ތާޖުއްދީން ސްކޫލަށް ވަދެ، އެ ސްކޫލުގެ ދަރިވަރަކަށް ހަމަލާދީ ޒަހަމްކޮށްލި މީހުން ހައްޔަރު ކޮށްފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މި މަރާމާރީ ހިންގި މީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ. ނަމަވެސް އެއީ ކިތައް މީހުން ކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ޒަހަމްވި ދަރިވަރަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމުގައިވެސް ފުލުހުން ހާމަކުރެ އެވެ. ނަމަވެސް އެ ދަރިވަރަށް ލިބިފައިވާ ޒަހަމްގެ ތަފްސީލު އަދި ނުލިބެ އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ފިރިހެން ދަރިވަރަކަށް، ދަގަނޑު ބުރިއަކުން ހަމަލާދީފައިވަނީ، ސްކޫލު ނިމުނު ވަގުތު ބެލެނިވެރިން ވަނުމަށް ގޭޓް ހުޅުވުމުން، ދެމީހަކު ދަގަނޑު ބުރިއެއް ހިފައިގެން ވަދެ އެވެ.
އެވަގުތު ސްކޫލުގައި ހުރި މީހަކު ބުނީ އެ ހަމަލާ ދީފައިވަނީ ދަރިވަރުންތަކެއްގެ ކުރިމަތީގައި ކަމުން ބައެއް ދަރިވަރުންނަށް ނަފްސާނީ ގޮތުން އަސަރު ކުރި ކަމުގައި ބެލެވޭ ކަމަށާއި ބައެއް ދަރިވަރުން ރުއި މަންޒަރު ފެނުނު ކަމަށެވެ. އަދި ޒަހަމްވި ދަރިވަރުގެ ޔުނީފޯމުގައި ލޭގެ އަސަރު ފެންނަން ހުރި ކަމުގައިވެސް ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް