ދެކުނުގެ ރަށްރަށުގައި ފެންބޮޑުވުމަށްފަހު ހާލަތު އާދައިގެ ދިރިއުޅުމަކަށް ބަދަލުވަނީ

ހަތަރު ދުވަހު ދެކުނުގެ އަތޮޅުތަކަށް ކުރި ވިއްސާރައިގައި އައްޑޫ ސިޓީ ފުވައްމުލައް ސިޓީ އަދި ގއ. އާއި ގދ. އަތޮޅުގެ ރަށްރަށުގައި ފެންބޮޑުވުމަށްފަހު މޫސުން ރަނގަޅުވެ ހާލަތު އާދައިގެ ދިރިއުޅުމަކަށް ބަދަލުވ...

15 Sep 2026 | 09:04
ދެކުނަށް ކުރި ވިއްސާރައިގެ ތެރެއިން - ފޮޓޯ: އެންޑީއެމްއޭ

ދެކުނަށް ކުރި ވިއްސާރައިގެ ތެރެއިން - ފޮޓޯ: އެންޑީއެމްއޭ

ހަތަރު ދުވަހު ދެކުނުގެ އަތޮޅުތަކަށް ކުރި ވިއްސާރައިގައި އައްޑޫ ސިޓީ ފުވައްމުލައް ސިޓީ އަދި ގއ. އާއި ގދ. އަތޮޅުގެ ރަށްރަށުގައި ފެންބޮޑުވުމަށްފަހު މޫސުން ރަނގަޅުވެ ހާލަތު އާދައިގެ ދިރިއުޅުމަކަށް ބަދަލުވަމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުން ބުނީ ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ގެތައް ސާފުކުރުމާއި ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކަމާ ގުޅޭ ހުރިހާ ފަރާތްތައް ގުޅިގެން ފަށާފައިވާ ކަމަށެވެ. ވިއްސާރައާ ގުޅިގެން މެދުކެނޑުނު އާންމު ހިދުމަތްތައް އަލުން ފެށިފައިވާ ކަމަށާއި ވަގުތީ ގޮތުން އެހެން ތަންތަނަށް ބަދަލުކުރެވުނު އާއިލާތައް އެމީހުންގެ ގެދޮރަށް އަނބުރާ ގެންދިޔުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށްވެސް އެ ސެންޓަރުން ބުނެފައިވެއެވެ. ފެންބޮޑުވުމާ ގުޅިގެން ބައެއް ރަށްރަށުގެ ނަރުދަމާ ނިޒާމަށް ދިމާވި މައްސަލަތައް ހައްލުކޮށް އެ ހިދުމަތް ގާތްގަނޑަކަށް އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ފެންބޮޑުވި ސަރަހައްދުތައް ސާފުކުރުމުގައި ސަމާލުކަން ދޭންޖެހޭ ސިއްހީ އިރުޝާދުތައް ސިއްހީ މަރުކަޒުތައް މެދުވެރިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުންނަށް ފޯރުކޮށްދެމުން ގެންދާ ކަމަށް އެ ސެންޓަރުން ބުނެފައިވެއެވެ. އަދި ގެއްލުންތައް ވަޒަންކުރުމަށްފަހު ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަން ވިލަރެސްކޮށް ފޯރުކޮށްދެމުން ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ޕެސިފިކް ކަނޑުގައި އުފެދިފައިވާ އެލްނީނޯގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ބޮޑުވާނެ ކަމަށް ކުރިން ލަފާކުރެވިފައިވާތީ ވިއްސާރަ ފެށުމުގެ ކުރިން ކައުންސިލްތަކާއި މުއައްސަސާތަކުން ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރަ ބުރާސްފަތި ދުވަހުން ފެށިގެން އެއްކޮށް އަލިވާން ފަށާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް