ބަދަލު ދެމުން ގެންދާ މައްސަލަތައް އޭސީސީ ތަހުގީގު ކުރަނީ

އުސޫލުތަކުގެ ބޭރުން ބާތިލްކޮށްފައިވާ އެއްބަސްވުންތަކުގެ ބަދަލުގައި އަމިއްލަ ކުންފުނިތަކަކަށް ދައުލަތުން ގިނަ އަދަދަކަށް ފައިސާ ދީފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރަން...

15 Oct 2019 | 07:51

އުސޫލުތަކުގެ ބޭރުން ބާތިލްކޮށްފައިވާ އެއްބަސްވުންތަކުގެ ބަދަލުގައި އަމިއްލަ ކުންފުނިތަކަކަށް ދައުލަތުން ގިނަ އަދަދަކަށް ފައިސާ ދީފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރަން ފަށައިފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތް ފަހުން މިހާތަނަށް ތަފާތު އެކި މައްސަލަތަކުގައި ކުންފުނިތަކަށް ބިލިއަނެއްހާ ރުފިޔާ ވަނީ ބަދަލު ދީފައެވެ. އެކަމާއި ގުޅިގެން އާއްމުންނާއި ސިޔާސީ ފަރާތްތަކުން ސަރުކާރަށް އަންނަނީ ފާޑު ކިޔަމުންނެވެ. ހާއްސަ ގޮތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަސައްކަތްތަކާއި ތަފާތު އެކިއެކި މަޝްރޫއުތައް ހަވާލުކޮށްފައިވާ ކުންފުނިތަކަށް އެ ފައިސާ ދެމުން ގެންދާތީ އެއީ "ވައްކަމުގެ" ގޮތުގައި ބަޔަކު އަންނަނީ ސިފަ ކުރަމުންނެވެ.

ސަރުކާރުން ބުނަމުން ދަނީ އެގޮތަށް ބަދަލު ދޭން ޖެހެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ ކުންފުނިތަކާއި އެކުގައި ވެފައިވާ އެއްބަސްވުން ގާނޫނާއި ގަވާއިދާއި ހިލާފަށް ބާތިލު ކޮށްފައިވާތީ ކަމަށެވެ. އަދި އެކަން އެ ސަރުކާރުގެ މިނިސްޓަރުންވެސް ގަބޫލު ކުރައްވާ ކަމަށް ސަރުކާރުން ބުނެއެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ފާޅު ކުރަމުންދާ ދަނޑިވަޅެއްގައި އަލަށް އައްޔަން ކުރެއްވި އޭސީސީގެ މެންބަރުން މިއަދު ފުރަތަމަ ފަހަރަށް މީޑިއާޔާ ބައްދަލު ކުރައްވައި ވިދާޅުވީ، އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ބަދަލު ދިނުމާއި ގުޅޭ ގޮތުން އެ ކޮމިޝަނަށް ޝަކުވާއެއް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ އެ ކޮމިޝަނުން މިހާރު ބަލަމުން އަންނަ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ އެ ކޮމިޝަނަށް ހުށަހެޅުނީ އެންމެ މައްސަލައެއް ކަމުގައިވީ ނަމަވެސް މައްސަލަ ބަލަމުންދާ އިރު މިހާތަނަށް ހަދާފައިވާ ހުރިހާ ސެޓަލްމެންޓެއް ވަކި ވަކިން ތަހުގީގު ކުރާނެ ކަމަށެވެ.

ސަރުކާރުން އެންމެ ފަހުން ބަދަލު ދިނީ ނޫމަޑި ކުންފުންޏަށެވެ. އެ ކުންފުންޏަށް 50 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ދީފައިވާއިރު އެ ކުންފުންޏާއި ހަވާލުކޮށްފައިވާ އެއްވެސް މަސައްކަތެއް މިހާތަނަށް ނިމިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް