އާސެނަލްގެ ގޯލް ކީޕަރ ޕީޓާ ޗެކް މި ސީޒަނަށް ފަހު ކުޅުން ހުއްޓާލަނީ!

މިހާރު އާސެނަލްއަށް ކުޅެމުންދާ އުމުރުން 36 އަހަރުގެ ގޯލް ކީޕަރ ޕީޓާ ޗެކް، މި ސީޒަނަށް ފަހު ޕްރޮފެޝަނަލް ފުޓްބޯޅަ ހުއްޓާލަން ނިންމާފައިވާކަމަށް އޭނާ ބުނެފިއެވެ. ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނ...

16 Jan 2019 | 06:35

މިހާރު އާސެނަލްއަށް ކުޅެމުންދާ އުމުރުން 36 އަހަރުގެ ގޯލް ކީޕަރ ޕީޓާ ޗެކް، މި ސީޒަނަށް ފަހު ޕްރޮފެޝަނަލް ފުޓްބޯޅަ ހުއްޓާލަން ނިންމާފައިވާކަމަށް އޭނާ ބުނެފިއެވެ.

ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްއާ ވާދަވެރި ޗެލްސީ އަށް ވެސް ކުޅުނު ޗެކް ކުޅުން ހުއްޓާލާއިރު، އޭނާ ވަނީ 20 އަހަރު ވާންދެން ވާދަވެރި ފުޓްބޯޅައިގެ މައިދާނުގައި ހިފަހައްޓާލާފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަން ނިމޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އުމުރުން 37 އަހަރު ފުރޭއިރު، ރިޓަޔާ ކުރުމުގެ ކުރިން މި ސީޒަން ތައްޓަކާއެކު ނިންމާލުމަކީ ޗެކް ގެ ވަރަށް ބޮޑު އުންމީދެކެވެ.

ކުޅުން ހުއްޓާލާކަން ހާމަކޮށް ޗެކް މީސްމީޑިޔާގައި އާންމުކުރި ޕޯސްޓެއްގައި ވަނީ "ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި މިއީ އަހަރެންގެ 20 ވަނަ ސީޒަން. އަދި އަހަރެން ޕްރޮފެޝަނަލް ކޮންޓްރެކްޓް އެއްގައި ސޮއި ކުރިތާ ވެސް 20 އަހަރުވީ. އެހެންވީމާ މިއީ މި ސީޒަން ނިމޭއިރު ރިޓަޔާ ކުރާނެކަން ހާމަކުރަން އެންމެ ރަނގަޅު ވަގުތުކަމަށް އަހަރެން ދެކެން" ކަމަށެވެ.

"15 އަހަރު ވާންދެން ޕްރިމިއާ ލީގުގައި ކުޅުނުއިރު، ލިބުމުގެ ފުރުސަތު އޮތް ކޮންމެ ޓްރޮފީއެއް އަހަންނަށް ހޯދިއްޖެ. އެހެންކަމުން، އަހަރެން ހާޞިލްކުރަން ބޭނުންވި ހުރިހާ ކަމެއް ހާޞިލް ވެއްޖެކަމަށް އިހްސާސް ކުރެވޭ. އަހަރެން އާސެނަލްއާއެކު ބުރަކޮށް މަސައްކަތް ކުރާނަން. އަދި އުންމީދު ކުރަން މި ސީޒަންގައި އިތުރު ޓްރޮފީއެއް ހޯދޭނެކަމަށް" އަމިއްލަ ގައުމުގެ ކްލަބް ވިކްޓޯރިއާ ޕްލެޒެން އިން ކެރިއަރ ފެށި ޕީޓާ ޗެކް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް