ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ކޮވިޑަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
އުމަރު ޒާހިރުގެ އުމުރުފުޅަކީ 85 އަހަރެވެ.
އުމަރު ޒާހިރުގެ އާއިލާއާ ހަވާލާދީ ޕީއެސްއެމްއިން ރިޕޯޓު ކުރި ގޮތުގައި އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ކުރި ޓެސްޓަކުންނެވެ. އަދި ހާލު ސީރިއަސްވެ މިހާރު ފަރުވާ ހޯދަމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކޮށް އޮކްސިޖަން ގުޅައިގެން ކަމުގައި ބުނެފައި ވެއެވެ.
ދާދިފަހުން ފުވައްމުލަކު ސިޓީގައި އުމަރު ޒާހިރުގެ އަމިއްލަ ޚަރަދުގައި ބިނާކޮށްދެއްވި މިސްކިތް ހުޅުވުމަށްފަހު އެނބުރި މާލެ ވަޑައިގެންނެވި ފަހުން އުޅުއްވަނީ ހުމުގެ އާލާސްކަން ފުޅާ އެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ދިވެހި ދައުލަތައް ޚިދުމަތް ކުރައްވާފައިވާ އުމަރު ޒާހިރުގެ ފާހަގަކޮށްލެވޭ ޚިދުމަތްތަކުގެ ތެރޭގައި ހުޅުމާލެ ހިއްކުމާއި ތިލަފަޅު ހިއްކުން ފަދަ މަޝްރޫޢުތައް ހިމެނެއެވެ.
އެގޮތުން މި މަޝްރޫއުތައް ހިންގި އިރު އެ މަސައްކަތުގެ މޭސްތިރިއަކަށް ވެ ވަޑައިގެން އުމަރު ޒާހިރު ހުންނެވީ ހައުސިންގ މިނިސްޓަރު ކަމުގެ މަޤާމްގައެވެ. މީގެ އިތުރުން 1953 ވަނަ އަހަރުން ފެށިގެން ދަޢުލަތައް ޚިދުމަތް ކުރެއްވި އިރު، ކުޅިވަރާ ބެހޭ ވަޒީރުކަމާއި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރުކަންވެސް ކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް