އެރެއަށްފަހު- އަށާރަވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... "ޔުއަރ ގާލް އިޒް އިންފްރޮންޓް އޮފް ލޯކަލް މަރކެޓް" ނުދަންނަ ނަންބަރަކުން އައި އެމެސެޖަށް ބަލައިލުމަށްފަހު ނަޒާން ދެފަރާތް ބަލައިލިއެވެ. ނިތްކުރީގައި އިނގިލި ހާކައިލަމުން ނަޒާން ވ...

15 Oct 2019 | 04:32

ކުރީގެ އަދަދާ ގުޅޭ...

"ޔުއަރ ގާލް އިޒް އިންފްރޮންޓް އޮފް ލޯކަލް މަރކެޓް" ނުދަންނަ ނަންބަރަކުން އައި އެމެސެޖަށް ބަލައިލުމަށްފަހު ނަޒާން ދެފަރާތް ބަލައިލިއެވެ. ނިތްކުރީގައި އިނގިލި ހާކައިލަމުން ނަޒާން ވިސްނައިލިއެވެ. މިއީ ތެދެއްތޯ ބަލައިލަން ނަޒާން ސައިކަލަށް އަރައި ދުއްވައިލީ ލޯކަލް މާރުކޭޓާއި ދިމާލަށް ދިއުމަށެވެ. އެމެސެޖު ކުރީ ކާކުކަން ބެލުން މިވަގުތު މުހިންމެއް ނޫނެވެ. ޝައިލާމެން ގޭ މީހުން އެހާ ހާސްވެގެން އުޅޭ ސަބަބެއް ވެސް އިނގޭނީ އޭނާ ވީތަނެއް އެނގިގެންނެވެ.

***

ޝައިލާ ކައިރިއަށް އެއްވަމުން ދިޔަ މީހުން ދުރުކުރެވޭތޯ ފުލުސް މީހާ ދިޔައީ މަސައްކަތް ކުރަމުންނެވެ. މިހާރު ޝައިލާ ކައިރީ އިށީންދެ އެއިނީ އަންހެން ފުލުހެކެވެ. އެތައް ސުވާލެއް ކުރުމުން ވެސް ޝައިލާ އަނގައިން ބުނާކަށް ނޫޅުނެވެ.

ޝައިލާގެ އަނގައިން އަދިވެސް ގިސްލުމުގެ އަޑު ނިކުންނަމުން ދިޔައެވެ. މޫނުމަތި ވަނީ ދާހިއްލާފައެވެ. އެތައް ސުވާލެއް ކުރުމުން ވެސް އިސްއުފުލާ ބަލައިނުލިއެވެ. ގައިގައި އަތްލުމުން އަތް ފޮޅުވައިލުން ފިޔަވައި އެއްވެސް ހަރަކާތެއް ނުގެނެއެވެ.

"ޝައި" މީހުންތަކުގެ ތެރެއިން އިވުނު އެއަޑަށް ޝައިލާ އިސްއުފުލައި ބަލައިލިއެވެ. ކޮޅަށް ހުރި ނަޒާން ފެނުމުން ޝައިލާގެ ފަޔަށް ބާރެއް ލެވުނެވެ. އަވަސް ހަރަކާތަކާއި އެކީ ގޮސް ވަދެވުނީ ނަޒާންގެ ފުރަގަހަށެވެ.

ނަޒާންގެ ފުރަގަހުގައި ހުރެ ވަށައިގެން ތިބި މީހުންނަށް ޝައިލާ ބަލަމުން ދިޔައީ ބިރުންހުރެއެވެ. ޝައިލާ އެހާ ބިރުގަނެފައި ހުއްޓައި މިފެނުނީ އަލަށެވެ.

"މީ ދަންނަ ކުއްޖެއްތޯ؟" ޝައިލާ ކައިރީ އިށީންދެ އިން ފުލުސް މީހާ އައިސް އަހައިލިއެވެ. ނަޒާން އަވަހަށް ބޯ ޖަހައިލިއެވެ.

"ބައްޔެއް ހުންނަނީތޯ؟ އޭނަ މިތާ އެހެން އިންނަތާ ގަޑިއިރެއް ވެދާނެ މިހާރު" ފުލުސް އޮފިސަރު އޮޅުންފިލުވައިދިނެވެ. ބުނާނެ އެއްޗެއް ނޭންގުމުން ނަޒާން ފުރަތަމަ ބަލައިލީ ޝައިލާގެ ދާހިއްލާ ފޯވެފައިވާ މޫނަށެވެ. އޭރުވެސް ޝައިލާ ހުރީ ދެލޯ ބޮޑުކޮށްލައިގެން މީހުންތަކަށް ބަލާށެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކަ ޝައިލާ އަށް ނީވޭ ކަހަލައެވެ.

"ނޫން... މީހުން ގިނަވީމަ ހާސްވާނެ ވަރަށް" ނަޒާން ވާހަކައެއް ހަދައިލިއެވެ.

"މީ އަންހެނުންތޯ؟" ފުލުސް މީހާ ދެން ކޮށްލި ސުވާލުން ނަޒާންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަނެއްކާ ވެސް ނަޒާނަށް ބަލައިލެވުނީ ޝައިލާގެ މޫނަށެވެ. ސިއްސައިގެން ދިޔައީ މިފަހަރު ޝައިލާގެ ނަޒަރު ނަޒާންގެ މޫނަށް ހުއްޓިފައި ހުރުމުންނެވެ. ޝައިލާ ވެސް އެއިންތިޒާރު ކުރަނީ ނަޒާން ދޭނެ ޖަވާބަކަށެވެ.

"ނޫން ގާތް އެކުވެރިއެއް" ލަސްލަހުން ނަޒާން ބުނެލިއެވެ. ފުލުސް މީހާގެ ހުއްދަ އާއި އެކީ ޝައިލާ ގޮވައިގެން ދާން ހިނގައިގަތެވެ. ނަޒާންގެ ފިޔަވަޅުތައް ހުއްޓުނީ ހިނގަހިނގާ ހުރި ޝައިލާ އޭނާގެ އަތުގައި ހިފައިލުމުންނެވެ. ސައިކަލާ ހިސާބަށް ދެވެންދެން ޝައިލާ ހުރީ ނަޒާންގެ އަތުގައި ހިފައިގެންނެވެ.

"ވަޓް ހެޕެން ޝައި؟ އަރ ޔޫ އޯކޭ؟" ޝައިލާގެ މޫނަށް ބަލައިލަމުން ނަޒާން އަހައިލިއެވެ. ޝައިލާ އަށް ފާޅުގައި ރޮވެން ފެށީ ދެނެވެ. މިހުރިހާ އިރު ސިއްރު ގިސްލުމެއްގައި ހުރި ޝައިލާގެ އަނގައިން ބާރުބާރަށް އަޑު ނިކުންނަން ފަށައިފިއެވެ. އަޑުން އަޑުނަގައި ރޮވެން ފަށައިފިއެވެ. ޝައިލާ ރޯން ފެށުމުން މަސަލަސްކުރަން އަތްލާކަށް ވެސް ނުކެރުނެވެ. ދެކޮޅު ބަލައިލުމަށްފަހު ޝައިލާގެ މޫނުގައި ހިފައި ނަޒާންގެ މޫނަށް ނަޒަރު ހިންގުވައިލިއެވެ.

"ޝައި ހުއްޓާލާފަ ތިވާގޮތެއް ބުނެބަ ޕްލީޒް... ކީއްވެ ތިރޮނީ؟ ވަޓްސް ރޯންގް؟" ނަޒާންގެ މޫނަށް ބަލަން ހުއްޓައި ޝައިލާގެ އަޑު ކެނޑިއްޖެ އެވެ. ނަމަވެސް ގިސްލުމުގެ އަޑެއް ނުކެނޑެއެވެ. ލޮލުން ހަމަ އެވަރަށް ކަރުނަ އަންނަމުން ދިޔައެވެ.

"ސައިކަލަށް އަރާނަންތަ؟ ސުމާ އަށް ގުޅަންވީތަ؟ އެންމެން އެބަ އުޅޭ ޝައި ވީތަނެއް ނޭންގިގެން" ޖީބުން ފޯނު ނަގަމުން ނަޒާން ބުނެލިއެވެ. އަދި ސުމާ އަށް ގުޅަން ތައްޔާރުވިއެވެ. ނަމަވެސް އެކަމަށް ހުރަސް އެޅުމުގެ ގޮތުން ޝައިލާ ފޯނު ދަމައިގަތެވެ.

ޝައިލާ އުޅެމުން ދިޔަ ގޮތާއި މެދު ނަޒާންގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދެމުން ދިޔައެވެ. ކުޑަކުއްޖަކު އުޅޭފަދަ ގޮތަކަށް ޝައިލާގެ އަމަލުތައް މިހުރީ ކީއްވެގެން ހެއްޔެވެ؟ މިއީ ޝައިލާ ބުނި އޭނާގެ ހަގީގަތް ހެއްޔެވެ؟ ނަޒާން ވިސްނަން ހުއްޓައި ޝައިލާ ކުރިއަށް ހިނގައިގަތެވެ. ނަޒާން ފަހަތުން ދުއްވައިގަތެވެ.

"ޝައި ބަލާ އަންނަން ސުމާ އަށް ގުޅަންތަ؟ ނޫނީ ހިނގާބަ ޒާން އާ އެކީގަ ސައިކުގަ ދާން" ނަޒާންގެ އަޑަށް ޝައިލާ ހުއްޓިއްޖެ އެވެ. އަދި ނަޒާންގެ މޫނަށް ބަލައިލިއެވެ.

"ބުނެފީމެއްނު އިޓްސް އޯވަރ އޭ..." ނަޒާންގެ މޫނަށް ބަލައިލަމުން ޝައިލާ ބުނެލިއެވެ. އެއަޑުގައިވި ކުރަކިކަމުގެ ތެރެއިން ވޭނެއްގެ އިސާސެއް ކުރެވުނެވެ.

ޝައިލާގެ ހަރަކާތްތައް ހުރިގޮތުން ނަޒާން ކައިރިއަށް ރުޅި އަންނަން ފަށައިފިއެވެ. ބަލާން ނުހުރެ ޝައިލާގެ އަތުގައި ހިފައިގެން ގޮސް ސައިކަލު ކައިރީގައި ބެހެއްޓިއެވެ. އަދި ޝައިލާގެ އަތުން ފޯނު ދަމައިގަތުމަށްފަހު ސުމާ އަށް ގުޅައި އެމީހުން ތިބި ތަން ބުނެދިނެވެ. އޭރު ވެސް ނަޒާން ހުރީ ޝައިލާގެ އަތުގައި ހިފައިގެންނެވެ. ޝައިލާ މަސައްކަތް ކުރަމުން ދިޔައީ އެއަތް ފޮޅުވައިލެވޭތޯ އެވެ.

މާގިނަ އިރުތަކެއް ނުވެ ސުމާ އެތަނަށް އައިސް މަޑުކޮށްލިއެވެ. ސުމާ އައިސް ހުއްޓުމުން ޝައިލާ ދުވެލާފައި ގޮސް އޭނާގެ ގައިގައި ބައްދައިލިއެވެ.

"ޔޫ އޯކޭ؟ މިހިސާބަށް އައީ ކިހިނެއްތަ؟" ޝައިލާގެ ބުރަކަށީގައި ފިރުމައިލަމުން ސުމާ އަހައިލިއެވެ. ޝައިލާގެ އަނގައިން އަދިވެސް ގިސްލުމުގެ އަޑު ނުކެނޑެއެވެ.

"ތެންކްސް ނަޒާން... އިނގޭ މީ ވަރަށް އެހެންކަހަލަ ހާލަތެއްކަން... އަދި ބައިވަރު ސުވާލު ހުރިކަން ވެސް... ފަހުން ދޯ" ނަޒާނަށް ދޯ ދެމުން ސުމާ ވާހަކަ ދެއްކިއެވެ. އަދި ސައިކަލަށް އެރުމުން ޝައިލާ ވެސް ފަހަތަށް އަރައި ފަހަތުން ސުމާ ގައިގައި ބައްދައިލުމަށްފަހު ކޮނޑުގައި ބޯ އަޅައިލިއެވެ. ސުމާ ފެނުމުން ޝައިލާ ހީވަނީ ހަމައަކަށް އެޅުނު ހެންނެވެ.

"ކިހިނެއް އެނގުނީ ޝައި މިތާހުރިކަން؟" ސައިކަލު ސްޓާޓްކޮށްލަމުން ސުމާ އަހައިލިއެވެ. އެވަގުތު ފޯނަށް އައި މެސެޖު މަތިން ނަޒާން ހަނދާންވިއެވެ.

"ދުއްވަނިކޮށް ފެނުނީ" ހިންދިރުވައިލުމަށްފަހު ނަޒާން ވަރަށް ކުޅަދާނަކޮށް ދޮގެއް ބުނެލިއެވެ. އަނެއްކާވެސް ނަޒާނަށް ޝުކުރު އަދާކޮށްލުމަށްފަހު ސުމާ ސައިކަލު ދުއްވައިލިއެވެ. އެމީހުން ލޮލުކޮޅަށް ގެއްލެންދެން ނަޒާން ހުރީ އެމީހުންނަށް ބަލަހައްޓައިގެންނެވެ. ނަޒާން މިރޭ ބޭނުންނަމަ އޭނާގެ ސައިކަލަށް ޝައިލާ އެރުވުނީހެވެ. ނަމަވެސް ޝައިލާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލާކަށް ވެސް ނަޒާން ބޭނުމެއް ނޫނެވެ.

ފޯނު އަތަށް ހެޔޮވަރުކޮށްލުމަށްފަހު ނަޒާން ބަލައިލީ މިރޭ ލިބުނު ގޮތްނޭންގޭ މެސެޖަށެވެ. ހަގީގަތުގައި ވެސް އޭނާ އަށް މީހަކު ފާރަލަނީ ހެއްޔެވެ؟ ދުވަސްކޮޅެއް ކުރިން ލިބުނު މެސެޖަކީ ހަމަ ހަގީގަތެއް ބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

މާރުކޭޓް ސަރަހައްދުގައި ހިނގައި ދިޔަ ހުރިހާ ހާދިސާއެއް ބަލަން ތިބި ދެ ފިރިހެނުން ޖީއެން ސައިކަލެއްގައި ނަޒާންގެ ކުރިކަނޑައިލުމަށްފަހު ހިނގައްޖެ އެވެ. ނަޒާން ހުރީ ފޯނަށް ގެއްލި ހުސްވެފައެވެ. ނަޒާންގެ ފަހަތުން ފާރަލަމުން މިއުޅެނީ ކޮންބައެއް ހެއްޔެވެ؟

***

"ޝައިލާ ދައްތަ ދޫނި ކޮންތާކަށް ގޮސްފަ ތިއައީ؟" ޝައިލާ ގެއަށް އައިސް ވަތްތަނާހެން ޝާއިރާ އައިސް އޮޅުލައިގަތެވެ. ޝައިލާގެ މޫނުމަތި ފެނިފައި ކޮންމެވެސް ކަމެއް ވެއްޖެކަން ޝާއިރާ އަށް ޔަގީންވިއެވެ.

"ކިހިނެއްވީ؟ ހާދަ ހާސްބޮޑުވެފަ ތިހުރީ... ދަރިފުޅާ ކިހިނެއްވީ؟" ސުމާގެ މޫނަށް ބަލައިލަމުން ޝާއިރާ އަހައިލިއެވެ. މިހާރު އޭނާގެ މޫނުމަތި ވެސް ވަނީ ބަނަވެފައެވެ.

"ޝައި އެކަނި ހިނގާލަން ނިކުމެ އުޅެނިކޮށް މަގު އޮޅުނީއޯ" ސުމާ ގަސްތުގައި ދޮގެއް ހަދައިލިއެވެ. ހަގީގަތް ބުނެފިނަމަ މިކަން ވާނީ ބޮޑު ހައިޖާނުގަނޑަކަށެވެ. ސަމާހްގެ ކަންފަތަށް އެއަޑު ފޯރައިފިނަމަ ހުރިތަނަކުން އަންނާނެކަން ޔަގީނެވެ. އެހެންކަމުން ވާހަކަ ހިންދައިލުމަށްފަހު ސުމާ އަވަހަށް ދިޔައީ ޝައިލާ ގޮވައިގެން އޭނާގެ ކޮޓަރިއަށެވެ. ސުމާ ދައްކަން ބޭނުންވާ ބައިވަރު ވާހަކަ އެބަހުއްޓެވެ. ކުރަން ބޭނުންވާ އެތައް ސުވާލެއް އެބަ ހުއްޓެވެ.

"ޝައި ވަޓްސް ރޯންގް ވިތު ޔޫ؟" ކޮޓަރީގެ ދޮރު ތަޅުލަމުން ސުމާ ފުރަތަމަ ވެސް ކޮށްލީ އެސުވާލެވެ. ޝައިލާ އެކަނި ނިކުމެގެން ދިއުމުން އެންމެ ހާސްވީ އޭނާ އެވެ. އެވަގުތު ވީގޮތެއްވެސް އަދި އުޅެވުނު ގޮތެއްވެސް ނޭންގެއެވެ.

"ޝައި އަށް އިނގޭތަ އަހަރެމެން ހާސްވެގެން އުޅުނުވަރު... ކަމެއްވި ނަމަޔޯ؟ ޝައި އަށް އިނގޭތަ ޝައިއަށް ކަމެއްވެއްޖިއްޔާ ދެރަވާނެ ކިތަންމެ ބަޔަކު ތިބިކަން؟ ނަޒާނަށް ނުފެނުނު ނަމަޔޯ؟ އަހަރެން ހިޔެއްވެސް ނުކުރަން ޝައި އެހާ ދުރަށް ހިނގާފައި ދާނެކަމަކަށް ވެސް..." ސުމާގެ ހިތުގައި ހުރި ހުރިހާ ސުވާލަކާއި ހުރިހާ އުދާސްތަކެއް ބޭރުކޮށްލީ އެއްނޭވާއިންނެވެ. ޝައިލާ އިނީ އިސްޖަހައިގެން އެނދުގައި އިށީންދެ އެވެ.

"ވާހަކަ ދައްކަބަލަ ޝައި... ވަޓްސް ރޯންގް؟" ޝައިލާ ކައިރީގައި އުޑުފައިން އިށީންނަމުން ސުމާ އަހައިލިއެވެ. ސުމާގެ މޫނަށް ބަލަން އިނދެފައި ޝައިލާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަނގައިން ބުނެފިނަމަ ނިކުންނާނީ ބުނަން ބޭނުންނުވާ ޖުމްލައެކެވެ. ޝައިލާ އަނގައިން ނުބުނުމުން އިތުރު އެއްޗެއް ބުނަން ސުމާ އަނގަ ހުޅުވައިލިއެވެ.

"އަހަރެން ނަޒާން ދެކެ ވަރަށް ލޯބިވޭ" ސުމާގެ އަނގަ އެއަށްވުރެ ބޮޑަށް ހުޅުވުނެވެ. ޝައިލާ އިނީ ސީދާ ސުމާގެ ލޮލަށް ބަލަހައްޓައިގެންނެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް