އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ޑޭވިޑް އެމެސްއަށް ވަޅިން ހަމަލާދީ އަވަހާރަ ކޮށްލައިފި އެވެ.
އުމުރުން 69 އަހަރުގެ އެމެސް އަވަހާރަކޮށްލީ މިއަދު މެންދުރު ދާއިރާގެ ރައްޔިތުންނާއި އެކު ޗާޗެއްގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ކޮންޒަވޭޓިވް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރެކެވެ.
އޭނާއަށް ހަމަލާދިނީ އުމުރުން 25 އަހަރުގެ އިނގިރޭސި ފިރިހެނެކެވެ. އެވަގުތު އޭނާ ހައްޔަރުކޮށް ހަމަލާދޭން ބޭނުން ކުރި ވަޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. މަންޒަރު ދުށް މީހުން މީޑިއާގައި ބުނީ އެމީހާ އެއް ފަހަރަށް ވުރެ ގިނައިން އެމެސްގެ ގައިކޮޅަށް ވަޅި ހެރިކަމަށެވެ.
އެމެސްގެ ފުރާނަ ސަލާމަތް ކުރަން އެތަނުގެ ސެކިއުރިޓީގައި ތިބި ފުލުހުން ވަރަށް މަސައްކަތް ކުރި ކަމަށް މަންޒަރުދުށް މީހުން ބުންޏެވެ. އެކަމަކު އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ އަވަހާރަވެފަ އެވެ.
އެމީހާ އެމެސްއަށް ހަމަލާދިންކަމަށް ވަނީ އެ ބައްދަލުވުމުގައި ބައިވި މީހެއްގެ ގޮތުގައި އެތަނަށް ވަދެ އެވެ. ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެމީހާ އާއި އިތުރު މީހަކާއި ގުޅުމެއް ވާކަމެއް ނޭނގެ އެވެ.
އެމެސް އަވަހާރަކޮށްލި އިރު ފަސް ދަރިންނާއި އަންބަކު ދުނިޔޭގައި އެބަހުއްޓެވެ. އޭނާ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހަށް ފުރަތަަމަ އިންތިހާބުކޮށްފައި ވަނީ 1983 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް