މި މަހުގެ 17 އިން 24 އަށް، އ.ދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ، ނިލްސް މެލްޒަރ، އޭނާ ރާއްޖެއަށް ކުރާ ފުރަތަމަ ރަސްމީ ދަތުރު ކުރަން ވަނީ ހަމަޖެހިފައިވާކަމަށް އ.ދ. އިން ބުނެފިއެވެ.
އެގޮތުން ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ ގެ މިޝަން ރާއްޖެ އައުމަށް ހަމަޖެހިފައި މި ވަނީ ރާއްޖޭގައި މީގެ ކުރިން ހިނގާފައިވާ ރަހުމުކުޑަ، ލާއިންސާނީ، އަދި ދަށުދަރަޖައިގެ އަދަބުތަކާއި އަމަލުތައް ހުއްޓުވުމަށާއި، އެފަދަ އަމަލުތައް ކުރިއަށް އޮތް ތާނގައި ނުހިގާނެކަން ޔަގީންކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭނެކަމަށް ދިވެހިރާއްޖޭގެ ސަރުކާރުން ވައުދުވެ، ދިވެހިރާއްޖޭގެ ސަރުކާރުން ދީފައިވާ ދައުވަތަކަށްކަން ފާހަގަކޮށްފައިވެއެވެ. ސްޕެޝަލް ރެޕެޓުއަރ މެލްޒަރ ގެ މިދަތުރުގައި މިފަދަ އަމަލުތައް ހުއްޓުވުމަށް އެޅިފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯއާއި، ކުރިއަށް އޮތްތާނގައި ރަނގަޅުކުރަންވީ ކަންތައްތަކަކީ ކޮބައިކަން ބަލާނެ ކަމުގައި ބުނެފައިވެއެވެ.
"ދިވެހިރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރަން ފަށާފައިވާ މަސައްކަތުގައި އިންސާނީ ހައްގުތަކުގެ ބައިނަލްއަގުވާމީ މިންގަނޑުތައް ހަރުދަނާ ގޮތެއްގައި ގާއިމުކުރެވޭތޯ ކަމާބެހޭފަރާތްތަކާ އެހެނިހެން އެކިއެކި ގްރޫޕްތަކާއެކު، ބިނާކުރަނިވި ވާހަކަތަކެއް ދެއްކޭނެކަމާމެދު އަހަރެންގެ އުއްމީދު ވަރަށް ބޮޑު،" މެލްޒަރ ބުންޏެވެ.
ސްޕެޝަލް ރެޕެޓުއަރ ގެ މި ދަތުރުގައި ސަރުކާރުގެ އިސް ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ޖުޑީޝިއަރީ ގެ އެކިއެކި ފަރާތްތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި، ނެޝަނަލް ހިއުމަން ރައިޓްސް މެކޭނިޒަމްގެ އެކިއެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި، ގާނޫނީ ވަކީލުންނާއި، އިލްމުވަރެންނާއި، އެކްޓިވިސްޓުންނާއި، އަނިޔާ ލިބިފައިވާ ފަރާތްތަކާއި އެ ފަރާޓްތަކުގެ އާއިލާތަކާވެސް ސްޕެޝަލް ރެޕަޓުއަރ ބައްދަލުކުރަން ހަމަޖެހިފައިވާކަމަށާއި ސްޕެޝަލް ރެޕެޓުއަރ ގެ މި ދަތުރުގައި ޖިނާއި އަދުލުގެ ނިޒާމުގެ ތެރޭގައްޔާއި، އިމިގްރޭޝަންއާއި، ސިއްހީ ދާއިރާގެ އިތުރުން އިޖްތިމާއި ހާއްސަ އެހީ ބޭނުންވާ ފަރާތްތައް ފަދަ، މިނިވަންކަމުން މަހުރޫމްވެފައިވާ މީހުން ބޭތިއްބުމަށް ހާއްސަ ތަންތަނަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ.
މި ދަތުރުން ފާހަގަކުރެވޭ ކަންތައްތައް ހިއްސާކުރުމަށްޓަކައި 24 ނޮވެމްބަރު 2019 ވަނަ ދުވަހުގެ 13:30 ގައި މާގިރި ހޮޓެލްގައި ޕްރެސް ކޮންފަރަންސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ. އަދި އ.ދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ ނިލްސް މެލްޒަރ ރާއްޖެއަށް ކުރަން ހަމަހިފައިވާ މި ދަތުރުން ފާހަގަ ކުރެވޭ ކަންކަމުގެ ފުރިހަމަ ރިޕޯޓް، މާޗް 2021 ގައި އ.ދ. ގެ ހިއުމަން ރައިޓްސް ކައުންސިލް އަށް ހުށަހަޅަން ވަނީ ހަމަޖެހިފައި ކަމުގައިވެސް ބުނެފައިވެއެވެ.
ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ އެންޑް އަދަރ ކްރުއަލް، އިންހިއުމަން އޯ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯ ޕަނިޝްމަންޓް، މިސްޓަރ ނިލްސް މެލްޒަރ އަކީ އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ސްޕެޝަލް ޕްރޮސީޖަރސް އަށް ނިސްބަތްވާ މާހިރެކެވެ. ސްޕެޝަލް ޕްރޮސީޖަރސް އަކީ އ.ދ. ގެ ހިއުމަން ރައިޓްސް ސިސްޓަމްގައި ގާއިމުކުރެވިފައިވާ، މިނިވަން މާހިރުންގެ އެންމެ ބޮޑު ގްރޫޕްއެވެ. އަދި ސްޕެޝަލް ޕްރޮސީޖަރސް އަކީ ހިއުމަން ރައިޓްސް ކައުންސިލްގެ ފަރާތުން ވަކި ގައުމުތަކުގެ ހާލަތު ނުވަތަ ވަކިވަކި ދާއިރާތަކުގެ ކަންކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާގޮތް ބަލާ ތަހުގީގުކޮށް، ކަންކަމުގެ ހަގީގަތް ހޯދުމަށްޓަކައި މޮނިޓަރ ކުރުމާއި ފެކްޓް ފައިންޑިންގ މިޝަންތައް ކުރުމަށް ގާއިމުކޮށްފައިވާ ނިޒާމެވެ. ސްޕެޝަލް ޕްރޮސީޖަރސް ގެ މާހިރުންނަކީ އ.ދ. ގެ މުވައްޒަފުންނެއް ނޫނެވެ. އަދި މި މާހިރުންނަށް، އެމީހުންގެ މަސައްކަތަށް އުޖޫރައެއް ނުލިބޭނެއެވެ. ސްޕެޝަލް ޕްރޮސީޖަރސް ގެ މާހިރުން މަސައްކަތް ކުރާނީ ހިލޭ ސާބަހަށެވެ. އެހެންކަމުން މި މާހިރުންނަކީ އެއްވެސް ގައުމަކަށް އަދި ޖަމިއްޔާއަކަށް ނިސްބަތް ނުވާ، މިނިވަން ބައެކެވެ. އަދި މި މީހުން މަސައްކަތްކުރާނީވެސް މިނިވަން މާހިރުންގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް