ޓޫރިޒަމް ވިޔަފާރިތަކުން ހިލޭ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެގެން ދިޔަ ހީނަރުކަމުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ފަރާތުން ދީފައިވާ އެހީއަށ...

15 Dec 2021 | 10:54

ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެގެން ދިޔަ ހީނަރުކަމުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ފަރާތުން ދީފައިވާ އެހީއަށް ބޭނުންވާ ވިޔަފާރިތަކުން، އެހީއަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެެވެ.

"އީޔޫ ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް"  ޕްރޮޖެކްޓްގެ ގެ ދަށުން އީޔޫ އިން ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ 2 މިލިއަން ޔޫރޯ (34.7 މިލިއަން ރުފިޔާ) އެވެ. މީގެ ތެރެއިން 1.4 މިލިއަން ޔޫރޯ (24 މިލިއަން ރުފިޔާ) އަށް އެދުމުގެ ފުރުސަތު ޓުއަރިޒަމް ދާއިރާގެ ކުދި ވިޔަފާރިތަކަށް ހުޅުވާލައިފައި ވެއެވެ.

ހިލޭ އެހީ ހާއްސަ ކުރެވިފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުންދާ ގެސްޓްހައުސްތަކާއި ސަފާރީތަކަށެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި އެހީ ލިބޭނީ ރާއްޖޭގައި ހިންގާ ގެސްޓް ހައުސް ތަކާއި، ސަފާރީ ތަކުގެ ތެރެއިން 40 އެނދަށްވުރެ މަދުން އޮޕަރޭޓްކުރާތަން ތަނަށް ކަމުގައެވެ. އަދި ޝަރުތު ހަމަވާ ވިޔަފާރިތަކުން އޮޕަރޭޓް ކުރާ ކޮންމެ އެނދަކަށް 2,453.76 ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ކަމުގައި މިނިސްޓްރީން ހާމަ ކުރެއެވެ.

މިގޮތުން އެހީއަށް އެދި ހުށަހަޅާ ވިޔަފާރިތަކުގެ ޝަރުތުތަކުގެ ތެރޭގައި، ރަޖިސްޓަރީ ކޮށްގެން ހިންގާ އަމިއްލަ ފަރުދެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ޕާޓްނާޝިޕް ވިޔަފާރިއަކަށް ވާން ޖެހޭނެއެވެ. ގެސްޓް ހައުސް ނުވަތަ ސަފާރީ ހިންގުމުގެ ލަައިސަންސް، ޑިސެމްބަރު 2019 އަދި ޖެނުއަރީ، ފެބްރުއަރީ 2020ގައި ލިބިފައިވުމާއެކު، ޚިދުމަތް ފޯރުކޮށްދޭ އެނދުގެ އަދަދު 40 އަށް ވުރެ އިތުރު ނުވުން ހިމެނެއެވެ. މީގެ އިތުރުން، މި އެހީއަށް އެދި ހުށަހަޅާއިރު، ގެސްޓް ހައުސް ނުވަތަ ސަފާރީ ހިންގުމުގެ ލައިސަންސާއި ފާއިތުވި އެއް މަސް ދުވަހުގެ ބޭންކް ސްޓޭޓްމަންޓް ހުށަހަޅަން ޖެހޭނެ އެވެ. އަދި އެހީއަށް އެދި ހުށަހަޅަން ޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ޕޯޓަލް https://eusupport.mfmc. އިންނެވެ. މި އެހީ އަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މޭ 31، 2022 ގެ މެންދުރު 2:00 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް