N/A
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ހެނދުނު މާލޭގެ ޖުމްހޫރީ މައިދާނުގައި ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ. ބޮޑުވަޒީރަށް ރަސްމީކޮށް މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި ސްކޫލު ދަރިވަރުންގެ ޘަޤާފީ ހުށަހެޅުމެއް ބޭއްވުމުގެ އިތުރުން، ބޮޑުވަޒީރުގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް އެރުވިއެވެ. ދިވެހި އަސްކަރިއްޔާގެ ބޭންޑުން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައިވާ އިރު، ބޮޑުވަޒީރު ވަނީ ގާޑް އޮފް އޮނަރ އިންސްޕެކްޓް ކޮށްދެއްވައިފައެވެ. އެ ރަސްމިއްޔާތުގައި ދިވެހި ދައުލަތުގެ އިއްޒަތްތެރީން ބޮޑުވަޒީރަށް ތަޢާރަފުވެވަޑައިގެންފައިވެއެވެ.
ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެމަނިކުފާނަށް އެއާޕޯޓުން މަރުޙަބާ ދެންނެވީ ރައީސް ޑރ. މުޢިއްޒެވެ. މި ދަތުރުފުޅަކީ މި މަހުގެ 14 އިން 15 އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ދެ ލީޑަރުން ރަސްމީ ވާހަކަފުޅުތައް ބާއްވަވައި، ބައިނަލްއަޤުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމާއި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ބައެއް ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތްތައް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ދައުވަތު ބޮޑުވަޒީރަށް އެރުވީ 2025 ވަނަ އަހަރުގެ އެޕްރީލް މަހު ރައީސް މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރާއްޖެ އާއި މެލޭޝިއާ އާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 58 އަހަރު ފުރިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް