އުތުރު ކޮރެއާއިން އަނެއްކާވެސް މިސައިލެއް ޓެސްޓު ކުރަން ތައްޔާރުވަމުން ދާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ދެކުނު ކޮރެއާގެ ސަރުކާރުގެ މަސްދަރަކާއި ހަވާލާދީ މި ރިޕޯޓުތަކުގައި ބުނެފައިވަނީ އުތުރު ކޮރެއާއިން މިސައިލްތަކެއް ހޭންގަރ ތަކުން ނެރެގެނެ ލޯންޗަރ ތަކުގައި ގެންދާ މަންޒަރު އެމެރިކާގެ ސެޓްލައިޓަކަށް ފެނިފައިވާކަމަށެވެ. އަދި މި ރިޕޯޓުތައް ބުނާގޮތުން ޓެސްޓް ކުރަން ތައްޔާރުވަނީ އެމެރިކާއަށް ފޯރާ މަރުކާގެ މިސައިލެެކެވެ. ނުވަތަ މީގެ ކުރިން އުތުރު ކޮރެއާއިން ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައިވާ ގުއާމްއަށް ފޯރާ މަރުކާގެ މިސައިލެކެވެ.
މި ރިޕޯޓުތަކުގެ ސައްހަކަން ކަށަވަރު ކޮށްދޭން ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓްރީން ވަނީ ދެކޮޅު ހަދާފައެވެ. އެހެން ނަމަވެސް އެ މިނިސްޓްރީން ބުނެފައިވަނީ އުތުރު ކޮރެއާއިން ހިންގަމުން ގެންދާ ކަންކަން ގާތުން ބަލަމުން އަންނަ ކަމަށެވެ.
އުތުރު ކޮރެއާއިން މިސައިލެއް ޓެސްޓް ކުރަން އުޅޭކަމުގެ ރިޕޯޓުތައް ލިބިފައިމިވަނީ އެމެރިކާއާއި ދެކުނު ކޮރެއާ ގުޅިގެން ކަނޑުމަތީގެ ތަމްރީނުތަކެއް ހިންގުމަށް ތައްޔާރުވަމުން ދަނިކޮށެވެ. މި ތަމްރީނުތައް ކުރިއަށް ގެންދިޔުމުގެ މަގުސަދަކީ އެމެރިކާގެ އަޝްކަރީ ބާރުގެ ފެންވަރު ދައްކާލުން ކަމަށް އެގައުމުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް