އަފްގާނުގައި މިއަދުވެސް ހުކުރު ގަޑީގައި ޖާނުންފިދާވެގެން ބޮން ގޮއްވައިފި، 30 މީހުން މަރުވި

އަފްގާނިސްތާނުގެ ކަންދަހާރު ޕްރޮވިންގެ ދެކުނުގެ ސިޓީއެއްގެ ޝީއާ މިސްކިތެއްގައި މިއަދު ހުކުރު ނަމާދު ގަޑީގައި ޖާނުން ފިދާވެގެން ހަމަލާތަކެއް ދީފި އެވެ. މިއީ އަފްގާނިސްތާނުގައި ހުކުރު ކުރަނިކޮށް ޝީއާ މި...

15 Oct 2021 | 16:01

އަފްގާނިސްތާނުގެ ކަންދަހާރު ޕްރޮވިންގެ ދެކުނުގެ ސިޓީއެއްގެ ޝީއާ މިސްކިތެއްގައި މިއަދު ހުކުރު ނަމާދު ގަޑީގައި ޖާނުން ފިދާވެގެން ހަމަލާތަކެއް ދީފި އެވެ.

މިއީ އަފްގާނިސްތާނުގައި ހުކުރު ކުރަނިކޮށް ޝީއާ މިސްކިތަކަށް ޖާނުން ފިދާވެގެން ހަމަލާދިން ދެ ވަނަ ހުކުރު ދުވަހެވެ. މިދިޔަ ހުކުރު ދުވަހު ހަމަ މިގޮތަށް ކުންދުޒް ޕްރޮވިންސްގެ ޝީއާ މިސްކިތެއްގައި ޖާނުން ފިދާވެގެން ބޮން ގޮއްވި ހާދިސާގައި 50 މީހުން މަރުވެފައިވެ އެވެ.

ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މިއަދު ފާތިމާ މިސްކިތް ކިޔާ އެ މިސްކިތުގައި ތިން މީހަކު ޖާނުން ފިދާވެގެން ބޮން ގޮއްވި އެވެ. އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 30 އަށް އަރާފައިވާއިރު އެތައް ބަޔަކު ޒަހަމްވެފައިވެ އެވެ.

މަންޒަރުދުށް މީހުން ބުނެފައިވަނީ އެކަކު ހުރީ ހުކުރު ނަމާދު ސަލާމް ދިން އިރު މިސްކިތު ދޮރުމަތީގައި ކަމަށާއި އަނެއް ދެމީހުން ތިބީ މިސްކިތުގެ އެތެރޭގައި ކަމަށެވެ.

އެމީހުންގެ ހަރަކާތްތައް ފާހަގަވުމުން ސަލާމް ދިނުމާއި އެކު އެ ތިން މީހުންނަށް އަމާޒުކޮށް ބަޑި ޖަހަން ފެށިނަމަވެސް ދެން އިވުނީ ތިން ވަރަކަށް ގޮވުން ގޮވި އަޑު ކަމަށާއި އޭނާވެސް ވިއްސައިގެން ދިޔައީ ކުޑަދޮރަކުން ބޭރަށް ކަމަށެވެ. ދެން ފެނުނީ މަރުވެފައިވާ މީހުންގެ ހަށިތަކާއި ޒަހަމްތަކާއި އެކު މުޅި ސަރަހައްދުގައި މީހުންތައް ވެއްޓިފައިވާތަން ކަމަށެވެ.

މިހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނުނެގި ނަމަވެސް ހަމަލާއަކީ އައިއެސް ޖަމާއަތުގެ ހަމަލާއެއްކަން ޔަގީންވެ އެވެ. އެއީ އައިއެސްއަކީ ސުންނީ މުސްލިމް ޖަމާއަތަކަށް ވާތީ އެވެ.

ތޯލިބާނުން އަފްގާން ހިފައި ވެރިކަމަށް އައުމާއި އެކު އެ ޖަމާއަތާއި ފާޅުގައި ދެކޮޅު ހަދާ ހަނގުރާމަ އިއުލާނު ކުރި ހަމައެކަނި އިސްލާމީ ޖަމާއަތަކީ އައިއެސްއެވެ. އެ ޖަމާއަތުން ވަނީ ތޯލިބާނުންނަށް އަފްގާނިސްތާނާއި އެ ގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކޮށްދެވޭނެކަން ސާބިތު ކޮށްދޭނެ ކަމަށް ބުނެފަ އެވެ.

މިދިޔަ ހަފްތާގެ ހުކުރު ދުވަހު ކުންދުޒްގެ މިސްކިތުގައި ދިން ހަމަލާގެ ޒިންމާ ނެގުމަށް ފަހުވެސް އެޖަމާއަތުން ބުނެފައިވަނީ އެހެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް