މަރުހޫމް ހުސައިން ވަހީދުގެ ތައުޒިޔާގެ ދަފްތަރު މަޖިލީހުގައި ހުޅުވައިފި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަލް މަރުހޫމް ހުސައިން ވަހީދުގެ ތައުޒިޔާގެ ދަފްތަރު ރައްޔިތުންގެ މަޖިލީހުގައި ހުޅުވައިފި އެވެ. މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ތައުޒިޔާގެ ދަފ...

15 Dec 2021 | 14:34

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަލް މަރުހޫމް ހުސައިން ވަހީދުގެ ތައުޒިޔާގެ ދަފްތަރު ރައްޔިތުންގެ މަޖިލީހުގައި ހުޅުވައިފި އެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ތައުޒިޔާގެ ދަފްތަރު ހުޅުވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި، ނަޝީދު ވަނީ ހުސައިން ވަހީދައި އެކު މަސައްލަތް ކުރެއްވުމުގެ އުފާވެރި ހަނދާންތައް އާ ކުރައްވާ ވާހަކަފުޅުދައްކަވާފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ކިތަންމެ ބޮޑު އުނދަގުލެއް އަދި ކިތަންމެ ބޮޑު ދައްޗެއް ކުރިމަތިވެގެންދާ ވަގުތުގައި ވެސް އެކަމުގެ ރަނގަޅު ގޮތް އޮންނާނެކަން ހުސައިން އަބަދުވެސް ގަބޫލު ކުރައްވާނެ ކަމަށެވެ. އަދި އެގޮތަކަށް މަސައްކަތްކުރެއްވުމަށް އަބަދުވެސް ހުންނެވި ކަމަށާއި ސިޔާސީ ދާއިރާގެ އިތުރުން ހުސައިން އަކީ އެމަނިކުފާނުގެ ގާތް އެކުވެރިއެއް ކަަމަށް ރައީސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އަރިހުގައި ހުސައިން ވަހީދު، 10 ކެމްޕޭނެއްގައި މަސައްކަތް ކުރައްވައި 32 ރަށަކަށް ދަތުރުކުރެއްވި އެވެ. އޭނާގެ ހިދުމަތުގެ ތެރެއިން ރާއްޖޭގައި އެންމެ ބޮޑަށް އަގު ވަޒަން ކުރެވޭނެ އެންމެ ބޮޑު އެއް ހިދުމަތަކީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވައިލުމުގަޔާއި، އެ ގާނޫނު އަސާސީގެ ދަށުން އިންތިހާބުވި މަޖިލީހުގައި ކުރެއްވި މަސައްކަތްތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ހުސައިން ވަހީދު އަވަހާރަވީ އިއްޔެ ރޭ އޭޑީކޭ ހޮސްޕިޓަލުގައި އެވެ. އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާހޯދާތާ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް