އިންޑިއާ އާއި މި ސަރުކާރުން ހާއްސަ ގުޅުމެއް ބާއްވަމުންދާ ކަމަށް ބުނެ އިދިކޮޅުން ކުރާ ތުހުމަތަކީ އަސްލެއް ނޫންކަން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ޔަގީން ކޮށްދެއްވައިފި އެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ އިންޑިއާ އާއި އެކު މި ސަރުކާރުން ކުރިޔަށް ގެންދާ ގިނަ މަޝްރޫއުތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެއްބަސްވެފައިވާ ކަންކަން ކަމަށެވެ. އޭގެ ތެރޭގައި ޑޯނިއާ ފްލައިޓާއި އިތުރު ތިލަފަޅު ފަދަ ބިޔަ ޕްރޮޖެކްޓުތަކަކީ ޔަމީން ސަރުކާރުގައި އިންޑިއާ އާއި އޮތް ގާތް ގުޅުމުގެ ސަބަބުން އެއްބަސްވުންތައް ހަދައިފާ ކަންކަން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑޮނިއާ ފްލައިޓަކީ ޔާމީން ސަރުކާރުގައި ރާއްޖެ ގެނައި އެއްޗަކަށް ވާއިރު އެ ފޮނުވުން ލަސްވެގެން އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވާހަކަ ދެއްކެވިކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. އެހެން ކަމުން އިންޑިއާއިން އެހީ ހޯދައި ގުޅުން ބަދަހިކޮށް މާ މައްޗަށް ކަންކަން ގެންދަން ފެށީ މި ސަރުކާރުން ކަމަށް ބުނެވެން ނޯންނާނެ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުމާއި ގުޅޭގޮތުން ދައްކަމުންދާ ގިނަ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. ދެން އެންމެ ބޮޑަށް ކުރަމުންދާ ތުހުމަތަކީ ކަންކަން ސިއްރު ކުރާ ކަމަށް ބުނުން ކަމަށެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެކި ކޮމިޓީތަކުގައި އެ އެއްބަސްވުންތަކުގެ މައުލޫމާތު ދެނުނު ގޮތުގައި ތަފްސީލްތައް އެހުރީ ފެންނަން ކަމަށާއި މި ސަރުކާރުން އެއްވެސް ކަމެއް ސިއްރު ކުރަން ނޫޅޭ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ޔާމީން ސަރުކާރަށް އިންޑިއާ ގޯސްވީ ސިޔާސީ ކުށްވެރިން އެކި ދައުވާތަކުގައި ޖަލަށް ލުމުން އެކަމުގެ ހިތްހަމަ ނުޖެހުން އިންޑިއާއިން ފާޅު ކުރުމުން ކަމަށެވެ. އެހިސާބުން މުޅި ދުނިޔެއާއި ރާއްޖެ އެކަހެރިވެ އަމިއްލައަށް އުޅެން ފެށީ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަރުޖަމާނު ވިދާޅުވީ މި ސަރުކާރުން އެފަދަ ސިޔާސަތެއް ނުގެންގުޅޭ ނަމަ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތަކީ ހުރިހާ ގައުމުތަކާއި ގުޅިގެން އެކުވެރިކަން މަތީ އުޅުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް