ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާއެއް ކަމަށާއި އެ އުޅެނީ ރައީސް ޔާމީންގެ ނަން ފޮހެލައިގެން ނޫނީ ކުރިއަށްދެވޭނެ ހަމަ އެއްގޮތެއްވެސް ނެތިގެން ކަމުގައި ޕީޕީއެމް ޕާލަމަންޓަރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ "ފުނޑާލައިފި" ނަމުގައި އިދިކޮޅުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަލީމް ވިދާޅުވީ ރައީސް ޔާމީނަކީ މި ގައުމުގެ ތަރައްގީގެ ބާނީ ކަމަށެވެ. ޝަރީއަތްކޮށް ހުކުމް ކުރަން އުޅެނީ އެ ތަރައްގީއަށް ހަސަދަވެރިވާތީ ކަމުގައި ސަލީމް ތަކުރާރުކޮށް ވިދާޅުވިއެވެ.
އަދި ހުކުމް ކުރާ ގާޒީ ޖޭއެސްސީއަށް ދަމާ ސަސްޕެންޑް ކުރުމަކީ އިސްލާމީ ހަމަތައް ދަންނަ ކަމެއް ނޫން ކަމަށެވެ. އެގޮތުން މިސާލެއްގެ ގޮތުގައި ސަލީމް ނެންގެވީ އަލީގެފާނުގެ އައްޑަނަފުޅު ޔަހޫދީއަކު ނެންގެވުމުން ހިންގުނު ޝަރީއަތެއްގެ މިސާލެވެ.
" ގާޒީ ސުރައިހް ކިޔާ ބޭފުޅަކު ޝަރީއަތް ކުރެއްވީ، އަލީގެ ފާނަށް ހެކި ނުދެއްކިގެން އެ ޔަހޫދީ ކަލޭގެ ކޮޅަށް އެ މައްސަލަ ނިމުނީ، އެކަމު ހަގީގަތުގައި އައްޑަނަކޮޅު މި ފޮރުވީ ހަމަ މި ހަމަ ޔަހޫދީ ކަލޭގެ، ފަހުން މި ޔަހޫދީ ކަލޭގެ އައިސް އީމާންވެ އައްޑަނަކޮޅު ހަވާލުކުރީ، ފަހަރެއްގައިވެސް ގާޒީ ސުރައިހް ޖޭއެސްސީއަށް ގެނެސް ލަފުގަ ހިފާ ދަމާ ގެނެސް އޭނާ ސަސްޕެންޑެއް ނުކުރައްވައޭ، އޭރުގަ ޖޭއެސްސީގެ ރައީސަކީވެސް ހުރިހާ އެއްޗަކީވެސް އަލީގެ ފާނޭ ބާރު އޮތޭ" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ހުކުމް ހަމަ ކޮންމެ ގޮތަކަށްވެސް އައިސްދާނެ ކަމަށާއި ނަމަވެސް ލައިވްކޮށް ދެއްކި ޝަރީއަތް ރައްޔިތުން ބަލައި، ރައްޔިތުން މިހާރު ތިބީ ހުކުމް ކޮށްގެން ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި އެ ހުކުމަކީ ރައީސް ޔާމީން އެ ޝަރީއަތުގައި ކުށްވެރި ނުވާ ހުކުމެއް ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް