ރާއްޖެއާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއްގެ މަޝްވަރާތައް ފެށުމަށް ނިންމައިފި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމު...

15 Sep 2026 | 08:49
މެލޭޝިއާގެ ބޮޑުވަޒީރާއި ރާއްޖޭގެ ރައީސް - ފޮޓޯ: ރައީސް އޮފީސް

މެލޭޝިއާގެ ބޮޑުވަޒީރާއި ރާއްޖޭގެ ރައީސް - ފޮޓޯ: ރައީސް އޮފީސް

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް އެއްބަސްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދެ ގައުމުގެ ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސް ވިދާޅުވީ މެލޭޝިއާގެ ބޮޑުވަޒީރުގެ މި ޒިޔާރަތަކީ ދެ ގައުމުގެ ޒަމާންވީ ގާތް ގުޅުމާއި އެއް ގައުމު އަނެއް ގައުމަށް ކުރާ އިހްތިރާމު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. މި ދަތުރުފުޅުގައި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ދާއިރާތައް ވަރުގަދަ ކުރުމުގެ އިތުރުން އައު ދާއިރާތަކުން އެކުގައި ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ދެ ލީޑަރުންގެ ބައްދަލުވުމުގައި ވިސާގެ ހިދުމަތް ފުޅާކުރުމާއި ސްކޮލަރޝިޕް ފުރުސަތުތައް އިތުރުކުރުމާއި ގުޅިގެން ދިރާސާތައް ހެދުމާ ބެހޭ ގޮތުން ވާހަކަ ދެއްކެވިއެވެ. ހަމައެއާއެކު މެލޭޝިއާގައި ދިރިއުޅެމުންދާ ދިވެހީންނާއި ބޭސްފަރުވާއަށް އެ ގައުމަށް ދަތުރުކުރާ ދިވެހީންނަށް ކުރިމަތިވާ ދަތިތައް ހައްލު ކުރެއްވުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ހަލާލް ފަތުރުވެރިކަމާއި ސަގާފީ އަދި ދީނީ ފަތުރުވެރިކަން ކުރިއެރުވުމާ ބެހޭ ގޮތުންވެސް ދެ ބޭފުޅުން ހިޔާލު ބަދަލު ކުރެއްވިއެވެ.

އިގްތިސާދީ ގުޅުން ފުޅާކުރުމުގެ ގޮތުން ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތައް ބޭނުން ކުރެއްވުމަށް މެލޭޝިއާ ސަރުކާރާއި ވިޔަފާރިވެރިންނަށް ރައީސް ދައުވަތު ދެއްވާފައިވެއެވެ. އެ ގޮތުން އިއާދަ ކުރަނިވި ހަކަތައާއި ޑިޖިޓަލް ވަސީލަތްތަކާއި އިމާރާތް ކުރުމާއި އިސްލާމީ ފައިނޭންސް ފަދަ ދާއިރާތަކުން ލިބެން ހުރި ފުރުސަތުތަކާ ބެހޭ ގޮތުންވެސް ވާހަކަ ދެއްކެވި ކަމަށް ވިދާޅުވިއެވެ. ދަތުރުފުޅުގެ ތެރެއިން ދެ ފަރާތުން ސޮއި ކުރެއްވި އެއްބަސްވުންތަކުގެ ސަބަބުން އައު ފުރުސަތުތައް ފަހިވެ ދެ ގައުމުގެ ގުޅުން އިތުރަށް ކުރިއަރައިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މެލޭޝިއާއަކީ ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގައި ޒަމާންވީ ބައިވެރިއެއް ކަމަށާއި މަތީ ތައުލީމުގެ ދާއިރާއިން އެ ގައުމުން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުން އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމާއި އެ ގައުމުގެ މިނިވަންކަން ކަށަވަރު ކުރުމުގައި ދެ ގައުމުން ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ވަކާލާތު ކުރައްވާނެ ކަމަށެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހި ކުރާނެ ދަތުރުފުޅެއް ކަމަށް ދެ ފަރާތުންވެސް ސިފަ ކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް