މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯއަކީ) 100 ޕަސަންޓު ދިވެހި މުވައްޒަފުން މަސައްކަތް ކުރާ ކުންފުންޏަކަށް ހަދާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ފައުޒީ ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ މިހާރު އެ ކުންފުނީގައި ތިބި 1700 މުވައްޒަފުންގެ ތެރެއިން، ބިދޭސީން މަދުކުރުން ކަމަށެވެ. އަދި ބިދޭސީންގެ ބަދަލުގައި އެ މަގާމުތަކަށް ދިވެހިން ހަމަޖައްސަވާނެ ކަމުގެ އުފާވެރި ޚަބަރު އޭނާ ދެއްވިއެވެ،
އިސްމާއީލް ހާމަކުރެއްވި ގޮތުގައި އެ މަގާމުތަކަށް ދިވެހިން ހަމަޖައްސާނީ ރަނގަޅު އުޖޫރައެއް ދޭ ގޮތަށެވެ.
“އުންމީދު ކުރަނީ މިފްކޯގެ ޕްރޮސެސިންގ ކެޕޭސިޓީ ބިލްޑު ވާއިރު، ދިވެހި މުވައްޒަފުންނަށް ރަނގަޅު މުސާރައެއް ދެވި، ކުންފުންޏަކީ 100 ޕަސަންޓު ދިވެހިން އޮޕަރޭޓުކުރާ ކުންފުންޏަކަށް ހެދުން” ސީއީއޯ އިސްމާއީލް ވިދާޅުވިއެވެ.
މީގެ އިތުރުން ވިދާޅުވީ، ފެލިވަރުގައި ކޭނަރީގައި ގިިނަ އަދަދަކަށް ބިދޭސީ މުވައްޒަފުން މަސައްކަތް ކުރާކަމަށެވެ. އެހެން ނަމަވެސް އުންމީދަކީ ޓެކްނޮލޮޖީގެ އެހީއާއެވެސް އެކު، ބިދޭސީ މުވައްޒަފުން މަދުކޮށް، ދިވެހިން އެ މަގާމުތަކަށް އައްޔަނު ކުރުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިފްކޯގެ ވަޒީފާތަކަށް ދިވެހިން ހޯދުމުގައި ދަތިތަކެއް އެބަ ހުއްޓެވެ. އެ ގޮތުން، ބަލާނަމަ ހާއްސަކޮށް އެ ކުންފުނީގެ ބޯޓުފަހަރާއި، ޓެކްނިކަލް އޭރިއާތަކަށް ސްކިލްޑް މީހުން ހޯދަން އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް