ގަތަރު ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ދެކުނު އެމެރިކާގެ ޒޯންގައި ބްރެޒިލް ކުޅުނު މެޗުން 1-4 އިން އުރުގުއޭ އަތުން މޮޅުވިއިރު، އާޖެންޓީނާ އިން 1-0 ގެ ނަތީޖާއިން ޕެރޫ ބަލިކޮށް މުހިއްމު މޮޅެއް ހޯދައިފި އެވެ.
ދެކުނު އެމެރިކާގެ ކޮލިފައިން ތާވަލަށް ބަލާއިރު، ކޮލިފައިންގައި ބްރެޒިލް އެއް ވަނައިގައި އޮތީ 11 މެޗުން 31 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އާޖެންޓީނާ އޮތީ 11 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ކޮލަމްބިއާއާއި ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވި ނަމަވެސް ތިން ވަނައިގައި އޮތީ އެކުއެޑޯ އެވެ. އެކުއެޑޯ އަށް ވަނީ 12 މެޗުން 17 ޕޮއިންޓް ލިބިފަ އެވެ. ކޮލަމްބިއާ ހަތަރުބަނާގައި އޮތީ 12 މެޗުން 16 ޕޮއިންޓް ހަމަކޮށްގެންނެވެ.
ބްރެޒިލް އުރުގުއޭއާއި ދެކޮޅަށް މޮޅު ކުޅުމެއް ދެއްކިއިރު، އެޓީމުން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ މެޗުގެ10 ވަނަ މިނެޓުގައެވެ. ފްރެޑްގެ އެހީތެރިކަމާއި އެކު ނޭމާ މި ލަނޑު ޖަހައިދިންއިރު، ބްރެޒިލްގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ރަފީނިއާ އެވެ. އޭނާ މި ލަނޑުތައް ޖަހައިދިނީ މެޗުގެ 18 ވަނަ މިނެޓާއި 59 ވަނަ މިނެޓުގައެވެ. ބްރެޒިލްގެ ހަތަރުވަނަ ލަނޑު ނޭމާގެ އެހީތެރިކަމާއި އެކު ކާމިޔާބު ކޮށްދިނީ ބާބޮސާއެވެ. އުރުގުއޭގެ ހަމަ އެކަނި ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ލުއިސް ސުއަރޭޒް އެވެ.
އާޖެންޓީނާ އިން ރޭ އަމިއްލަ ދަނޑުގައި ޕެރޫއާއި ދެކޮޅަށް ވަނީ މެޗު ޑޮމިނޭޓްކޮށްފަ އެވެ. މި މެޗުގައި އާޖެންޓީނާއިން ކާމިޔާބު ކުރި ހަމަ އެކަނި ލަނޑު އަދި މުޅި މެޗުގައިވެސް ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު މެޗުގެ 43 ވަނަ މިނިޓްގައި މޮލީނާ ދިން ބޯޅަ އަކުން އާޖެންޓީނާ އަށް ކާމިޔާބު ކޮށްދިނީ އިންޓަ މިލާނުގެ ފޯވާޑް ލަޓޫރޯ މާޓިނޭޒް އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކޮށްލަން މެޗުގެ ފަހު ވަގުތު ޕެރޫއަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިގެން ގޮސްފައެވެ. ނަމަވެސް ޕެރޫގެ ޔޯޓުން ފޮނުވާލި ޕެނަލްޓީ ވީ ނާކާމިޔާބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް