ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ނިމިއްޖެ

ބ. ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް  ކުރިއަށް ގެންދާ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއ...

15 Dec 2021 | 05:25

ބ. ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް  ކުރިއަށް ގެންދާ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

މި މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މިދިޔަ މަހުގެ20 ވަނަ ދުވަހު އެވެ.

މި މަޝްރޫޢުގެ ދަށުން، ބަނދަރު އަދި ނެރު ފުންކުރުމާއި، 130 މީޓަރު ބޭރުތޮށި ލުމާއި،214 މީޓަރު އެއްގަމު ތޮށި ލުމާއި، 317 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި ބަނދަރު ސަރަހައްދުގައި 908 އަކަ މީޓަރުގެ ޕޭވްމެންޓް ހެދުމާއި، ރޭމްޕެއް ހެދުމުގެ މަސައްކަތާއި، ބަނދަރާއި ރަށާއި ގުޅާލުމަށް 812 އަކަ މީޓަރުގެ ވޯކްވޭ ބްރިޖެއް ހެދުމާއި، ނެރު ބައްތި ހަރު ކުރުމާއި، ސެޓުލްމަންޓް ޓޭންކް ހެދުމުގެ މަސައްކަތް ފުރިހަމަ ކޮށް ނިންމާލެވިފައި ވާކަަމަށް އެމްޓީސީސީން ހާމަކުރެއެވެ.

މީގެ އިތުރުން، އެ މަޝްރޫޢުގެ މަސައްކަތުގައި ފެހެންދޫގައި އެމްޓީސީސީން ހޭދަކުރި މުއްދަތުގެ ތެރޭގައި ފެހެންދޫއަށް ބޭނުންތެރިވެފައިވާ ގިނަކަންކަމުގައި އެހީތެރިކަން ވަނީ ފޯރުކޮށްދީފައި ކަމުގައި އެ ކުންފުނިން ހާމަކުރެއެވެ.

މިގޮތުން، އިޖްތިމާއީ ޒިންމާގެ ދަށުން، ފެހެންދޫ ދޯނިއެހެލާ ސަރަޙައްދު ފުންކޮށްދިނުމާއި، ވިއްސާރަވެ ފެންހެދޭ ސަރަޙައްދުތަކަށް ވެލިއަޅައި އެއްވަރުކޮށްދިނުމާއި، ރައްޔިތުން މޫދަށްއެރޭ ސަރަޙައްދު ވެލިއަޅައި ސްލޯޕްއެއް ޤާއިމްކޮށްދިނުމާއި، ހިއްކާފައިވާ ސަރަޙައްދުގައި ރުއް އިންދުމާއި، ކުނި މެނޭޖްކުރާ ސަރަޙައްދު ސާފުކޮށްދިނުންފަދަ އިޖްތިމާއީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައި ކަމުގައި އެމްޓީސީސީން ވިދާޅުވެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ 45.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އެގޮތުން، މިވަގުތު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 62 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެތެރެއިން 34 މަޝްރޫއަކީ ބަނދަރު ހެދުމުގެ މަޝްރޫއެވެ. އަދި މިވޭތުވެދިޔަ 3 އަހަރު ދުވަހުގެތެރޭގައި ބަނދަރު ހެދުމުގެ 23 މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް