ފުލުހުންގެ ބަންދުގައި ހުރި އަންހެންމީހާ މަރުވި މައްސަލަ އެޗްއާރުސީއެމުން ބަލަނީ

ފޭރުމުގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްފައި ހުއްޓާ އިއްޔަ މަރުވެފައިވާ 23 އަހަރުގެ އަންހެން މީހާ މަރުގެ މައްސަލަ ބަލަން ފަށާފައިވާކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، (އެޗްއާރުސީއ...

16 Jan 2019 | 05:35

ފޭރުމުގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްފައި ހުއްޓާ އިއްޔަ މަރުވެފައިވާ 23 އަހަރުގެ އަންހެން މީހާ މަރުގެ މައްސަލަ ބަލަން ފަށާފައިވާކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، (އެޗްއާރުސީއެމުން) ބުނެފިއެވެ.

މި މަރާއި ގުޅިގެން ފުލުހުން ނެރެފައިވާ ބަޔާނެއްގައި، ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ހުރި 23 އަހަރުގެ އަންހެން މީހާއަކީ ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި، ތުހުމަތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ވަގުތުން ފެށިގެންނާއި، ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ބަންދުގައި ހުރި މުއްދަތުގައި އޭނާއަށް ލިބިދޭން ޖެހޭ އެންމެހައި ހައްޤުތައް ކަށަވަރުކޮށްދީ، ފުލުހުންގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދީފައިވާނެ ކަމަށާއި، މީގެ އިތުރުން އޭނާ ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ބަންދުގައި ހުރި މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކައި، ފަރުވާ ދީފައިވާކަމަށްވެސް ބުނެފައިވެއެވެ.

މިމައްސަލައާ ގުޅިގެން ނިޔާވެފައިވާ ފަރާތުގެ އޯޓޮޕްސީއެއް ހެދުމާއި ގުޅޭގޮތުން އާއިލާއާ މަޝްވަރާކޮށްދިނުމަށް ފުލުހުން އެދިފައިވާނެ ކަމަށާއި، އެ އަންހެންމީހާ ނިޔާވުމާއި ގުޅިގެން ފުލުހުންގެ ފަރާތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް މިކަމުގެ މަޢުލޫމާތު ހިއްސާކޮށް، މިކަން ބަލައިދިނުމަށް އެދިފައިވާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.

މި މައްސަލައިގައި އެފަރާތްތަކަށް ފުލުހުންގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށްވެސް ފުލުހުން ގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް