ލިވަޕޫލް އާއި މެންޗެސްޓާ ޔުނައިޓެޑްގެ މެޗް އެއްވަރު – ދެ ކޯޗުންގެ ބަހުގެ ހަމަލާތަކެއް

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު ދެ ކްލަބްކަމަށްވާ ލިވަޕޫލް އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗް ގޯލެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ. މި ނަތީޖާއާއެކު ލިވަޕޫލްއަށް ލީގުގައި އެންމެ ފަހު...

15 Oct 2017 | 07:22

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު ދެ ކްލަބްކަމަށްވާ ލިވަޕޫލް އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗް ގޯލެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ. މި ނަތީޖާއާއެކު ލިވަޕޫލްއަށް ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައިވެސް ވަނީ މޮޅެއް ހޯދޭގޮތެއް ނުވެފައެވެ. މި ސީޒަންގައި މިހާތަނަށް ޕްރިމިއާ ލީގުގެ 8 މެޗު ކުޅެވިފައިވާއިރު ލިވަޕޫލް މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ. މިވަގުތު ލިވަޕޫލް އޮތީ 13 ޕޮއިންޓާއެކު ތާވަލުގެ 8 ވަނައިގައެވެ. މިރޭ ނިއުކާސަލް ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ ޖޯލުގެ ތަފާތަށް ބަލައި، ލިވަޕޫލް 9 ވަނަ ވެއްޓޭނެއެވެ.

އަނެއްކޮޅުން ރޭގެ މެޗުގައި ޑިފެންސިވް ކުޅުމެއް ދެއްކި މެންޗެސްޓާ ޔުނައިޓެޑް ރޭގެ މެޗުން އެއްވަރުވި ނަމަވެސް އަދިވެސް އޮތީ ތާވަލުގެ 2 ވަނައިގައެވެ. އެހެނަސް ރޭގައި ސިޓީން ހޯދި މޮޅާއެކު އެޓީމުވަނީ ތާވަލުކުރީގައި ޔުނައިޓެޑްގެ މައްޗަށް 2 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ.

ރޭގެ މެޗުގައި ޔުނައިޓެޑްގެ ގޯލްކީޕަރ ޑެހެޔާގެ ފަރާތުންވަނީ މޮޅު ސޭވްތަކެއް ފެނިގެން ގޮސްފައެވެ. އަނެއްކޮޅުން ދެ ޓީމަށްވެސް ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭގޮތެއްނުވިއެވެ.

ރޭގެ މެޗުގައި ޔުނައިޓެޑުން ދެއްކި ޑިފެންސިވް ކުޅުމާހެދި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ މޮރީނިއޯއަށް ފާޑުކިޔާފައެވެ. ކްލޮޕް ބުނީ ޔުނައިޓެޑުން އައީ ޕޮއިންޓެއް ހޯދަން ކަމަށާއި، އޭނާގެ ޓީމުން ބޭނުންވީ ތިން ޕޮއިންޓްކަމަށާއި އެކަން ހާޞިލްނުވި ކަމަށެވެ.

ކްލޮޕްގެ މި ވާހަކަތަކަށް ރައްދުދީ މޮރީނިއޯވެސް ވަނީ ވާހަކަ ދައްކާފައެވެ. މޮރީނިއޯ ބުނެފައިވަނީ އޭނާ ލިވަޕޫލްގެ ފަރާތުން އުންމީދު ކުރީ މިއަށްވުރެ ބޮޑަށް އެޓޭކިން ގޭމެއް ފެންނާނެ ކަމަށެވެ. އެހެނަސް ލިވަޕޫލުން ބެލީ މެދުތެރެއިން ބޯޅަ ކޮންޓްރޯލް ހޯދައިގެން ކުޅެލަ ކުޅެލަ ތިބުމަށްކަމަށްބުނެ މޮރީނިއޯ ވަނީ ފާޑުކިޔާފައެވެ. އަދި އޭނާގެ ޓީމު ފަހު ހާފުގައި ޑިފެންސިވްކޮށް ކުޅުނީ އޭނާގެ ޓީމަށްވުރެ ލިވަޕޫލްގެ މެދުތެރެ ވަރުގަދަ ވެފައި އެޓީމުގެ އަތުގައި ކޮންޓްރޯލް އޮތުމާއެކުވެސް ކުރިއަށް ޖެހި މާބޮޑަށް އެޓޭކްކުރަން ނޫޅުނީމާ ކަމަށްބުނެ މޮރީނިއޯ ވަނީ އޭނާގެ ބޭނުންކުރި ޓެކްޓިކްސްގެ ދިފާޢުގައި ވާހަކަ ދައްކާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް