ދިވެހި އާބާދީގެ ބޮޑު ބައެއްގެ ހަޔާތުގައި ހަތަރު ސަރުކާރެއްގެ ވެރިކަން ތަޖުރިބާކުރެވިއްޖެ އެވެ. އެތައް ބަޔަކު ދާއޮހޮރުވައިގެން ގިނަ ބަދަލުތަކެއް ގެނެސްފި އެވެ. ވެރިކަމުގެ ނިޒާމު ޒަމާނީ ކުރެވިއްޖެ އެވެ. އާ ގާނޫނުއަސާސީއެއްގެ އިތުރުން، ކުރިއަރާފައިވާ ދުނިޔެއާ އަޅާކިޔާލެވޭ ފެންވަރުގެ ގާނޫނުތަކާއި ގަވާއިދުތައް ވެސް ވުޖޫދަށް ގެނެވިއްޖެ އެވެ. ނަން ހުސްކޮށް ކޮމިޝަންތަކާއި މިނިވަން މުއައްސަސާތައް ވެސް ގާއިމްކުރެވިއްޖެ އެވެ.
މި ހުރިހާ ބަދަލެއް ހަމަ ރަނގަޅެވެ. މިއީ، ޒުވާން ދިވެހި ޖީލު އެދިއެދި ތިބި، އެތައް ބަޔަކު ބޮޑެތި ގުރުބާނީތަކެއް ވެގެން ގެނައި ބަދަލުތަކެވެ.
ކިތަންމެ ބޮޑެތި ބަދަލުތަކެއް ގެނަޔަސް، ކިތަންމެ ގިނަ ގާނޫނުތަކެއް ވުޖޫދަށް ގެނަޔަސް، ކިތަންމެ ބައިވަރު ކޮމިޝަންތަކެއް ހެދިޔަސް، ކިތަންމެ ބޮޑު މުސާރައެއް ދޭ ފަރާތްތަކެއް އައްޔަންކުރިޔަސް، ބަދަލު ނުވާ އެއް ކަމެއް އެބައޮތެވެ؛ ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވުމެވެ. ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް، ކޮރަޕްޝަން މެދުވެރިކޮށް ރައްޔިތުންގެ ފައިސާ ހިތުހުރިހާ ގޮތަކަށް ބޭނުންކުރުމާއި ނާޖާއިޒު ފައިދާ ހޯދައިދިނުން ފަދަ ހިޔާނާތުގެ މައްސަލަތައް ނުހިނގާ އިރެއް ނުދެ އެވެ. ކޮރަޕްޝަންގެ ހުތުރު ލައްގަނޑު ނުޖެހޭ ސަރުކާރެއް ދިވެހިންނަށް އަދި ނުފެނެ އެވެ.
ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަ މިފަހުން އެންމެ ބާރަށް ދެކެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އޭރުގެ އިދިކޮޅު ފަރާތްތަކުންނެވެ. ސަބަބެއް ނެތިއެއް ނޫނެވެ؛ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ކޮރަޕްޝަންގެ މައްސަލަ ފެންމަތިވީ އެ މަނިކުފާނު ދިވެހި ގައުމުގެ ހުންގާނުގައި ހުންނަވަނިކޮށެވެ. ވަސީލަތް މަދު، ބިންކޮޅު ކުޑަ ރާއްޖޭގެ އެންމެ އަގުބޮޑު ވަސީލަތް ކަމަށްވާ ގުދުރަތީ ރީތިކަން ލިބިފައިވާ ރަށްތަކާއި ފަޅުތައް ނުއަގުގައި އެކި މީހުންނަށް ބައިއަޅާލައި ހުސްކޮށްލީ އެ މަނިކުފާނުގެ އެންމެ ގާތް ބޭފުޅުންނެވެ. އެ ފައިސާ ބޭނުންކުރީ ސިޔާސީ ބާރުވެރިކަން ހޯދާށެވެ. ރައީސް ޔާމީންގެ ވެރިކަން ނިމިގެންދިޔައީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ތާށިވެގެންނެވެ.
ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާގެ އެ ހިޔާނާތުގެ ފުނަށް ނުފީނި އުޅެނިކޮށް، މި ސަރުކާރުގެ މޫނުމަތީގައި ވެސް ކޮރަޕްޝަންގެ ހުތުރު ލައްގަނޑު ޖެހިއްޖެ އެވެ. އެއީ ވެސް އަދި ދިވެހިން އެންމެ ހާލުގައި ޖެހިފައި ތިއްބަ އެވެ. ކޮވިޑް-19 ގެ ބިޔަ ރާޅުގައި މުޅި ދުނިޔެ ޖެހި، ރާއްޖޭގެ އިގްތިސާދު ވެސް އެތައް އަހަރެއް ފަހަތަށް ދީލާލާފައި ވަނިކޮށެވެ. އަހަރެމެން ގިނަ މީހުންގެ ހަޔާތުގައި ދެން ނާންނާނެ ފަދަ މި ބޮޑު ކާރިސާ އިން އަމާން އައްސޭރިއަކަށް ގެންގޮސްދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތްތަކުން އަވަސްވެގަތީ އެކަން ކުރާކަށް ނޫނެވެ. ރައްޔިތުން ނޭވާހޮޅި އަށް އެޅިފައި ވަނިކޮށް ވަގަށް ނެގީ ނޭވާލައްވަން ގެންނަންޖެހޭ ވެންޓިލޭޓަރުތަކެވެ! ރައްޔިތުންނަށް އޮކްސިޖަން ދިނުމުގެ ބަދަލުގައި، އަވަސްވެގަތީ އެ ފައިސާ ބޭނުންކޮށްގެން އަމިއްލަ ޖީބު ބަރުކުރާށެވެ! ރައްޔިތުންނާއި ރައްޔިތުންނެވެ!
ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ ފަރާތްތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހޯދައިފި އެވެ. އެ ކޮމިޝަނާ މެދު ކިތަންމެ ބައިވަރު ޝަކުވާތަކެއް ހުއްޓަސް އެއީ އެހެން ކަމެކެވެ. އެ ކޮމިޝަންގެ މަސައްކަތުގެ ފެންވަރާ މެދު ސުވާލު އުފައްދަން ލިބޭ ޖާގަ ނައްތާލާނީ ނިޒާމު ރަނގަޅުކޮށް، ކޮމިޝަނުގެ ގާބިލްކަން އިތުރުކުރުމުގެ އިތުރަށް، ކަންކަން ކުރެވޭ ފަރާތްތައް އެ ކޮމިޝަނަށް ލައިގެންނެވެ. އެ މައްސަލަތައް ހުއްޓަސް، ކޮރަޕްޝަންގެ އަމަލުތައް ހިންގޭ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅެއް ވަގުތުން ވަގުތަށް އަޅަންޖެހޭނެ އެވެ. ހިފެން އޮތް ގޮތަކަށް ވަގުން ހިފުމަކީ ރައްޔިތުން ހަވާލުކޮށްފައިވާ އަމާނާތުގެ މުހިއްމު އެއް ކަންތަކެވެ. ކޮމިޝަން އިސްލާހުކުރުމަކީ މާދަމާގެ ކަމެކެވެ.
ކުރީ ސަރުކާރުތަކެކޭ އެއްގޮތަށް، ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ފަރާތްތަކާ މެދު ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ސަރުކާރު އޮތީ ފަހަތު ފަޔަށް ބުރަވެފަ އެވެ. ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މީހަކަށް އިތުރަށް އެންމެ ދުވަހަކު ވެސް މަގާމުގައި ހުރެވިގެން ނުވާނެ އެވެ. ސަސްޕެންޑް ކުރުމަކުން ނުފުދެ އެވެ. ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ އެއްވެސް މީހަކަށް ރައްޔިތުންގެ ފައިސާ އިން އެންމެ ދުވަހަކު ވެސް މުސާރަ ދިނުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ހެޔޮވެރިކަމެއް ކޮށް، ރައްޔިތުންގެ ފައިސާ އަށް އަމާނާތްތެރިވާނެ ސަރުކާރެއް އޮތުމުގެ ނަސީބު ދިވެހިންނަށް އަދި ލިބިފައެއް ނެތެވެ. ވައްކަން ނުކުރާނެ ކަމަށް ބުނެ ކޮންމެ ޕާޓީއަކުން ވެސް ކެމްޕެއިންގެ ތެރޭގައި ވާ ވައުދު، ސަރުކާރާ ހަވާލުވުމާ އެކު ހަނދާން ނެތިގެންދެ އެވެ. އަވަސްވެގަންނަނީ ވައްކަމައިގެންނެވެ. އެ ހުތުރު އަމަލު ހިންގާ ފަރާތްތައް ހިފާނެ ހިތްވަރެއް ނުހުރެ އެވެ. އެކަމަކު، މިކަން ވަރިހަމަކޮށްލައިގެން ރައްޔިތުން ތިބޭނެ ހެއްޔެވެ؟ މިވަގުތު އެކަން ފާޅުގައި ނުދެއްކިޔަސް، ރައްޔިތުންނަށް ބަސް ބުނެވޭ ދުވަހު އެކަން ދައްކާނެ އެވެ!
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް