ބާސާ – އެތުލެޓިކޯ މެޗަށް ހަމަހަމަ ނިމުމެއް، ރިއަލްއަށް ފަހު ވަގުތު މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ބާސާ އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވި އިރު، ކްރިސްޓިއާނޯ ރޮނާލްޑޯ ލީގުގެ މި ސީޒަންގައި ޖެހި ފުރަތަމަ ގޯލާއެކު ރިއަލް މެޑްރ...

15 Oct 2017 | 04:23

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ބާސާ އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވި އިރު، ކްރިސްޓިއާނޯ ރޮނާލްޑޯ ލީގުގެ މި ސީޒަންގައި ޖެހި ފުރަތަމަ ގޯލާއެކު ރިއަލް މެޑްރިޑް، ގެޓަފޭ އަތުން ފަހު ވަގުތު މޮޅުވެއްޖެއެވެ.

މިއާއެކު ބާސާއަތުން ލީގުގައި މޮޅުނުވެ އޮތްއޮތުން ނިމުމަކަށް ގެނައުމަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ސިމިއޯނީ ކުރި މަސައްކަތް ވަނީ މިފަހަރުވެސް ކާމިޔާބު ވާގޮތް ނުވެފައެވެ. އެހެނަސް މި އެއްވަރާއެކު، ބާސެލޯނާއިން މި ސީޒަނުގައި ލީގުގައި ދަމަހައްޓަމުން އައި ސައްތައިންސައްތަ މޮޅުވުމުގެ ރެކޯޑަށްވަނީ ނިމުމެއް އަހިސްފައެވެ.

މެޗު ފަށައިގެން އެތުލެޓިކޯ މެޑްރިޑުން ރަނގަޅު ހަމަލާތަކެއް އުފެއްދިއިރު، ބާސާގެ ފަހަތުން ޑިފެންޑަރ ޕީކޭއަށް ލިބޭ ކޮންމެ ބޯޅައަކާއެކުހެން އެތުލެޓިކޯގެ ސަޕޯޓަރުން ދިމާކުރަމުން ގެންދިއުމުން އޭނާ ފެނުނީ ނުތަނަވަސްކޮށެވެ. މި ނުތަނަވަސްކަން އިތުރުވީ 21 ވަނަ މިނިޓުގައި އެތުލެޓިކޯގެ ސައުލް ޖެހި ގޯލާއެކުގައެވެ. އޭނާ މިގޯލު ކާމިޔާބު ކުރީ އެތުލެޓިކޯއިން އުފެއްދި ރަނގަޅު ހަމަލާއެއްގައި ގޯލުގެ ކަނާތު ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ދެވަނަ ހާފުގައި ބާސެލޯނާއިން ވަރަށް ބޮޑުތަން ކުޅުން ރަނގަޅުކޮށް، ކުޅެމުން ދިޔައީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެންނެވެ. ދެވަނަ ހާފުގެ ކުރީކޮޅު މެސީ ފޮނުވާލި ހިތްގައިމު ހިލޭޖެހުމެއް އަމާޒުވީ ގޯލު ދަނޑިއަށެވެ. މެޗު ނިމެން ދަނިކޮށް ބާސާއަށް އެއްވަރުކޮށްދިން ގޯލު 82 ވަނަ މިނިޓުގައި ޖަހާދިނީ ލުއިސް ސުއަރޭޒެވެ. މި ގޯލަށްފަހުވެސް ބާސެލޯނާއިން މޮޅެއް ހޯދުމަށް ވަރަށް ރަނގަޅަށް އެޓޭކިން ގޭމެއް ކުޅެމުން ދިޔަ ނަމަވެސް އެތުލެޓިކޯގެ ވަރުގަދަ ޑިފެންސް ފޫއަޅުވާ ނުލެވުނެވެ.

ރޭ ބާސާ އާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުގެ ކުރިން، ރިއަލް މެޑްރިޑް ގެޓަފޭ އާ ދެކޮޅަށް ކުޅުނު މެޗުގައި ރިއަލްއަށް ފުރަތަމަ ލީޑު ނަގައިދިނީ އަނިޔާގައި ހުރުމަށްފަހު ރަނގަޅުވެ މި މެޗުގެ ފުރަތަމަ އެގާރާގައި ކުޅެން ނުކުތް ކަރިމް ބެންޒެމާއެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔަ ނަމަވެސް ރޭގެ މެޗުގައި ރިއަލްއަށް ރަނގަޅު ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.

ދެވަނަ ހާފު ފެށިގެން 11 ވަނަ މިނިޓުގައި އުފެއްދި ކައުންޓަރ އެޓޭކްއެއްގައި ގެޓަފޭއަށް އެއްވަރު ކޮށްދިނީ ޖޯޖް މޮލީނާއެވެ. އެއަށްފަހުވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރިއަލް ކުޅުނު ނަމަވެސް ރަނގަޅު ހަމަލާތަކެއް ނުއުފެއްދުނު އިރު، ރޮނާލްޑޯއަށް ލިބުނު ވަރަށް ހުސް ފުރުސަތެއް ވަނީ ބޭކާރުވެސް ވެފައެވެ. މެޗު އެއްވަރުވެގެން ނިމިދާނެކަމަށް ބެލެވުނު ނަމަވެސް، ރިއަލް މެޑްރިޑަށް 3 ޕޮއިންޓް ކަށަވަރުވީ 85 ވަނަ މިނިޓުގައި ރޮނާލްޑޯ ކާމިޔާބުކުރި ހިތްގައިމު ގޯލުންނެވެ. މިއީ މި ސީޒަން ފެށުނު ފަށުން ލީގުގައި ރޮނާލްޑޯ ޖެހި ފުރަތަމަ ގޯލެވެ.

މި މޮޅާއެކު ރިއަލް ވަނީ ބާސާއާ ދެމެދުގައި އޮތް 7 ޕޮއިންޓްގެ ފަރަގު 5 ޕޮއިންޓަށް ކުޑަކޮށްފައެވެ. މިވަގުތު އެއްވަނާގައި އޮތް ބާސާއަށް 22 ޕޮއިންޓް ލިބިފައިވާއިރު ރިއަލް ދެވަނައަށް ޖެހިލާފައިވަނީ 17 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް