ގައިދީންނަކީ ވެސް އިންސާނުންނެވެ. އެމީހުންނަށް ބޭސްފަރުވާ ކޮށްދެއްވާށެވެ!

ގައިދީންނަކީ ވެސް އިންސާނުންނެވެ. އިންސާނުންގެ އިހްސާސްތަކާއި އިންސާނުންނަށް ހިއްސުތައް ހަމަ އެމީހުންނަށް ވެސް ލިބިގެންވެއެވެ. މިދުވަސްވަރަކީ އަނެއްކާވެސް ގައިދީންގެ ބޭސްފަރުވާގެ ވާހަކަ ވަރަށް ގަދައަށ...

14 Oct 2017 | 21:55

ގައިދީންނަކީ ވެސް އިންސާނުންނެވެ. އިންސާނުންގެ އިހްސާސްތަކާއި އިންސާނުންނަށް ހިއްސުތައް ހަމަ އެމީހުންނަށް ވެސް ލިބިގެންވެއެވެ. މިދުވަސްވަރަކީ އަނެއްކާވެސް ގައިދީންގެ ބޭސްފަރުވާގެ ވާހަކަ ވަރަށް ގަދައަށް ދެކެވެމުން އަންނަ ދުވަސްވަރެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މޭޑޭ މުޒާހާރާގައި ބައިވެރިވި އަބްދުﷲ ރަޝީދު ނިޔާވެފައިވާއިރު އޭނާގެ އާއިލާއިން ދަނީ އޭނާއަށް އެކަށީގެންވާ ބޭސްފަރުވާ ލިބިފައިނުވާ ކަމުގެ ޝަކުވާ ކުރަމުންނެވެ.

އަބްދުﷲ ރަޝީދަކީ ކުށްވެރިއެއްތޯ، ސިޔާސީ ކުށްވެރިއެއްތޯ އެ ބަހުސްއަށް ވަންނާކަށް ނެތީމެވެ. ބަހުސް ކުރަންނުޖެހޭ ހިސާބުން ފަށަމާ ހިނގާށެވެ. އަބްދުﷲ ރަޝީދަކީ އިންސާނެކެވެ. މުސްލިމު އަޚެކެވެ. އެއީ ދިވެހި ރައްޔިތެކެވެ. އިންސާނަކަށްވީތީ ލިބެންޖެހޭ ހައްގުތައް އޭނާ އަށް ލިބެންޖެހެއެވެ. އަބްދުﷲ ރަޝީދު ކޮށްފައިވަނީ ކުށެއްނަމަ އެ ކުށުގެ އަދަބެއްގެ ގޮތުގައި ވަނީ ޖަލަށްލާފައެވެ. އެ ކުށަށް އިތުރު އަދަބެއް ދޭކަށް ނުޖެހޭނެއެވެ. ފަސް ކުދިންގެ އެ ބައްޕަގެ ހިތުގަ އަޅަމުން ދިޔަ ވޭނާ ކެކެޅުމަށް ތިބާ ނިކަން ވިސްނާލާށެވެ. ބަލިހާލުގައި އެކަށީގެންވާ ފަރުވާއެއްނެތި ކަރުނައަޅާ ގިސްލަމުން ދިޔަ އިރު ތިބާގެ އަމިއްލަ ނަފުސާއި ސުވާލުކޮށްލާށެވެ. އަޅުގަނޑު ކޮށްލަން ބޭނުންވަނީ އެންމެ ސުވާލެކެވެ. އެއީ ތިބާގެ ބައްޕަ ނުވަތަ ބޭބެ ނުވަތަ ކޮއްކޮ ނަމަ އޭނާ އާއި ދޭތެރޭ އަމަލުކުރާނީ ހަމަ އެފަދައިންތޯއެވެ. އެ ވޭނީ ރުއިމަށް ދޭނީ ހަމަ ބީރު ކަންފަތެއްތޯއެވެ. އެ ކުޑަކުޑަ ދަރިފުޅު، ނިޔާވެފައިވާ ބައްޕަގެ ކައިރީގައި ރޮމުންދިޔަ އިރު ކުރެވުނީ ކޮންފަދަ އިހްސާސެއް ހެއްޔެވެ. ސިޔާސީ ނުފޫޒާ ދުނެޔެވީ އަރާމާ ޖާހާ މާލަށްޓަކައި ތިމާގެ އިންސާނިއްޔަތުކަން ގުރުބާންކުރީތޯއެވެ.

ތިބާ އަށް ކުރުވެނީ ކުށެއްކަން ނުވަތަ ނޫންކަށް އެންމެ ރަނގަޅަށް އެނގޭނީ ތިމާއަށެވެ. ދުނިޔެމަތީގައި ސިއްރުކުރެވިދާނެއެވެ. އެހެނަސް ހަނދާންކުރާށެވެ. މާދަމާ ﷲ ދަރުބާރުގައި އިންސާފު ލިބޭނެއެވެ. ސިޔާސީ ޕާޓީއެއް ޖުޑިޝަރީ އެއް އެހެން އެއްޗެއް އެހެން ކަމެއް ތިބާގެ ދިފާއުގައި ނާންނާނެއެވެ. އޭ ލޮބުވެތި އަޚާއެވެ. ލޮބުވެތި އުޚުތާއެވެ. ގައިދީންނަކީ ވެސް އިންސާނުންނެވެ. އެމީހުންނަށް އިހްސާންތެރިވާށެވެ. ކުށްވެރިއަކަށް ވުމަކީ ބަލިނުވާންވީ ސަބަބެއް ނޫނެވެ. ކުށްވެރިއަކަށް ވުމަކީ ބޭސްފަރުވާ ނުލިބެންޖެހޭ ސަބަބެއްވެސް ނޫނެވެ. ގިޔާމަތްދުވަހަށްޓަކައި ނަމަވެސް ބިރުވެތިވާށެވެ. ގޯސްކޮށް ކަމެއް ކުރެވިފައިވާނަމަ މަޢާފަށް އެދޭށެވެ. ތައުބާވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް