ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އަމީން، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފި

ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލާފައިވާ މުހައްމަދު އަމީން، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. ޝަރީއަތް ނިމެންދެން އަމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަ...

15 Dec 2019 | 08:17

ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލާފައިވާ މުހައްމަދު އަމީން، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ޝަރީއަތް ނިމެންދެން އަމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވާއިރު އަމީންގެ މައްޗަށް ދައުވާކުރަނީ ގިނަ ދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި، ހަނގުރާމަވެރި މަޖާއަތްތަކުގެ ބައިވެރިވުމަށް ރާއްޖެއިން މީހުން ރެކްރޫޓްކޮށް ހަނގުރާމައަށް މީހުން ފޮނުވަން އަމަލީގޮތުން ހަރަކާތްތެރިވެ، އެކަމަށް އެހީތެރިވެދީ ވާގިވެރިވާކަމަށް ތުހުމަތު ކުރެވޭތީ އާއި އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯޓް ދިނުމާއި، ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ އިސްފަރާތްތަކާއި ގާތް ގުޅުމެއް ބާއްވާ، އެފަދަ ޖަމާއަތްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އަމީން އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

އަމީނަކީ ނިރުބަވެރިއެއްކަމަށް އެމެރިކާއިން ތުހުމަތުކޮށް އެކަން އެމެރިކާއިން އާންމުކޮށްފައިވެއެވެ. އަމީނަކީ އެމެރިކާއިން ނިރުބަވެރިންގެ ގޮތުގައި ކަނޑައަޅާ ލިސްޓުގައި ހިމެނުނު ފުރސަތަމަ ދިވެހި މީހާއެވެ.

ދިވެހި ފުލުހުން އަމީން ހައްޔަރުކުރީ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުގައެވެ.

އަމީނަކީ ސަލްޓަން ޕާކު ބޮން ގޮއްވި ހަމަލާއާއި ގުޅިގެންވެސް ހައްޔަރުކުރަން އުޅުނު މީހެކެވެ. ނަމަވެސް އޭނާ އޭރުވަނީ ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފައެވެ. އޭނާ ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސްވެސް ނެރުނެވެ. އަދި 2011 ވަނަ އަހަރ ލަންކާއިން ހައްޔަރުކޮށްގެން އޭނާ ރާއްޖެ ގެނައެވެ. ނަމަވެސް އެއަށްފަހު އޭނާ ހުންނަނީ ދޫކޮށްލާފައެވެ.

ލަންކާއިން އޭރު އޭނާ ހައްޔަރުކުރީ ވަގު ޕާސްޕޯޓެއްގައި އެ ގައުމަށް އެތެރެވާން އުޅެނިކޮށެވެ. އޭރު އޭނާގެ އަތުން ދިވެހި ޕާސްޕޯޓަކާއި ޕާކިސްތާނު ޕާސްޕޯޓެއް ފެނުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް