މަހްމޫދުގެ ހަށިގަނޑު މާލެއިން ދަގެއްޗަށް ފޮނުވާލައިފި - ޖަނާޒާ އޮންނާނީ މިއަދުގެ ޢަޞުރު ނަމާދަށް ފަހު

އދ. ދަނގެތީގައި އަނިޔާވެރިގޮތަކަށް މަރާލާފައިވާ މަހްމޫދު އަބޫބަކުރުގެ ހަށިގަނޑު މާލެ ގެނައުމަށް ފަހު، އަނބުރާ އެރަށަށް ފޮނުވާލައިފި އެވެ. މަހުމޫދު މަރާލާފައި އޮއްވާ ފެނިފައިވަނީ އިއްޔެ މެންދުރު ފަހު 3...

15 Oct 2021 | 06:47

އދ. ދަނގެތީގައި އަނިޔާވެރިގޮތަކަށް މަރާލާފައިވާ މަހްމޫދު އަބޫބަކުރުގެ ހަށިގަނޑު މާލެ ގެނައުމަށް ފަހު، އަނބުރާ އެރަށަށް ފޮނުވާލައިފި އެވެ.

މަހުމޫދު މަރާލާފައި އޮއްވާ ފެނިފައިވަނީ އިއްޔެ މެންދުރު ފަހު 3:15 ހާއިރު، އޭނގެ ޚަބަރެއް ނުވެ، ގެއްލިގެން ހޯދަމުން ދަނިކޮށެވެ.

އޭނާގެ ހަށިގަނޑު ފެނުނު އިރު ގައިގެ އެތައް މިތަނަށް ތޫނު އެއްޗަކުން ހަމަލާދީ ބޮޑެތި އަނިޔާތަކެއް ވަނީ ދީފަ އެވެ.

އެ ރަށުގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ރޭ ފަތިހު އެވެ. އެއީ އިތުރަށް ހަދަން ބޭނުންވާ ތަހުލީލުތައް ހެދުމަށް ކަމަށް ފުލުހުން ބުނެ އެވެ.

އެގޮތުން ބޮޑީ ބޭގެއްގައި އޭނާގެ ހަށިގަނޑު ގެނެސް އައިޖީއެމްއެޗްގައި ތަހުލީލުތައް ހަދައި، ހަށިގަނޑު އެކްސްރޭއެއް ވެސް ވަނީ ނަގާފަ އެވެ.

މަހުމޫދުގެ ޢާއިލާއިން ބުނެފައިވަނީ ޖަނާޒާގެ ކަންކަން ކުރަމުން އަންނަކަމަށާއި ޖަނާޒާ ބާއްވާނީ މިއަދު ޢަޞުރު ނަމާދަށްފަހު އެރަށުގައި ކަމަށެވެ.

މި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޚާއްސަ ޓީމެއް އެ ރަށަށުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މަހްމޫދުގެ މަރާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް މަހުމޫދު މަރާލި ކަމަށް އެ ރަށު މީހުން ތުހުމަތުކުރާ ދެ ފިރިހެނުންނާއި އަންހެނަކު، އެ ރަށު މީހުން ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުން މިހާރު ވަނީ އެ އަތޮޅު މަހިބަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފަ އެވެ. އެމީހުންނަކީ އެ ރަށުގައި ހިންގާ ވައްކަމާއި ފޭރުން ފަދަ އެހެން ކުށް ކުށުގައި ތުހުމަތުވާ ބައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް