯގެ ބިރު މި ވަނީ ހަގީގަތަކަށް ވެފައެވެ. ހަމަ ޔަގީނުން ވެސް މި އަނިޔާއާއެކު ޓޮޓެންހަމްގެ މުހިންމު މެޗުތަކެއް ކޭންއަށް ގެއްލޭނެއެވެ.

އަނެއްކޮޅުން އާދިއްތަ ދުވަހު މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވުމާއެކު، ޓޮޓެންހަމް އިން ލީގު ތަށްޓަށް ވާދަކުރުމަށް ކުރަމުން އައި އުންމީދަށް ވަނީ ވަރަށް ބޮޑަށް ހިޔަނި އެޅިފައެވެ. އެ ޓީމު ލީގު ތާވަލުގެ 3 ވަނައިގައި އޮތްއިރު، 1 ވަނައިގައި އޮތް ލިވަޕޫލްއާ ދެމެދު 9 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

ކޭންއަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުނުއިރު، ޓޮޓެންހަމްއަށް އޮތް އަނެއް ކަންބޮޑުވުމަކީ އެ ޓީމުގައި ދެން ހުރި އެންމެ ރަނގަޅު އެއް ފޯވާޑް ސޮން އޭޝިއަން ކަޕް ގައި ކުޅުމަށް ސައުތު ކޮރެޔާގެ ޓީމާ މި ވަގުތު ގުޅިފައިވުމެވެ.

އަނިޔާވިއިރު، ލީގުގައި ޖެހި 14 ލަނޑާއެކު، ސަލާހް އާއި އައުބަމަޔަންގ އާ ހިއްސާކުރާ ލަނޑު ތާވަލުގެ އެއް ވަނައިގައި ކޭންގެ ނަން އެބައޮތެވެ. މީގެ އިތުރުން ހުރިހާ މުބާރާތަކުން މި ސީޒަންގައި ޓޮޓެންހަމްއަށް ކުޅެދިން 31 މެޗުން ކޭން ވަނީ 20 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ޕްރިމިއާ ލީގުގެ މެޗުތަކެއްގެ އިތުރުން، ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ޑޯޓްމަންޑް އާ ދެކޮޅަށް ކުޅޭ ދެ މެޗު ވެސް ކޭން އަށް ގެއްލޭނެކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް