ގެސްޓު ހައުސްތައް އަލުން ހުޅުވާލުން: ނުވަ ރަށެއްގެ 22 ގެސްޓު ހައުސްގައި ހިދުމަތް ދޭން ފަށައިފި

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ގެސްޓު ހައުސްތައް ބަންދު ކުރިތާ 212 ދުވަސް ފަހުން އަލުން ގެސްޓު ހައުސް ތައް ހިންގުމުގެ ހުއްދަ މިއަދު ދީފި އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ގެސްޓު ހައުސ...

15 Oct 2020 | 05:42

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ގެސްޓު ހައުސްތައް ބަންދު ކުރިތާ 212 ދުވަސް ފަހުން އަލުން ގެސްޓު ހައުސް ތައް ހިންގުމުގެ ހުއްދަ މިއަދު ދީފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ގެސްޓު ހައުސްތަކެއް ހިންގުމުގެ ހުއްދަ މިއަދުން ފެށިގެން އޮންނާނެ ކަމަށެވެ. ކޯވިޑާއި ގުޅިގެން ގެސްޓު ހައުސްތައް ބަންދު ކުރީ މިދިޔަ މާޗްމަހުގެ ފަހުކޮޅު އެވެ.

އެ މިނިސްޓްރީން ބުނީ އަލުން ޓޫރިސްޓުން ގެނައުމުގެ ހުއްދަ ދޭނީ ގެސްޓު ހައުސްއެއް ހުރި ރަށެއްގެ ކައުންސިލުން އެ ރަށުގައި ރައްކާތެރިކަން ކަށަވަރުވެފައިވާކަން ޓޫރިޒަމް މިނިސްޓްރީއަށް އެންގުމުންނެވެ. އަދި ގެސްޓު ހައުސްއަކުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ފިޔަވަޅުތައް އަޅާފައިވާކަން އެ މިނިސްޓްރީއަށް އެންގުމުން އެކަން ބެލުމަށް ފަހު ކަމަށެވެ.

އަލުން މިއަދު ގެސްޓު ހައުސް ވިޔަފާރު ފެށި އިރު ރޭގެ ނިޔަލަށް ނުވަ ރަށެއްގައި22 ގެސްޓު ހައުސް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވެ އެވެ.

އެޗްޕީއޭއިން ބުނީ ގެސްޓު ހައުސްތައް ހުރި ރަށްރަށުގައި މިއަދުން ފެށިގެން އަމަލު ކުރަންޖެހޭ ގަވައިދަށް އަމަލު ކުރަން ފަށަން ޖެހޭނީ އެ ރަށެއްގެ ގެސްޓު ހައުސްއަށް ޓޫރިސްޓުން ގެންދަން ފަށާ ދުވަހުން ފެށިގެންނެވެ.

އެ ގަވައިދުގެ ދަށުން ގެސްޓު ހައުސްތައް ހިންގާ ރަށްރަށުގައި އާންމު ތަންތަނުގައި މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ. ނާޅާ ނަމަ 1،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.

އާންމުންގެ ގޭގެއަށް ޓޫރިސްޓުން ވަނުން މަނާކޮށްފައިވާއިރު ސިއްހީ ހިދުމަތް ހޯދަން ނުވަތަ އެމަޖެންސީ ހިދުމަތެއްގައި ނޫން ގޮތަކަށް ގެސްޓު ހައުސް ހިންގާ ރަށްރަށަށް ގޮސްފި ނަމަ އެނބުރި ރަށަށް ގޮސް ކަރަންޓީން ވާންޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް