ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ނ. ވެލިދޫގައި ހުޅުވައިފިއެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެ ބޭންކުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވެލިދޫގައި މިހުޅުވި މި ސެންޓަރާއެކު އެ އަތޮޅުގައި ބީއެމްއެލް އިން ބޭންކިންގ ޚިދުމަތް ދޭ ތިން ބްރާންޗާއި ތިން ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް އާއި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޭޝް އޭޖަންޓުން މެދުވެރިކޮށް ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލް އިން ބުންޏެވެ.
ވެލިދޫގައި މިހުޅުވި ސެންޓަރުން ކްރެޑިޓް އަދި ޑެބިޓް ކާޑުގެ ޚިދުމަތަށް އެދި ހުށަހެޅުމަށް ބޭންކު ހުޅުވިފައި ހުންނަ ވަގުތުތަކުގައި މި ބްރާންޗުގެ މުވައްޒަފުންގެ ފަރާތުން އެހީތެރިކަން ލިބިގެންދާނެ ކަމަށާއި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ހުޅުވިގެންދިޔަ އާ ބްރާންޗުން އެކައުންޓް ހުޅުވުމާއި ޕާރސަނަލް އަދި ބިޒްނަސް ލޯނަށް އެދި ހުށަހެޅުމުގެ ޚިދުމަތްވެސް ލިބޭނެކަަމަށް ބީއެމްއެލް އިން ބުންނެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޓިމް ސޯޔަ ވިދާޅުވީ މިއީ މުޅި ރާއްޖެއަށް އަމާޒުކޮށް ބޭންކިންގ ހިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ހުޅުވުނު އާ ބްރާންޗު މެދުވެރިކޮށް ވެލިދޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދެވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 50 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންނާއި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް