ރަށްރަށުން ތިލަފުށްޓަށް ކުނި ގެންނަމުން އައީ ތިމާވެށްޓަށް މާބޮޑު ސަމާލުކަމެއް ދީގެން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ މަޝްރޫޢު އިފްތިތާޙްކުރުމަށް މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސް ވިދާޅުވީ އެއް ތަނުން އަނެއް ތަނަށް ކުނި އުފުލުމުގައި ނުރައްކާތެރި ބާވަތްތަކުގެ ވަރަށް ގިނަ ކުނި ކަނޑަށް އެޅޭ ގޮތް މެދުވެރިވާކަމަށާއި މިއީ ރަނގަޅަށް ކުނި މެނޭޖްކުރެވޭނެ ނިޒާމެއް ޤާއިމުވެފައި ނެތުމުގެ ސަބަބުން ދިމާވި ކަމެއްކަމަށެވެ.
ޤައުމު ތަރައްޤީ ކުރަންވާނީ ވެސް، އަދި އިޤްތިޞާދީ ޙަރަކާތްތައް ހިންގަންވާނީ ވެސް، ވަށައިޖެހޭ ނިޒާމެއްގެ ތެރެއިންކަން ވެސް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފަ އެވެ.
ވޭސްޓް ޓު އެނަރޖީ މަޝްރޫޢަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މި މަޝްރޫޢުގެ އެންމެ މުހިންމު ކަމަކީ، މިއީ ކުނި ނައްތައިލާ މަޝްރޫޢަކަށް ވުން ކަމަށާއި، މި މަޝްރޫޢުގެ ދަށުން ތިލަފުށީގައި ޤާއިމުކުރާ ޒަމާނީ ވަސީލަތްތަކުން ކުނި ނައްތައިލާއިރު، ކުނީގެ މާނައިގައި ހިމެނިގެން، އެއްލާލަންޖެހޭ މާބޮޑު އެއްޗެއް ނޯންނާނެ ކަމަށެވެ.
"ކިތަންމެ ގަދަ ހޫނެއްގައި ކުނި އެންދިޔަސް، އެ މެޝިނުން ދުމެއް ވިހައެއް އަދި ވަހެއް ވެސް ބޭރު ނުވާނެ. މި މަޝްރޫޢުގެ ދަށުން ކުނިތައް ނެތިގެންދާއިރު އޭގެ ބަދަލުގައި އުފެދޭނީ ޙަކަތަ. ކުނި އަންދައިގެން ކަރަންޓު އުފެއްދުމަކީ، އިޢާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް." ރައީސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް