އައްޑޫސިޓީ ހިތަދޫގައި އަޅާފައިވާ ޕްލެޓްތަކުގެ ޑައުންޕޭމަންޓް ދެ މަހަށް ބަހާލައިގެން ދެއްކޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީކައުންސިލުން ވިދާޅުވި ގޮތުގައި އެ ސިޓީގައި އަޅާފައިވާ ފްލެޓުތަކުގެ ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ 19000 ރުފިޔާ ދެ މަހަށް ބަހާލައިގެން ދެއްކޭނެއެވެ.
އެގޮތުން ފްލެޓު އެގްރިމެންޓުގައި ސޮއިކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ފުރަތަމަ 9500 ރުފިޔާ ދެއްކޭނެއެވެ. އަދި ބާކީ 9500 ރުފިޔާ، އޭގެ 60 ދުވަހުގެ ތެރޭގައި ދެއްކޭނެ ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
ހައުސިންގ މިނިސްޓްރީން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގައި އިމާރާތް ކުރެވިފައިވާ 264 ފްލެޓް ލިބޭ ހައްގުވެރި ފަރާތްތަކަށް ފްލެޓް އެގްރީމަންޓްގައި ސޮއިކޮށް، ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް އިއްޔެ އައްޑޫ ސިޓީ ކައުންސިލްގައި ފަށާފައިވާ ކަމަށެވެ.
ހިތަދޫގައި އަޅާފައިވާ 264 ފްލެޓް ބަހާލެވިފައި ވަނީ އައްޑޫ ސިޓީގެއެކި ރަށްރަށުގެ މީހުންނަށެވެ. އެގޮތުން 150 ފްލެޓް ހާއްސަ ކުރެވިފައި ވަނީ ހިތަދޫގެ ރައްތިޔުންނަށެވެ. އެ ފްލެޓްތަކަށް 446 މީހަކު ވަނީ ކުރިމަތިލާފައެވެ.
އެ ފްލެޓްތަކުގެ ތެރެއިން 30 ފްލެޓް މަރަދޫ އާއި މަރަދޫފޭދޫގެ ރައްޔިތުންގެ ތެރެއިން ހިތަދޫގައި ދިރުއުޅެން ބޭނުންވާ ފަރާތްތަކަށް ހާއްސަކުރެވިފައިވާއިރު، ފޭދޫ ރައްޔިތުންނަށް ހާއްސަކުރެވިފައި ވަނީ 50 ފްލެޓެވެ.
ހިތަދޫގައި އަޅާފައިވާ ފްލެޓުތަކަކީ ޗައިނާގެ ނޭޝަނަލް މެޝިނަރީ އެންޑް އިކުއިޕްމެންޓް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްގެން އަޅާފައިވާ ފްލެޓް ތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް