ފެން ފޯކާ ދެކޮޅަށް ތައިވާނު ސަރުކާރުން ބޮޑު ބިޔަ ކެމްޕޭނެއް ފަށައިފި

ތައިވާނު ރައްޔިތުންގެ މެދުގައި، ފެން ފޯކާއި ބިލެތް ލައިގެން ދުފުމަކީ އާއްމު ކަމަކަމަށްވެފައިވާއިރު އެ ނުބައި އާދައިން ރައްޔިތުން ރައްކާތެރި ކުރުމަށް ތައިވާނުން ބޮޑު ބިޔަ ކެމްޕޭނެއް ފަށައިފި އެވެ. އެ ގ...

15 Oct 2017 | 03:50

ތައިވާނު ރައްޔިތުންގެ މެދުގައި، ފެން ފޯކާއި ބިލެތް ލައިގެން ދުފުމަކީ އާއްމު ކަމަކަމަށްވެފައިވާއިރު އެ ނުބައި އާދައިން ރައްޔިތުން ރައްކާތެރި ކުރުމަށް ތައިވާނުން ބޮޑު ބިޔަ ކެމްޕޭނެއް ފަށައިފި އެވެ.

އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ކެމްޕޭނުގައި ސަރުކާރުން އެންމެ އިސްކަމެއް ދެނީ ފެންފޯއް ދަނޑުތަކުގެ ބަދަލުގައި އެހެން ބާވަތްބާވަތުގެ ދަނޑުތައް ހެއްދުމަށް ބާރު އެޅުމެވެ. އެގޮތުން އެމީހެއްގެ އަތުގައި އޮންނަ ފެންފޯއް ދަނޑުތައް ކަނޑާލައި ފައިދާ ކުރުވަނިވި އެހެން ބާވަތެއްގެ ދަނޑެއް ހައްދާނަމަ އެ ދަނޑުވެރިއަކަށް ލޯނު ދިނުމާއި ފައިސާގެ އިނާމު ކަނޑައެޅުންފަދަ ކަންކަން މި ކެމްޕޭނު ތެރޭގައި ހިމެނެ އެވެ.

2003ގައި އެ ގައުމުގައި ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި ދެ މިލިޔަނަށްވުރެ ގިނަ މީހުން އާދަވެ ފެން ފޯކާއި ބިލެތް އަދި ހުނި ލައިގެން ދުފަ އެވެ. އަދި ދުފުމުގެ ސަބަބުން އަނގައިގެ ކެންސަރު ޖެހުން އިންތިހާއަށް އިތުރުވަމުން އަންނަ ކަމުގައިވެސް އެ ދިރާސާއިން ދައްކާފައިވާކަމަށް ތައިވާނުގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެ އެވެ.

މި ކެމްޕޭނުގައި ތައިވާނު ސަރުކާރުން އަންނަނީ މަގުމަތީގައި ފެންފޯއް ވިއްކާ މީހުންނަށްވެސް ރަނގަޅު ގޮތެއް ހަދާދިނުމާއިމެދު މަޝްވަރާތައް ކުރަމުންނެވެ. ނަމަވެސް މިދިޔަ އަހަރު ފެށި މި ކެމްޕޭނަށް އަދި މާބޮޑު ކުރިއެރުމެއް ލިބިފައިނުވާކަމަށާއި އެހެންނަމަވެސް ބައެއް ދަނޑުވެރިން މި ކެމްޕޭނަށް އިޖާބަ ދެމުން އަންނަ ކަމަށް އެގައުމުގެ ހެލްތު އެޖެންސީން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް