މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާއާއި އަޅާ ބަލާއިރު މި އަހަރުގެ ތިންވަނަ ކުއާޓާގައި އެންޓި ކޮރަޕްޝަންކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލައިގެ އަދަދު ބޮޑުތަން ދަށްވެއްޖެ އެވެ.
އެގޮތުން އޭސީސީއިން ހާމަކޮށްފައިވާ ތަފާސް ހިސާބަށް ބަލާލާއިރު މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި 259 މައްސަލަ ރަޖިސްޓްރީކޮށްފައިވާއިރު މި އަހަރުގެ ތިންވަނަ ކުއާޓާގައި ރަޖިސްޓްރީ ކޮށްފައިވަނީ 167 މައްސަލަ އެވެ. އެއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 92 އަދަދުގެ ތަފާތެކެވެ.
އޭސީސީން ބުނެފައިވަނީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި 593 މައްސަލަ ވަނީ ރަޖސްޓްރީ ކުރެވިފައި ކަމަށެވެ.
"ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވުނު މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ދިރާސާ ކުރުމަށް ފަހު، 2017 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ތަޙްޤީޤު ކުރުމަށް ނިންމީ 142 މައްސަލައެވެ. 2016 ވަނަ އަހަރު އެމުއްދަތުގައި ތަޙްޤީޤު ކުރުމަށް ނިންމާފައިވަނީ 170 މައްސަލައެވެ." އޭސީސީން ހާމަކޮށްފައި ވެ އެވެ.
އޭސީސީން ބުނެފައިވަނީ ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ މައްސަލަތައްދަނީ އެ މެންޑޭޓެއް އޮތް އިދާރާއަކަށް ފޮނުވަމުން ކަމަށާއި މިގޮތުން މިއަހަރުގެ ތިން ވަނަ ކުއާޓަރގެ ތެރޭގައި 11 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާއިރު، 2016 ވަނަ އަހަރުގެ އެމުއްދަތުގައި ކޮމިޝަނުން އެހެނިހެން އިދާރާތަކަށް ފޮނުވާފައިވަނީ 24 މައްސަލަ ކަމަށެވެ.
މީގެއިތުރުން، ކޮމިޝަނުގެ މެންޑޭޓަށް ނުފެތޭތީއާއި އެކަށީގެންވާ ވަރަށް މަޢުލޫމާތު ލިބިފައިނުވާތީ 28 މައްސަލަ މިއަހަރުގެ ތިންވަނަ ކުއާޓަރގައި ނުބަލާ ދޫކޮށްލާފައިވާއިރު، 2016 ވަނަ އަހަރުގެ އެމުއްދަތުގައި 18 މައްސަލަ ވަނީ ނުބަލާ ދޫކޮށްލާފައި ކަމަށްވެސް އޭސީސީން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް