ސިޓީ ތަފާތު ބޮޑުކޮށް މޮޅުވިއިރު، ޗެލްސީ އާއި އާސެނަލް ބަލިވެއްޖެ!

މެންޗެސްޓާ ސިޓީއިން ތަފާތު ބޮޑުކޮށް ސްޓޯކް ސިޓީ ބަލިކޮށް އިނގިރޭސި ޕްރިމިއަ ލީގުގެ ތާވަލްގެ ކުރީގައި 2 ޕޮއިންޓްގެ ލީޑެއް ނެގިއިރު، އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އަދި އާސެނަލް ބަލިވެއްޖެއެވެ. ސިޓީއިނ...

15 Oct 2017 | 07:25

މެންޗެސްޓާ ސިޓީއިން ތަފާތު ބޮޑުކޮށް ސްޓޯކް ސިޓީ ބަލިކޮށް އިނގިރޭސި ޕްރިމިއަ ލީގުގެ ތާވަލްގެ ކުރީގައި 2 ޕޮއިންޓްގެ ލީޑެއް ނެގިއިރު، އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އަދި އާސެނަލް ބަލިވެއްޖެއެވެ.

ސިޓީއިން ރޭގައި ސްޓޯކް ސިޓީގެ މައްޗަށް ކުރިހޯދީ 7-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި ސީޒަނުގައި ސިޓީއަށް މޮޅުކުޅުމެއް ދައްކަމުން އަންނަ ފޯވާޑު ޖަބްރިއަލް ޖީސަސް 2 ގޯލު ޖެހިއިރު، ފެނާންޑީނިއޯ، ލެރޯއީ ސާނޭ، ބެނާޑޯ ސިލްވާ، ޑޭވިޑް ސިލްވާ އަދި ރަހީމް ސްޓާލިން، ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހާފައެވެ. މިއީ ސިޓީއިން މި ސީޒަނުގެ މެޗުތަކުގައި ނެރެމުން އަންނަ ތަފާތު ބޮޑު ނަތީޖާތަކަށް އިތުރުވި ބޮޅެކެވެ. ސްޓޯކުން ޖެހި ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ ސިޓީގެ ކައިލް ވޯކާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ގޯލު ކާމިޔާބު ކުރީ ބިރަމް ދިއުފުއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ މިރޭގެ މެޗާ ކުރިމަތިލިއިރު އެ ޓީމާ ދެކޮޅަށް ނުކުތް ކްރިސްޓަލް ޕެލަސް އޮތީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ތާވަލުގެ އެންމެ ފުލުގައެވެ. އެހެންނަމަވެސް ޗެލްސީގެ ސެސާ އަޒްޕިލިކުއޭޓާ އަތުން ބައިކޮޅަށް ވަން ގޯލާއި، ޗެލްސީއިން އެއްވަރު ކުރިފަހުން ވިލްފްރެޑް ޒަހާ ޖެހި ގޯލާއެކު 2-1 އިން ޗެލްސީ ބަލިކޮށް ކްރިސްޓަލް ޕެލަސް ވަނީ ސީޒަންގެ ފުރަތަމަ މޮޅު ހޯދާފައެވެ. ޗެލްސީގެ ގޯލު ޖަހައިދިނީ ފޯވާޑް ޓިއެމް ބަކަޔޯކޯ އެވެ. މި ބައްޔާއެކު ޗެލްސީ ވަނީ ތާވަލުގެ 5 ވަނަ އަށް ވެއްޓިފައެވެ.

ރޭ ވަޓްފޯޑް އަތުން 2-1 އިން ބަލިވެ ސަޕޯޓަރުންގެ ނުރުހުން އިތުރުވުމާއެކު، އާސެނަލް ކޯޗު އާސެން ވެންގާގެ ބޮލު ރިހުންވަނީ އިތުރުވެފައެވެ. ރޭގެ މެޗުގައި އެންމެ ފުރަތަމަ ލީޑް ނެގީ އާސެނަލް އިންނެވެ. އެ ޓީމަށް ގޯލު ޖަހައިދިނީ ޖަރުމަނުގެ ޑިފެންޑަރ ޕާ މަޓެސެކާ އެވެ. މިއީ 2016 ވަނަ އަހަރު އޭޕްރިލް މަހުގެ ފަހުން ފުރަތަމަ އެގާރާގައި ހިމެނިގެން މަޓެސެކާ ކުޅުނު ފުރަތަމަ މެޗެވެ. ލީޑް ފުޅާކުރަން ލިބުނު ފުރުސަތުގެ ތަކުގެ ބޭނުން އާސެނަލްއަށް ނުކުރެވުނު އިރު، އެ ޓީމުގެ ބެލެރިން ވަޓްފޯޓްގެ ރިޗާލިސަންއަށް ފައުލްކުރުމުން ދިން ޕެނަލްޓީއަކުން 71 ވަނަ ވަޓްފޯޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މި ޕެނަލްޓީ ޖެހީ ޓްރޮއީ ޑީނީ އެވެ. އެންމެ ފަހު ސިކުންތުކޮޅުގައި ވަޓްފޯޑު މޮޅުވީ ކްލެވަލީ ކާމިޔާބުކޮށްދިން ގޯލަކުންނެވެ. މި ނަތީޖާއާއެކު އާސެނަލް ވަނީ 6 ވަނައަށް ވެއްޓިފައެވެ. ތާވަލުގެ 5 ވަނައިގައި އޮތް އޮތް ޗެލްސީއާ ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް ޗެލްސީއަށް ކުރިލިބެނީ ފައިދާ ގޯލުންނެވެ.

ޕްރިމިއާ ލީގުގައި އިއްޔެ ކުޅެވުނު ބައެއް މެޗުތަކުގެ ނަތީޖާތައް:

ބާންލީ 1-1 ވެސްޓްހޭމް

ޓޮޓެންހަމް 2-0 ބޯންމައުތު

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް