ރ. އަތޮޅުގެ ފަޅު ރަށެއް ކަމުގައިވާ ގާއުނޑޫދޫ ގައި ވަރަށް އިހާނެތިކޮށް ބަނދެފައި އޮތް ވެލައެއް ތިމާވެށީގެ ދިރާސާތަކެއް ކުރުމަށް އެރަށަށް ގޮސް އުޅުނު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޓީމަކުން ސަލާމަތްކޮށްފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ އެ ޓީމު މަސައްކަތުގައި އުޅެނިކޮށް ވަލުތެރޭގައި އުއްޑުން ޖަހައި ބަނދެފައި އޮތް އެ ވެލައެއް މިއަދު ހެނދުނުގެ ވަގުތެއްގައި ފެނިފައިވާކަމަށެވެ.
ފިޔަގަނޑުގައި ވަލެއް ޖަހައި ގަހެއްގައި މި ވެލާ ބަނދެފައި އޮތުމުގެ ބޭނުމަކީ މިއަދުގެ ކޮންމެވެސް ވަގުތެއްގައި ފަޅާލުމަށް ކަމަށް ބެލެވޭ ކަމަށް އެންވާރުމެންޓް މިނިސްޓްރީން ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓްރީން ވިދާޅުވީ މި ވެލައަކީ ލަފާކުރެވޭ ގޮތުގައި ރޭގެ ފަތިހުގެ ވަގުތެއްގައި ބިސް އަޅަން އެ ރަށަށް އެރި ވެލައެކެވެ. މިނިސްޓްރީގެ ޓީމަށް ވެލާ ފެނުމާއެކީ އެ ވެލާ ސަލާމަތްކޮށް ދޫކޮށްލުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.
މި ޓީމުގައި އިސްވެ ހުންނެވީ މިނިސްޓްރީގެ އެކްޒެކަޓިވް ޑިރެކްޓަރ އަހުމަދު މުޖުތަބާ އެވެ. އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ވަނީ ޓީމުގެ ހުރިހާ ބޭފުޅުންނަށް ގުޅާ މަރުހަބާ ދަންނަވައި ހާދިސާ ހިނގި ގޮތް ބައްލަވާފައެވެ. މި ހާދިސާ ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު މިނިސްޓްރީއިން ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޒާހިރު މިކަމާ ގުޅޭގޮތުން ވިދާޅުވީ މިއީ ހަގީގަތުގައިވެސް އަނިޔާކުރުންކަމަށާއި މިފަދަ ލާއިންސާނީ އަމަލުތައް ބަލައިނުގަނެވޭނެ ކަމަށާއި މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި މިއީ ޤާނޫނީ ކުށެއް ކަމަށާއި މި މައްސަލަ މިނިސްޓްރީއިން މިގެންދަނީ ބަލަމުންކަމަށާއި މިކަމުގައި ބައިވެރިވި ފަރާތްތައް ހޯދައި އެ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް