"ޕަބްޖީ" އަދި "ފޯޓްނައިޓް" ފަދަ ގޭމުތައް ޒުވާނުންގެ ދީނީ އަދި ދުނިޔަވީ ވާޖިބުއަދާކުރުމަށް ހުރަސް އަޅާ: ޚުޡުބާ

އިލެކްޓްރޯނިކް ގޭމްތަކުގެ ތެރޭގައި ހިމެނޭ، "ޕަބްޖީ" އާއި "ޖަސްޓް ކޯސް" އާއި ޕޯކެމޯން ގޯ" އާއި "ފޯޓްނައިޓް" ފަދަ ގޭމްތަކަކީ ޒުވާނުންގެ ދީނީ ވާޖިބުތަކާއި ދުނިޔަވީ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅުމުގެ ...

15 Nov 2019 | 09:52

އިލެކްޓްރޯނިކް ގޭމްތަކުގެ ތެރޭގައި ހިމެނޭ، "ޕަބްޖީ" އާއި "ޖަސްޓް ކޯސް" އާއި ޕޯކެމޯން ގޯ" އާއި "ފޯޓްނައިޓް" ފަދަ ގޭމްތަކަކީ ޒުވާނުންގެ ދީނީ ވާޖިބުތަކާއި ދުނިޔަވީ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅުމުގެ އިތުރުން ވަރަށް ގިނަ ގެއްލުންތައް، ކުރިމަތި ކުރުވާ ގޭމްތަކެއް ކަން މިއަދު ހުތުބާގައި ފާހަގަކޮށްފިއެވެ.

މިއަދު ހުތުބާ ހާއްސަކޮށްފައިވަނީ ވަގުތު ބޭކާރުކޮށް، ނުބައި އާދަތަކުގެ ތެރެއަށް އިންސާނާ ގަންބާލާފަދަ ގޭމްތައް ފަދަ ކަންކަމަށެވެ.

"އިސްލާމް ދީނަކީ މިފަދަ ހުރިހާ ނުބައި ސިފަތަކާއި، ވިޔާނުދާ އަގީދާތަކާއި ސިއްހަތަށް ގެއްލުން ލިބޭ އާދަތަކުން އިންސާނާ ޒީނަތްތެރިކޮށްދޭ ދީނެވެ. އެ ދީން އޭނާއަށް ގޮވާލަނީ ދުނިޔޭގެ ވަގުތީ އުފަލާއި މަޖަލަށް ހެއްލުންތެރި ނުވުމަށެވެ. "އަދުގެ ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވާގޮތުގައި މޯބައިލް ފޯނާއި ކޮމްޕިޔުޓަރާއި ޓީވީ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ކުޅޭ ގޭމްތަކުގެ ތެރެއިން ގިނަ ގޭމްތަކަކީ ޒުވާނުންގެ ވަގުތުތަކާއި އަހްލާގާއި ސިއްހަތާއި ހަށިގަނޑަށް ނުހަނު ގެއްލުން ހުރި ގޭމްތަކެއްކަން ކަށަވަރެވެ. ނަމަވެސް މި ކަމުގެ ހޭލުންތެރިކަން މުޖްތަމައުގެ އަފްރާދުންގެ މެދުގައި އޮތީ ކިހާވަރަކަށްތޯ؟ ހުތުބާގައި ސުވާލު އުފައްދާފައިވާއިރު މިކަމަކީ މުޖްތަމައުގެ ހުރިހާ ގިންތިއެއް ގައި ހޭލުންތެރިކަން އިތުރުކުރަން ޖެހިފައިވާ ކަމެއް ކަމާއި އަދި މިއީ ގައުމީ މައްސަލައެއްގެ ގޮތުގައި ބަލައި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި، އެކިއެކި ޖަމްއިއްޔާތަކާއި ސްކޫލް މަދްރަސާތަކާއި، ކަމުގެ މާހިރުން ގުޅިގެން މަސައްކަތް ކޮށް އަވަސް ހައްލެއް ހޯދަން ޖެހިފައިވާކަމެއްކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

"މުނިފޫހި ފިލުވުމުގެ ގޮތުން އިސްލާމީ އުސޫލުތަކާއި އަދަބުތަކާ ހިލާފު ނުވާގޮތަށް، ހެދިފައިވާ ގޭމްތައް ކުޅުމަކީ އިސްލާމްދީން މަނާކުރާކަމެއްނޫނެވެ. ވަގުތު ބޭކާރު ކުރުމަކާނުލައި ދަރިންގެ އަހްލާގާއި ސުލޫކަށް ހެޔޮ ބަދަލުތައް އަންނަ، އަދި ދަރިންގެ އިލްމީ ފެންވަރު ރަނގަޅުވެ، ވިސްނުން ތަރައްގީވާފަދަ ގޭމްތައް ކުޅުމަށް މައިންބަފައިނ ދަރިންނަށް ފުރުސަތު ދިނުމަކީ އެދެވިގެންވާ ކަމެކެވެ." ހުތުބާގައި ބުނެފައިވެއެވެ.

މިއާހިލާފަށް ބއެއް އިލެކްޓްރޯނިކް ގޭމްތަކަކީ، އިސްލާމީ އަގީދާ ފުނޑުފުނޑުކޮށްލާފަދަ ގޭމްތަކެކެވެ. އަދި އެފަދަ ގޭމްތަކުގެ އެންމެ ނުރައްކާތެރި ކަމަކީ އެ ކުޅޭ މީހާ އަޅުވެތިކޮއްލާކަމެވެ. އެއަށް ދެވި ހިފުމުގެ ސަބަބުން، އޭނާގެ އަގުހުރި ވަގުތުތައް ބޭކާރުކޮށްލާ ކަމެއްކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

"ﷲ އައާލާ އޭނާގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ފަރުޟތައް އަދާކުރުމުން ދުރުހެލިކުރުވާ ކަމެކެވެ. ބައެއް ދަރިވަރުން، ފިލާވަޅުދަސްކުރަން އޮންނަ ވަގުތު ގޭމްކުޅެން ހޭދަކުރުމުގެ ސަބަބުން، މަދްރަސީ ދައުރު ފުރިހަމަނުވަނީސް، ސްކޫލުން ވަކިވާން ޖެހޭކަމީ ހިތާމަހުރި ކަމެކެވެ. އަދި މިފަދަ ގޭމްތައް ކުޅުމަކީ ވަޒީފާ އާއި އާއިލާގެ ކަންތައްތަކުގައި ވެސް އިހުމާލުވެވޭ ކަމެކެވެ. އަދި މިއީ ރައްޓެހިންނާ ގުޅުންކެނޑި، މުޖްތަމައުން ތިމާ އެކަހެރި ކުރުވާ ކަމެކެވެ. އުމުރުގެ ބަރަކާތް ކެނޑި، ފައިދާއެއް ނެތްގޮތުގައި ވަގުތު ހޭދަވާ ކަމެކެވެ. ދެ ދުނިޔޭގެ ބާއްޖަވެރިންކަން ހުރި މަގުން އެކަހެރިވެ، ސައިތާނާގެ މަގުން ދަތުރުކުރަން މަގުފަހިވާ ކަމެކެވެ." ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ފާހަގަކޮށްފައިވާގޮތުގައި އިލެކްޓްރޯނިގެ ގޭޟްތަކުން ލިބޭ ގެއްލުންތައް ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފައިވާގޮތުގައި، އެފަދަ ގޭޟްތައް ކުޅޭ ޒުވާނުންގެ މެދުގައި، ކުށް ކުރުމާއި، މީހުން މެރުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަތުމުގެ ހިޔާލު އަށަގަތުމުގެ އިތުރުން، އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހިޔާލުވެސް އުފެދޭކަމަށް ވެއެވެ. އެފަދަ ޒުވާނުންގެ ކިބައިން މުރާލިކަން ކެނޑި ކަންނެތްކަން އަށަގަނެއެވެ.

ގޭމްކުޅެން ގިނަވަގުތު ހޭދަކުރާއިރު އޮށޯވެ އޮވެވޭ ގޮތަކުން، ނުވަތަ އިށީނދެ އިނދެވޭގޮތުން ބުރަކަށީގައި ރިއްސައި، ބުރަކަށި ގުދުވެ، މައިބަދައަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. ނޭނގި ހުއްޓައި، ލޮލަށް ބޮޑެތި ގެއްލުންތައް ލިބި، ލޮލުގެ ފެނުމަށް އަސަރު ކުރެއެވެ. ލޭގެ ޕްރެޝަރަށް ބަދަލުއާދެއެވެ. ސިކުނޑިއަށް ތަފާތު މައްސަލަތައް ދިމާވެއެވެ. މިޒާޖަށް ބަދަލު އާދެއެވެ. ދީނީ އަހްލާގީ މިންގަނޑު ފަހަނައަޅައިގޮސް، ހަވާނަފްސުގެ އަޅަކަށް ވެދާކަމުގައިވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ .

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް