ދެލޯބިވެރިންގެ ހުރިހާ ވާހަކައެއް ސޯޝަލް މީޑިއާގައި ހިއްސާކުރާ ފަދައިން ވަކިވާ ސަބަބު ހާމަނުކުރަނީ ކީއްވެ؟

އާދަވެގެން މަދު ޖޯޑެއް ފިޔަވައި ގިނަ ޖޯޑުތަކަކީ އަމިއްލަ ހަޔާތުގެ ކަންކަން ސޯޝަލް މީޑިއާގައި ހާމަކުރާ ބައެކެވެ. ފޭސްބުކާއި އިންސްޓަގްރާމް އަދި ސްނެޕްޗެޓު ފަދަ އެޕްލިކޭޝަންތަކުގައި ލޯބިވެރިންގެ ވާހަކަތ...

15 Oct 2019 | 06:38

އާދަވެގެން މަދު ޖޯޑެއް ފިޔަވައި ގިނަ ޖޯޑުތަކަކީ އަމިއްލަ ހަޔާތުގެ ކަންކަން ސޯޝަލް މީޑިއާގައި ހާމަކުރާ ބައެކެވެ. ފޭސްބުކާއި އިންސްޓަގްރާމް އަދި ސްނެޕްޗެޓު ފަދަ އެޕްލިކޭޝަންތަކުގައި ލޯބިވެރިންގެ ވާހަކަތައް ހިއްސާކުރުމަކީ އާންމުކަމެކެވެ.

އެކުގައި ދާ ތަންތަނާއި، ކުރާ ހުރިހާ ކަމެއް މި އެޕްލިކޭޝަންތަކުގެ ޒަރީއާއިން އިނގެއެވެ. ރައްޓެހިވެގެން ވީ ކިތައް ހަފްތާ ކަމާއި، ކިތައް މަސްކަން ވެސް ގިނަ މީހުން ހާމަކުރެއެވެ. މިއީ އާ ކަމެއް ނޫނެވެ. ރައްޓެހިވެގެން އުޅޭއިރު ދެމީހުން އެކަކު އަނެކަކަށް ދޭން ބޭނުންވާ މެސެޖު ވެސް ގިނަފަހަރު ދެނީ އެންމެންނަށް ފެންނަގޮތަށް ސޯޝަލް މީޑިއާގައެވެ. އެތައް ބަޔަކަށް މި މަންޒަރުތައް ފެންނާނެ އެވެ.

ކުއްލިއަކަށް ޖޯޑުތައް ގެއްލޭ މައްސަލައަކީ މިމީހުންގެ ލޯބީގެ ހަޔާތް ފޮލޯ ކުރަމުން އަންނަ މީހުންގެ ޝަކުވާއެކެވެ. ރައްޓެހިވެގެންނާއި ކައިވެނިކޮށްގެން އުޅޭއިރު އެދެމެދުގައި ހިނގާ ހުރިހާ ކަމެއް ހިއްސާކުރާއިރު، ދެން ވީ ކީއްތޯ ބަލަން ބޭނުންވާ އެތައް ސްޓޯކަރސް އެއް ތިބޭނެއެވެ.

ދެމީހުން ވަކިވެއްޖެ ކަން ވެސް ވަރަށް ފަސޭހައިން އިނގޭނެއެވެ. އެކަކު އަނެކަކަށް ޕޯސްޓްތައް ޓެގުކުރުން ހުއްޓޭނެއެވެ. ކުއްލިއަކަށް ހިތާމަވެރި ޕޯސްޓްތައް ހިއްސާކުރަން ފަށާނެއެވެ. އަދި އެންމެ މުހިންމު ކަމަކީ، އެކީގައި ނަގާފައި ހުރި ހުރިހާ ފޮޓޯއެއް ކުއްލިއަކަށް ސޯޝަލް މީޑިއާ އިން ގެއްލޭނެއެވެ. އެހިސާބުން އެމީހުން ރުޅިވެއްޖެކަން ކަށަވަރުވީއެވެ. ނަމަވެސް ވީގޮތެއް ނޭންގޭނެއެވެ.

މިއީ ދެން މިހާރަކަށް އައިސް ވަރަށް އާންމު ކަމެކެވެ. އަމިއްލަ ޒާތީ ދިރިއުޅުމުގެ ކަންކަން ހިއްސާކުރާނަމަ ހުރިހާ ވާހަކައެއް ހިއްސާ ނުކުރާ ސަބަބެއްވެސް އޮންނާނެ ތާއެވެ. އެސުވާލު ދެތިން މީހަކާ ކޮށްލުމުން ބުނީ ޒާތީ ކަންކަން ސޯޝަލް މީޑިއާގައި ހިއްސާކުރަން ބޭނުންނުވާތީ ކަމުގައެވެ.

ނަމަވެސް ލޯބިވެރިޔާ އާއި އެކު ހޭދަކުރާ ވަގުތުތަކުގެ ތަފްސީލަކީ ވެސް އަމިއްލަ ޒާތީ ކަންކަމެއް ނޫން ހެއްޔެވެ؟

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް