އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު މެޗެސްޓާ ސިޓީން ކާމިޔާބު ކޮށްފިއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުން ލީޑްސް އަތުން ސިޓީ މޮޅުވެފައިވަނީ 0-7 ގެ ނަތީޖާއިންނެވެ.
ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ސިޓީން އެޓީމުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ މެޗު ފެށިގެން އަށް ވަނަ މިނެޓުގައެވެ. މި ލަނޑު ފިލިޕް ފޯޑެން ކާމިޔާބު ކޮށްދިންއިރު، ސިޓީގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްދިނީ މެޗުގެ 13 ވަނަ މިނެޓުގައި ޖެކް ގްރީލިޝްއެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ސިޓީގެ ތިންވަނަ ލަނޑު ޖަހާ އިތުރަށް ލީޑު ފުޅާކޮށްދިނީ ކެވިން ޑިބްރެއިނާއެވެ.
ތިން ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ސިޓީން ނިންމާލިއިރު، އެޓީމުގެ ހަތަރުވަނަ ލަނޑު 49 ވަނަ މިނެޓުގައި ރިޔާދް މަޙްރޭޒް ކާމިޔާބު ކޮށްދިންއިރު، އެޓީމުގެ ފަސް ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކެވިން ޑިބްރެއިނާއެވެ. ސިޓީގެ ހަވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖޯން ސްޓޯންއެވެ. އެޓީމުގެ ފަހު ލަނޑު 78 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ނަތަން އޭކާއެވެ.
މި މޮޅާއި އެ ސިޓީން މިވަގުތު ވަނީ ހަތަރު ޕޮއިންޓުގެ ލީޑަކާއި އެކު ތާވަލްގެ އެއްވަނާގައި ހަމަޖެހިލާފައެވެ. އެޓީމު އެއްވަނާގައި އޮތީ ލުޅުނު 17 މެޗުން ލިބުނު 41 ޕޮއިންޓާއި އެކުގައެވެ.
ސިޓީއަށް ވުރެ އެއް މެޗު މަދުން ކުޅެ 37 ޕޮއިންޓާއި އެކު ދެވަނާގައި އޮތީ ލިވަޕޫލެވެ. ނަމަވެސް ލިވަޕޫލް ނިއުކާސަލްއާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން ސިޓީއާއި ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުދަކުރެވުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ. ތިންވަނާގައި އޮތީ 16 މެޗުން ލިބުނު 36 ޕޮއިންޓާއި އެކު ޗެލްސީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް