ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ ގިންތި، ޑިއުޓީރޭޓް އަދި އޮރިޖިން ދުރާލާ އެނގޭގޮތަށް ފަރުމާކުރެވިފައިވާ "އެޑްވާންސް ރޫލިންގ" ގެ ޚިދުމަތް ކަސްޓަމްސް އިން މިއަދު ތަޢާރަފްކޮށްފިއެވެ.
ކަސްޓަމްސްގައި އިއްޔެ ބޭއްވުނު ޚާއްސަ ހަފްލާއެއްގައި މި ހިދުމަތް ތަޢާރަފްކޮށްދެއްވީ ރީފްސައިޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޞިލް ޙަސަން ޒާހިރުއެވެ. މީގެ އިތުރުން 2018 ވަނައަހަރުގެ ތަފާސް ހިސާބުތައް އެކުލަވާލައިގެން ތައްޔާރުކޮށްފައިވާ " ސްޓެޓިސްޓިކަލް އިޔަރބުކް" ތަޢާރަފްކުރުންވެސް މިއަދުގެ ހަފްލާގައި އޮތެވެ.
އިއްޔެ މި ތަޢާރަފްކުރެވުނު "އެޑްވާންސް ރޫލިންގ" ޚިދުމަތުގެ ސަބަބުން މުދާ ގެނައުމުގެ ކުރީން މުދަލަށް ހޭދަވާނެ ޚަރަދުތައް ދުރާލާ ހިސާބުކުރުމަށް ވިޔަފާރިވެރިންނަށް މަގުފަހިވެގެންދާނެ ކަމަށާއި އަދި މުދަލުގެ ލިޔުންތައް ނިންމުމަށްޓަކައި މުދާ ގިންތިކުރުމަށް ހޭދަވާ ވަގުތު މަދުކުރެވި މުދާ ބަލާފާސްކުރުމަށް ހޭދަވާ ވަގުތު ސަލާމަތް ކުރެވޭނެކަމުގައި ކަސްޓަމްސުން ބުނެއެވެ.
"މީގެ އިތުރުން އިމްޕޯޓް/އެކްސްޕޯޓް އުޞޫލުތައް މިހާރަށްވުރެ ހާމަކަން ބޮޑުވެގެންދާނެއެވެ. އެޑްވާންސް ރޫލިންގ ފޯރުކޮށްދެވޭނީ ރޫލިންގ ދޫކުރެވޭ ތާރީޙުން ފެށިގެން 3 އަހަރު ދުވަހުގެ މުއްދަތަށް އެއަށް އަމަލުކުރެވޭ ގޮތަށެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ފުޅާދާއިރާއެއްގައި ބޭނުންކުރާ ނިޒާމެކެވެ. "ކަސްޓަމްސުން ބުނެފައިވެއެވެ.
މީގެ އިތުރުން، އިއްޔެ ތަޢާރަފްކުރެވުނު "ސްޓެޓިސްޓިކަލް އިޔަރބުކް" އިމްޕޯޓްކުރެވޭ މުދަލާއި އެކްސްޕޯޓްކުރެވޭ މުދަލާއި އިމްޕޯޓް ޑިއުޓީގެގޮތުގައި ދަޢުލަތަށް ލިބޭ އާމްދަނީގެ އަދި އެހެނިހެން މައުލޫމާތުގެ އިތުރު ތަފްޞީލު ހިމެނޭގޮތަށް އަހަރަކު އެއް ފަހަރު ޝާއިއުކުރާގޮތަށް ތަޢާރަފްކުރެވުނު ފޮތެކެވެ. މި ފޮތް ޝާއިއުކުރުމުގެ މަޤްޞަދަކީ އިމްޕޯޓް އެކްސްޕޯޓްގެ އަދަދުތަކާއި އަދި ކަސްޓަމްސް އާގުޅޭ ތަފާސް ހިސާބު ވީހާވެސް ފުޅާދާއިރާއެއްގައި ރައްޔިތުންނަށާއި އަދި އިގްތިޞާދު ދިރާސާކުރާ ފަރާތްތަކަށް ފޯރުކޮށްދިނުން ކަމުގައި ކަސްޓަމްސުން ބުނެއެވެ.
އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވިގޮތުގައި މިދިއަ މަހު ރާއްޖެއިން އަމަލުކުރަންފެށި ޑަބްލިއު.ޓީ.އޯ ޓްރޭޑް ފެސިލިޓޭޝަން އެގްރީމެންޓްގައި ގައުމުތަކުން ތަންފީޒު ކުރަންޖެހޭ ކަންކަމުގެ ތެރޭގައި އެޑްވާންސް ރޫލިންގ ހިމެނޭކަމަށާއި، މިއީ އެގްރީމެންޓަށް އަމަލުކުރުމުގެ ގޮތުން ހޯދުނު ކާމިޔާބީއެއް ކަމަށެވެ. އަދި ވިޔަފާރިވެރިންނަށް ފަސޭހަކޮށް އިމްޕޯޓް އެކްސްޕޯޓް ޕްރޮސެސް ހަރުދަނާ ކުރުމަށް ގިނަ ކަންކަން ކުރުމަށް ކަސްޓަމްސްގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނިފައިވާ ކަމަށްވެސް ޑީ.ސީ ޝަރީފް ވިދާޅުވިއެވެ.
އިއްޔެގެ މި ރަސްމިއްޔާތުގައި ކަސްޓަމްސްގެ އިސްވެރިންނާއި، ކަސްޓަމްސްގެ ބްރޯކަރުން އަދި ގިނައަދަދެއްގެ އޮފިސަރުން ބައިވެރިވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް