ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގުރޫޕްގެ ބާނީ އޮނަރަބަލް ޤާސިމް އިބްރާހިމްގެ ޙަޔާތްޕުޅުގެ މައްޗައް އިންޓަނޭޝަނަލް ފެންވަރުގެ ފިލްމެއް އުފައްދަން ނިންމާފައިވާކަން އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ހާމަކުރައްވައިފިއެވެ.
މި މަޢުލޫމާތު މީޑިއާ އާއި ހިއްސާކޮށްފައިވަނީ ކުރީގެ އެކްޓަރު އަދި މިހާރުގެ ޖުމުހޫރީ ޕާޓީގެ އޯޑިއޯ އަދި ވީޑިއޯ ސްކޮޑްގެ ކޯޗެއާ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ރޭގެ ވަގުތެއްގައި ޓީވީ ޕްރޮގްރާމެއްގައެވެ. ކޮޕީ އިއްސެ އަކީ ސާކް ފިލްމް ފެސްޓިވަލްގައިވެސް އެންމެ މޮޅު އެކްޓަރުގެ އެވޯޑްވެސް ހޯދާފައިވާ ފަރާތެކެވެ.
އެގޮތުން ކޮޕީ އިއްސެ ވިދާޅުވި ގޮތުގައި މި ފިލްމަކީ އާދައިގެ ގޮތަކަށް ހަދާ ފިލްމެއް ނޫންކަމަށެވެ. އަދި މިއީ އިންޓަނޭޝަނަލް ފެންވަރުގެ ފިލްމެއްކަމުގައެވެ. އޭނާ ވިދާޅުވިގޮތުގައި ޤާސިމަކީ އަމިއްލަ އަތްޕުޅުން ކުރެެއްވި ބުރަ މަސައްކަތުން މިއަދު ކާމިޔާބީ އާއި ހަމައަށް ވަޑައިގެން ހުންނެވި ބޭފުޅެއްކަމަށެވެ. އަދި މިފަދަ ކާމިޔާބު ޝަހުސިއްޔަތެއްގެ ބައޮގްރަފީ ދައްކައިދޭ ފިލްމެއް ދައުލަތުގެ ލައިބްރަރީގައި އޮންނަން ޖެހޭނެ ކަމުގައި ވިދާޅުވިއެވެ.
ކޮޕީ އިއްސެ އިތުރަށް ވިދާޅުވިގޮތުގައި މިއަދު ޤާސިމް އެހުންނެވި ޕޮޒިޝަން އެއީ މީހަކު ތަބަކަށް ލާފައި ދިން އެއްޗެއްް ނޫންކަމުގައެވެ. އަދި އެމަނިކުފާނު އެ ހިސާބައް ވަޑައިގަތީ އަމިއްލަ ބުރަ މަސައްކަތުން ކަމުގައާއި ކޮޕީ އިއްސެ އޭނަގެ އަމިއްލަ ނަފްސާ އާންމުންނަށް ނިސްބަތްކޮށް އަޅުގަނޑުމެންނަށް އެބޭފުޅާ މިހިސާބަށް އަންނަން ކުރެއްވި ހިތްވަރާއި މަސައްކަތް ނުވެސްވާނޭކަމަށް ވިދާޅުވެފައިވެއެވެ.
ޤާސިމަކީ ދިވެހި ދައުލަތަށާއި އިޖުތިމާއީ ގޮތުން ގިނަގުނަ އަގުހުރި ޙިދުމަތް ކޮށްދެއްވާފައިވާ އަދި ކޮށްދެމުންދާ ކާމިޔާބު ވިޔަފާރި ވެރިއެކެވެ. ރައްޔިތުންގެ މަޖިލީހުގައި ރައީސް ކަންވެސް އެމަނިކުފާނު ކުރައްވަފައިވެއެވެ. އަދި އެއީ މިހާރުގެ މަޖިލީހުގެ މެންބަރެކެވެ. އަމިއްލަ ކޮލެޖެއް ހިންގަވާ އެތައް ދިވެހި ދަރީންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދެމުންދާ ފަރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް