އެމްޑީއެންގެ ރިޕޯޓަށް އެމްއެންޔޫގެ ލެކްޗަރާއިން ވާހަކަ ނުދެއްކުމަށް އަންގައިފި

އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނެ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓާއި ގުޅިގެން ގައުމީ ޔުނިވާސިޓީގެ އެއްވެސް ލެކްޗަރާއަކު ސޯޝަލް މީޑިއާގައި ވ...

15 Oct 2019 | 12:52

އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނެ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓާއި ގުޅިގެން ގައުމީ ޔުނިވާސިޓީގެ އެއްވެސް ލެކްޗަރާއަކު ސޯޝަލް މީޑިއާގައި ވާހަކަ ނުދެއްކުމަށް ސަރުކާރުން އަންގައިފިއެވެ.

ސަރުކާރުން އެފަދަ އެންގުމެއް އަންގާފައިވާކަމަށް ބުނެފައި ވަނީ ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. ހަސަން ހަމީދު މިއަދު އެ ޔުނިވާސިޓީގެ މުވައްޒަފުންނަށް ފޮނުވި އެންގުމެއްގައެވެ.

މިއަދު މެންދުރުފަހު އެމްއެންޔޫގެ ހުރިހާ މުވައްޒަފުންނަށް އީމެއިލް މެދުވެރިކޮށް އަންގާފައިވާ އެންގުމުގައި ބުނެފައިވަނީ ި ދަނޑިވަޅުވައި އެމްއެންޔޫގެ ބައެއް ލެކްޗަރާ އިން، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި، މުޖްތަމައު ހަލަބޮލި ވެދާނޭ ފަދަ ބީދައަކުން، އެ ރިޕޯޓާ ގުޅިގެން މީސްމީޑިޔާގައި ތަފާތު އެކި ހިޔާލު ފާޅުކުރަމުންދާކަން ސަރުކާރަށް ފާހަގަވެފައިވާ ކަމަށެވެ.

އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ލިބެމުން އަންނަ ކަމަށް ހަސަން ހަމީދުގެ އެންގުމުގައިވެއެވެ. އެމްއެންޔޫގެ މުދައްރިސުންނަކީ ރާއްޖޭގެ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމުގައި މުހިއްމު ދައުރެއް އަދާ ކުރާ ބައެއްކަން ފާހަގަކޮށް ހަމީދުގެ އެންގުމުގައި ބުނެފައިވަނީ އެބޭފުޅުންގެ ފަރާތުން އެފަދަ ކަންތައްތައް ތަކުރާރުވަމުން ދިއުމަކީ މުޖުތަމައަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނޭ ކަމެއް ކަމަށް އެ މެސެޖުގައިވެއެވެ.

އެހެންކަމުން އެއްބަޔަކު އަނެއް ބަޔަކާމެދު ރުޅިވެރިކަން އުފެދޭނެ ފަދަ ވާހަކަތައް މީސްމީޑިޔާ އާއި، އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ޔުނިވާސިޓީގައި އެދިވަޑައިގެންފައިވާ ކަމަށް އެންގުމުގައިވެއެވެ.

މިފަދަ އެންގުމެއް އެމްއެންޔޫގެ ލެކްޗަރާއިންނަށް އަންގާފައި މިވަނީ އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އިލްމުވެރިންގެ ގުޅުމުގެ ނަމުގައި އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވަނިކޮށެވެ. އޭގެތެރެއިން ގިނަ އިލްމުވެރިންނަކީ އެމްއެންޔޫގެ ލެކްޗަރާއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް