ދިވެހިރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފި އެވެ.
އެ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ އިން ފެށިގެން ތ އަތޮޅުގެ ސަރަހައްދަށެވެ. މިއީ އުތުރާއި މެދުރާއްޖެތެރޭގެ ހުރިހާ ސަރަހައްދެކެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު މި ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ވައިގަދަވުން އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ސަމާލު ނެރެފައިވަނީ މިރޭ 12:30 އާއި ހަމައަށެވެ. މެޓް އޮފީހުން ބުނެފައިވާގޮތުގައި ރާއްޖެއަށް މިހާރު ކުރަމުންމިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.
ކުރިއަށް އޮތް 2 ދުވަހު ދިވެހިރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް ސަލާމަތީ ބާރުތަކުންނާއި މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކުރައްވަ އެވެ.
ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށާއި، ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް ދަތުރާއިބެހޭ މަޢުލޫމާތު އެންގުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވެސް އިލްތިމާސްކުރައްވަ އެވެ.
އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ އުޅަނދުފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި، ޚާއްސަކޮށް ސަލާމަތީގޮތުން ރައްކާތެރިކަންކުޑަ، ކުދި އަނގަމަތި އުޅަނދަފަހަރުގައި ރޭގަނޑު އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
މީގެއިތުރުން މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ޤަވާޢިދުތަކަށް ޢަމަލްކުރުމަށާއި ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ރަނގަޅަށް ބެލެހެއްޓުމަށާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށްވެސް އޮފިޝަލް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ އިން ހާމަކުރި ގޮތުގައި ކުރިއަށްއޮތް ދެ ދުވަހުވެސް، ޢާއްމުކޮށް ވައިޖެހޭ މިންވަރަށްވުރެ ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. މިއީ ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދިފަވާ ލޯ ޕްރެޝަރ ޓްރަފެއްގެ ސަބަބުން މެދުވެރިވާ ކަމެއްކަމަށްވެސް މެޓް އޮފީހުން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް