ރ. ފައިނުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިމިފައިވާ ކަމަށް އެ މަޝްރޫޢު ހިންގި ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
މި މަސައްކަތް އެއްކޮށް ނިންމާލީ އިއްޔެ އެވެ.
އެމްޓީސީސީން ވިދާޅުވީ އެ މަޝްރޫޢުގެ ދަށުން 8,100 ކިޔުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އެޅުމާއި، ރަށްގިރުމުން ރައްކާތެރިކޮށްދިނުމުގެ ގޮތުން 250 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ފުރިހަމަ ކޮށްފައިވާ ކަމުގައެވެ.
ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ނިންމުމަށްފަހު، އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން، ފައިނުގެ ދޯނިއެހެލާ ސަރަޙައްދު ލެވެލްކުރުމާއި، ރަށުގެ އެކި ސަރަޙައްދުތައް ސާފުކޮށްދިނުމާއި، ރަށުގެ ބައެއް މަގުތައް ސާފުކުރުމާއި، މަގުތަކަށް ވެލިއަޅައި އެއްވަރުކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމުގައި އެ ކުންފުނިން ވިދާޅުވެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ 8.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
އެގޮތުން، މިވަގުތު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 62 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެތެރެއިން 34 މަޝްރޫއަކީ ބަނދަރު ހެދުމުގެ މަޝްރޫއެވެ. އަދި މިވޭތުވެދިޔަ 3 އަހަރު ދުވަހުގެތެރޭގައި ބަނދަރު ހެދުމުގެ 23 މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް