ދަނޑުވެރިކަމާއި ކާބޯތަކެތީގެ މުހިންމުކަން ފާއިތުވެދިޔަ ދޮޅު އަހަރެއްހައި ދުވަހު ތަޖުރިބާ ކުރެވުނު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ތ.ކަނޑޫދޫގައި ބޭއްވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސް ވިދާޅުވީ ކޯވިޑާ ގުޅިގެން މުޅި ދުނިޔެ ބަންދުވެ، ދަތުރުފަތުރު ނުކުރެވޭ ހާލަތަކަށް ދިޔައިރު، ރާއްޖެފަދަ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށް ދަނޑުވެރިކަމުގެ ބޭނުން ތެރިކަން އިހުސާސް ކުރެވުނުކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
"ރާއްޖޭގައި ދަނޑުވެރިކަން ކުރުމަށް މިއަދު ދިމާވެފައިވާ އެންމެބޮޑު ދައްޗެއްގެ ގޮތުގައި ދަނޑުވެރިކަންކުރާ މީހުން ފާހަގަކުރަނީ އަމިއްލަ ރަށުގައި ތިބެގެން ނުވަތަ މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަން ކުރުމަށް ބިން ނުލިބުން. މިކަމަށް ހައްލެއް ގެނައުމަށްޓަކައި ކައުންސިލްތަކާއި ވާހަކަ ދައްކަވައިގެން އަވަސް ޙައްލެއް ހޯދުމަށް މިދަނީ މަސައްކަތް ކުރަމުން." ރައީސް ވިދާޅުވި އެެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދަނޑުވެރިން އުފައްދާ ތަކެތި ބާޒާރަށް ނެރެ، އެއަށް އެކަށީގެންވާ އަގެއް ހޯދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި ދަނޑުވެރިކަމުން އުފައްދާ ތަކެތި މެދުނުކެނޑި ލިބޭނެގޮތަކަށް ދަނޑުވެރިންގެ މަސައްކަތްތައް ބައްޓަންވާނޭހެން މިއަދު ކަންކަން ފަހިވަމުންދާކަން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް