ސާފް ޗެމްޕިއަންޝިޕްގައި ހައިޝަމް ދެއްކި މޮޅު ކުޅުމާއެކު ދިވެހި އަންހެން ކުދިންގެ ހިތްތައް ފަތަހަކޮށްފި!

މިހާރު ރާއްޖޭގައި ކުރިއަށްދާ ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ދިވެހި ގައުމީ ފުޓްބޯޅަ ޓީމުން މޮޅު ކުޅުމެއް ދެއްކި ޒުވާން ޑިފެންޑަރު ހައިޝަމް...

15 Oct 2021 | 10:47

މިހާރު ރާއްޖޭގައި ކުރިއަށްދާ ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ދިވެހި ގައުމީ ފުޓްބޯޅަ ޓީމުން މޮޅު ކުޅުމެއް ދެއްކި ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) އެތައް ދިވެހި އަންހެން ކުދިން އޭނާގެ ޖާދޫގައި ޖައްސައިފި އެވެ.

ގިނަ ބަޔަކަށް މީގެ ކުރިން ހައިޝަމް ނޭނގުނު ކަމުގައިވީ ނަމަވެސް، ސޯޝަލް މީޑިއާގައި ގައުމީ ޓީމުގެ 14 ނަންބަރު ޖާޒީއަށް ކުޅެމުން އަންނަ ހައިޝަމުގެ ވާހަކަ ނުދައްކާ މީހަކު މިހާރު މަދުވާނެ އެވެ.

ޚާއްސަކޮށް އަންހެން ކުދިން ދަނީ އޭނާގެ ވާހަކަދައްކަމުން ނެވެ. އެމީހުންގެ ވާހަކަތަކުން އެނގޭ ގޮތުގައި ހައިޝަމް އެމީހުންގެ ހިތްތައް އަތުލައިފި އެވެ. ހިތްތައް ފަތަހަކޮށްފި އެވެ.

ބ. އޭދަފުއްޓަށް އުފަން އުމުރުން 22 އަހަރުގެ ހައިޝަމް މި ފަހަރުގެ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ ގައުމީ ޓީމް ކުޅުނު ހުރިހާ މެޗެއްގައި ވެސް ފުލްކޮށް ކުޅެފަ އެވެ. އަދި ބަންގްލަދޭޝް އާއި ސްރީލަންކާ ބައްދަލުކުރި މެޗުގައި ހައިޝަމުގެ ކުޅުން ފާހަގަކޮށްލެވުނުއިރު، ލަންކާ އަތުން 1-0 ގެ ނަތީޖާއަކުން ރާއްޖެ މޮޅުވި މެޗުގައި އިތުބާރު ފޯވަރޑް އަލީ އަޝްފާގު (ދަގަނޑޭ) ލަނޑު ޖަހާފައިވަނީ ހައިޝަމް ނަގައިދިން ހުރަހަކުން ނެވެ.

މި މުބާރާތުން ރާއްޖެ ކެޓި މެޗުގައި ވެސް ވަރަށް ރަނގަޅަށް އޭނާ ކުޅުނެވެ.

މީގެ ހަތަރު އަހަރު ކުރިން 2017 ގައި މިނިވަން ޗެމްޕިއަންޝިޕްގައި ބ. އޭދަފުށި އަތޮޅުބުރުގައި ކުޅުނު ފުރަތަމަ މެޗުގެ ދެވަނަ ހާފުގައި ކުޅެން އަރައި ޓީމު މޮޅުކޮށްދިން ލަނޑު ޖެހިއިރު، ހައިޝަމަކީ ގްރޭޑް 12 ގައި ކިޔަވަމުން ދިޔަ އުމުރުން 17 އަހަރުގެ ކުއްޖެކެވެ.

އޭނާގެ ފުރަތަމަ މެޗަށް ފަހު، އޭދަފުށީ ޓީމުގެ ކޯޗު، މުހައްމަދު ޒާހިދު (ބައްޓޭ) ވަނީ ޒުވާން ހައިޝަމްގެ ކުޅުމަށް ތައުރީފުކޮށްފަ އެވެ.

"ވަރަށް ޓެލެންޓެޑް، ސްޕީޑީ، ހައިޓް ހުރި ކުޅުންތެރިއެއް ހައިޝަމްއަކީ. އަނެއްކާ އޭނާއަކީ ފިޒިކަލީ ވެސް ޓަފް ކުޅުންތެރިއެއް. ލެފްޓް ވިންގަށް ކުޅޭ މަދު ކުޅުންތެރިންގެ ތެރެއިން އެކެއް އެއީ. މި ފެންވަރުގައި އޭނާ ދެ އަހަރެއްހާ ދުވަހު ކުޅެފިއްޔާ ފުރަތަމަ ޑިވިޝަންގައި ކުޅޭނެ މާ ރަނގަޅަށް ވެސް،" އޭދަފުށި ވޮއިސް އޮންލައިނަށް އޭރު ދިން އިންޓަވިއުއެއްގައި ބައްޓޭ ވިދާޅުވި އެވެ.

"އަހަރެން ބުނާނީ ހަމަ ގައުމީ ޓީމުގެ ތަރިއަކަށް ވެދާނެއޭ ހައިޝަމް." ބައްޓޭ ވިދާޅުވި އެވެ.

މީގެ ހަތަރު އަހަރު ކުރިން ޒުވާން ގައުމީ ޓީމުން ހައިޝަމަށް ޖާގަ ލިބުނީ އޭދަފުށި ޓީމުގެ ކުޅުންތެރިޔާ މުހައްމަދު ފާސިރު (ފާއްޓޭ) ގެ އެހީތެރިކަމާއެކުގަ އެވެ. ފާއްޓޭގެ ސެލެކްޝަން އޭރު 19 އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވެ ހުރި ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) އަށް ކަމުދިޔައީ އެވެ.

ތަޖިކިސްތާނުގައި 2017 ގައި އޮތް 19 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިންގައި ހައިޝަމް ވަނީ ހުރިހާ މެޗެއްގައި ވެސް ކުޅެފަ އެވެ. އެ އަށް ފަހު، ކްލަބް އީގަލްސްގެ ޒުވާން ޓީމާއެކު އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ ތަށި ވެސް ހަައިޝަމް އެ އަހަރު ހޯދި އެވެ.

ފުރަތަމަ ޑިވިޝަންގެ ކްލަބް އީގަލްސް އިން ޖެހިގެން އައި 2018 ވަނަ އަހަރު ހައިޝަމްގެ ސޮއި ހޯދީ، އެ ޓީމުގެ ފަހަތަށް ކުޅުނު ކުޅުނު މުޖުތާޒް މުހައްމަދު (މުޖޭ) ޓީމު ދޫކޮށް އެ އަހަރު މާޒިޔާއަށް ބަދަލުވުމުން މުޖޭ ނެތްތަން ފޫބެއްދުމަށެވެ.

އީގަލްސް އިން ހައިޝަމްއާ މެދު ކުރި އުންމީދު އޭނާ ވަނީ ވަރަށް ރަނގަޅަށް ހާސިލް ކޮށްދީފަ އެވެ. އެ އަހަރުގެ މާލޭ ލީގު ދެވަނަ އާއި ޕްރިމިއަރ ލީގުގެ ތިންވަނަ ހޯދިއިރު ހައިޝަމް ވަނީ އީގަލްސްގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އެއީ ލީގުގައި އެ އަހަރާ ހަމައަށް އީގަލްސް އިން ހޯދި އެންމެ ރަނގަޅު ނަތީޖާ އެވެ.

ހައިޝަމްގެ ބުރަ މަސައްކަތާއި ގުރުބާނީތަކުގެ ނަތީޖާ ފެންނަން ފެށީ 2019 ގައި މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ގައުމީ ސްކޮޑުން ޖާގަ ލިބުނު ހިސާބުން ނެވެ. ސްކޮޑުގައި ހިމެނުނު ނަމަވެސް ގޭމްސްގައި އޭނާ ކުޅުނީ އެންމެ ފަހު މެޗުގައި މަޔޯޓްއާ ދެކޮޅަށެވެ.

އޭރު ކޯޗަކަށް ހުރި ކްރޮއޭޝިއާގެ ޕީޓާ ސެގާޓް ވަނީ ފީފާ ވަރލްޑްކަޕް ކޮލިފައިން އަށް އެކުލަވައިލި ސީނިއަރ ގައުމީ ޓީމުގެ ސްކޮޑުން ވެސް ހައިޝަމަށް ފުރުސަތު ދީފަ އެވެ. ގިނަ ބަޔަކު އުންމީދުކުރި ގޮތާ ޚިލާފަށް ކޮލިފައިންގެ ފުރަތަމަ މެޗުގައި ވެސް ހައިޝަމް ވަނީ ފުރަތަމަ 11 ގައި ހިމެނިގެން މޮޅަށް ކުޅެފަ އެވެ.

ގުއާމްއަށް ފަހު ގަލޮޅު ދަނޑުގައި ވަރުގަދަ ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 ގައި ހައިޝަމް ހިމެނުމުން ވެސް ރާއްޖޭގެ ބައެއް ފުޓުބޯޅަ އެނަލިސްޓުން ވަނީ ކޯޗުގެ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އެކަމަކު، އެ ފާޑުކިޔުންތަކަށް ނުބަލައި ކޮލިފައިންގެ ފުރަތަމަ މެޗުން ފެށިގެން ކޯޗު ޕީޓާ ސެގާޓް ދިޔައީ އުމުރުން 20 އަހަރުގެ ހައިޝަމަށް އިތުބާރު ކުރަމުން ނެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުން ފެށިގެން މިހާތަނަށް ގައުމީ ޓީމު ކުޅުނު ހުރިހާ މެޗެއްގައި ވެސް ހައިޝަމް އަންނަނީ ފުރަތަމަ 11 ގައި ކުޅެމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް