މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) ކުރިއަރުވާ ރައީސްއަށް ލަފާ އެރުވުމަށް ކޮމެޓީއެއް އެކުލަވާލައިފިއެވެ.
އެޕާޓީގެ އިންތިގާލީ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެކުލަވާލެއްވި މަޝްވަރާ ކޮމިޓީގައި ހިމެނެނީ 12 ބޭފުޅުންނެވެ.
މި ކޮމެޓީގައި އެކި ފަންނުތަކުގައި ފާހަގަކޮށްލެވޭ ބޭފުޅުންނާއި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި ބޭފުޅުންނާއި ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު، އައްބާސް އިބްރާހީމް އާއި ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްވެސް ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން ގައުމީ އިނާމު ކޮމިޓީގެ މެމްބަރުންނާއި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރައްވަމުން ގެންދަވާ ރަހީމާ އާދަމްއާއި ހެލްތް މިނިސްޓީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރުއާއި ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި މައުމޫންގެ އާއިލީ ބޭފުޅެއް ކަމަށްވާ ވަފާ ވަހީދު މުހައްމަދުއާއި އާއިޝަތު ޝިހާމާ ހިމެނިވަޑައިގަންނަވައެވެ. އަދި ފުޓްބޯޅަ ކޯޗު އަލީ ސުޒެއިންއާއި ފިލްމީ ތަރި ނިއުމާ މުހައްމަދާއި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކުރީގެ މެމްބަރު މޫމިނާ އާދަމްއާއި ވިޔަފާރިވެރިޔާ އިސްމާއިލް މާޖިދު އަދި މުހައްމަދު އަފީފް ހުސައިންވެސް މި ކޮމެޓީގައި ހިމެނިވަޑައިގަންނަވައެވެ.
ޕާޓީއެއްގެ ގޮތުގައި 20 ނޮވެންބަރ 2019 ވަނަ ދުވަހު އެމްއާރުއެމް ރަޖިސްޓްރީކޮށްފައިވާ އިރު، ޕާޓީގެ އިންތިގާލީ ރައީސަކަށް އައްޔަން ކުރައްވާފައިވަނީ މައުމޫން ޢަބްދުލްޤައޔޫމެވެ. ނައިބު ރައީސުންނަކީ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި އާމިނަތު ނާދިރާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް