ކުރިއަށް އޮތް 2 ދުވަހު ދިވެހިރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް ސަލާމަތީ ބާރުތަކުންނާއި މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކުރައްވައިފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް 2 ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ކަނޑުގަދަވެ، ކޮޅިގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރައްވާފައެވެ.
އެހެންކަމުން ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށާއި، ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް ދަތުރާއިބެހޭ މަޢުލޫމާތު އެންގުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރައްވައެވެ.
އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ އުޅަނދުފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި، ޚާއްސަކޮށް ސަލާމަތީގޮތުން ރައްކާތެރިކަންކުޑަ، ކުދި އަނގަމަތި އުޅަނދަފަހަރުގައި ރޭގަނޑު އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް އިލްތިމާސްކުރައްވާކަމަށެވެ.
މީގެއިތުރުން މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ޤަވާޢިދުތަކަށް ޢަމަލްކުރުމަށާއި ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ރަނގަޅަށް ބެލެހެއްޓުމަށާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށްވެސް އޮފިޝަލް ވަނީ އިލްތިމާސްކުރައްވާފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ އިން ހާމަކުރި ގޮތުގައި ކުރިއަށްއޮތް ދެ ދުވަހުވެސް، ޢާއްމުކޮށް ވައިޖެހޭ މިންވަރަށްވުރެ ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. މިއީ ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދިފަވާ ލޯ ޕްރެޝަރ ޓްރަފެއްގެ ސަބަބުން މެދުވެރިވާ ކަމެއްކަމަށްވެސް މެޓް އޮފީހުން ހާމަކުރެއެވެ.
ހއ އިން ފެށިގެން ތ އަތޮޅުގެ ސަރަހައްދަށް އެ އިދާރާޢިން ވަނީ ރީނދޫ ސަމާލު ވެސް ނެރެފައެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް